މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އެ މަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދަޢުވަތުގައި ކުރައްވަވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެ މަނިކުފާނުގެ ދަތުރުފުޅުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާނެއެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއިވެސް ބައްދަލުކުރައްވާނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް އެ މަނިކުފާނު ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
One Response
ތިޔައީ ސައުދިޔާގެ ރަސްމީ ދަތުރެއްތޯ ކޮންމެވެސްޱކުއްޖަކު ބަލާދީބަލަ. ރަސްމީ ދަތުރަކަށް ވާނީ ފޮނުވާ ގައުމަކުން ރަސްމީ ބޭނުމެއްގައި ފޮނުވީމަ. ރާއްޖޭގެ ވުޒާރާއަކުން އާއްމު ފަރާތަކަށް ނުވަތަ ސަރުކާރުގެ މުއައްޒަފަކަށް ދޭ ދައުވަތަކަށް އަންނަ އައުމަކީ އެއީ ރަސްމީ ކަމެއް ނޫން. އެ ފަދަ ދަތުރުތަކަށް ގައުމީ ސަލާން ކިޔައި އިސްތިގުބާލަށް ސިފައިން ކުރުނީސް ކުރުމަކީ އާއްމުކޮށް ކުރާކަންތަކެއްނޫން. ތިޔަ އިސްތިގުބާލުގައި ސައުދީގެ އެމްބަސީގެ ރަސްމީ ބައިވެރިވިމެއް އޮތްތޯވެސް ބަލާލުން ރަނފަޅުވާނެ.