އިސްރާއީލުގެ އާންމު އިންތިޚާބަށް އެންމެ ތިން ދުވަހަށް ވެފައިވަނިކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، 7 އޮކްޓޫބަރު 2023 ގައި ޙަމާސް އިސްވެދިން ޙަމަލާތަކާ ގުޅިގެން ސަލާމަތީ ގޮތުން ދިމާވި ނާކާމިޔާބީތަކުގެ މިނިވަން ތަޙުޤީޤެއް ހިންގުމަށް ގޮވާލައި، ހޮނިހިރު ދުވަހު ތެލް އަވީވްގައި އެތައް ހާސް އިސްރާއީލީން އެއްވުމެއް ބާއްވައިފިއެވެ.
މި މުޒާހަރާ ބާއްވާފައިވަނީ ”ހޮސްޓެޖަސް ސްކުއެއަރ“ ގައެވެ. އަދި މިއީ ޣައްޒާއަށް ގެންދެވުނު އަސީރުންގެ ޢާއިލާތަކުން އުފައްދާފައިވާ ޖަމާޢަތެއް ކަމަށްވާ ”އޮކްޓޫބަރު ކައުންސިލް“ އިން އިންތިޒާމުކުރި އެއްވުމެކެވެ. މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ އެ ޙަމަލާތައް ހިނގަން މެދުވެރިވި ގޮތް ދެނެގަތުމަށާއި، އެކަން ހުއްޓުވުމުގައި އިހުމާލުވި އޮފިޝަލުން ޒިންމާދާރު ކުރުވުމަށްޓަކައި ދަޢުލަތުގެ ތަޙުޤީޤީ ކޮމިޝަނެއް އެކުލަވާލުމަށެވެ.
އިދިކޮޅު އިސް ޝަޚުޞިއްޔަތުން ވެސް މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޔަޝާރު ޕާޓީގެ ލީޑަރު ގާދީ އައިޒެންކޮޓް އާއި ޑިމޮކްރެޓްސް ޕާޓީގެ އިސްވެރިޔާ ޔާއީރު ގޯލާން ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން އިސްރާއީލުގެ އެހެން ބައެއް ސަރަޙައްދުތަކުގައި ވެސް ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރިއަށްދިޔަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި މުޒާހަރާތައް މި ހިނގަނީ އަންގާރަ ދުވަހު ބާއްވާ އިންތިޚާބުގައި ވާދަވެރިކަން ވަރަށް ބޮޑުވާނެ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަމުންދާ ދަނޑިވަޅެއްގައެވެ. އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ކޯލިޝަނަށް، އައިޒެންކޮޓްގެ ފެކްޝަނުން ދަނީ ވަރުގަދަ ގޮންޖެހުމަކާ ކުރިމަތިލާން ޖެހެމުންނެވެ. އަދި މިހާރު ލަފާކުރެވޭ ގޮތުގައި އެއްވެސް ފަރާތަކަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ލިބޭނެ ކަމަކަށް ނުބެލެވެއެވެ.
ނަތަންޔާހޫގެ ކޯލިޝަނުން ވަނީ މިނިވަން ތަޙުޤީޤެއް ހިންގުމަށް ގޮވާލާ ގޮވާލުންތަކަށް އިންކާރުކޮށްފައެވެ. އޭގެ ބަދަލުގައި އެފަރާތުން ހުށަހަޅަނީ ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން މެންބަރުން ކަނޑައަޅާ ކޮމިޝަނެއް އުފެއްދުމަށެވެ. ނަމަވެސް އިދިކޮޅު ލީޑަރުން ވަނީ މި ހުށަހެޅުން ޤަބޫލުނުކޮށް، އެފަދަ ކޮމިޝަނެއް ބޮއިކޮޓް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
މި އިންތިޚާބުގެ ސަބަބުން ސަރަޙައްދީ ސިޔާސަތުތަކަށް، ޚާއްޞަކޮށް އީރާނާ ދެކޮޅަށް އަލުން އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުޞަތު ފަދަ ކަންކަމަށް އިސްރާއީލުން ގެންގުޅޭނެ ގޮތްތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، މިނިވަން ފަލަސްޠީނު ދަޢުލަތެއް ޤާއިމުކުރުމާ ދެކޮޅަށް، އިސްރާއީލުގެ މައިގަނޑު ސިޔާސީ ޕާޓީތައް އަދިވެސް އޮތީ އެއްބަސްވެ އެއްގަލަކަށް އަރައިގެންނެވެ.
![]()
