އެމްއެންޑީއެފާއި ށ. ފުނަދޫ އެއަރޕޯޓުގެ ފަޔަރ ފައިޓަރުން ގުޅިގެން ކުރި މަސައްކަތުން، އެރަށު ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފިއެވެ.
އެމްއެންޑީއެފުން ބުނީ، ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ ހެނދުނު 8:00 ހާއިރު ކަމަށެވެ. އެއާއެކު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން އެރަށަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
މި ހާދިސާގައި، އެ ސަރަހައްދުގައި ހުރި 4 ގެއަކަށާއި 5 ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އަދި 16 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން އެރަށު ހޮސްޕިޓަލުން ދަނީ ފަރުވާދެމުންނެވެ.
ކައުންސިލުން ހެނދުނު ބުނީ، އޭރު ވައި ހުރި މިސްރާބުގެ ގޮތުން، ދުމާއި ހުޅުގަނޑު ހުރީ ރަށުތެރެއަށް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ ގެތަކުން މީހުން ހުސްކޮށްފައިވާއިރު، އެ ރަށު ސްކޫލުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލާފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މި ޕެޓްރޯލް ޝެޑަކީ އެ ރަށުގައި އަމިއްލަ ފަރާތަކުން ހިންގާ ޕެޓްރޯލް ޝެޑެކެވެ.
![]()
