ތޫފާން ޗަމްޕީ ތައިވާނަށް! އެކަކު މަރުވެ، 350 މީހުން ޒަޚަމްވެއްޖެ!

Loading

Facebook
Twitter
WhatsApp

ބާރުގަދަ ތޫފާން ޗަމްޕީ ތައިވާނަށްވެސް ފޯރައި، އެކަކު މަރުވެ، މަދުވެގެން 350 މީހުން ޒަޚަމްވެއްޖެއެވެ. ގެދޮރު ހަލާކުކޮށްލާ ފަދަ ބާރުގަދަ ވައިރޯޅިތަކާއި ބޯވިއްސާރައިގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފައިވާއިރު، މި ތޫފާނާ ގުޅިގެން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމާއި، ކަރަންޓު ކެނޑުމާއި، އާންމު ދިރިއުޅުމަށް ބޮޑެތި ބުރޫއެރުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އިއްޔެ މި ތޫފާން ތައިވާނުގެ އިރުއުތުރު ސަރަހައްދަށް އެރިއިރު، ގަސްތައް ވެއްޓި، ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކޮށް، އެތައް ހާސް ގެއަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. އައްސޭރިފަށުގެ ސަރަހައްދުތަކަށް ތޫފާނުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން، 4،300 އަށް ވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެދޮރުން ރައްކާތެރި ތަންތަނަށް ބަދަލުކޮށްފައެވެ.

ތައިވާނުގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަނުން އިންޒާރު ދީފައިވާ ގޮތުގައި މިއަދުގެ ނިޔަލަށް ވިއްސާރަ އަލިވާނެކަމަކަށް ލަފައެއް ނުކުރެވެއެވެ. ތޫފާނުގެ ވަރުގަދަކަމުން ގޭތެރޭގައި ތިބުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހާ ދެމެދު މި ތޫފާނުގެ ސަބަބުން 900 މިލިމީޓަރާ ހަމައަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، އެންމެ ބޮޑަށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ އިރުއުތުރު ސަރަހައްދުތަކަށެވެ. ހުކުރު ދުވަހާ ހަމައަށް ވެސް ޔީލާން ކައުންޓީއަށް ވަނީ 400 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައެވެ.

ބާރުދެރަވުމުގެ ކުރިން، ޗަމްޕީ ވަނީ ކުޑަ ވަގުތުކޮޅަކަށް ”ސުޕަރ ޓައިފޫން“ އެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ވަގުތު ވައިގެ ބާރުމިން ހުރީ ގަޑިއަކު ގާތްގަނޑަކަށް 300 ކިލޯމީޓަރުގައެވެ. އެހެންނަމަވެސް، ތައިވާނުގެ އިރުއުތުރު ކަނޑައޮޅިއާ ކައިރިން ތޫފާނުގެ ދުވެލި މަޑުޖެހި، އޭގެ އަސަރު ކުރާ މުއްދަތު ދިގުދެމިގެން ހިނގައިދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

މި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ޗައިނާއާއި ޖަޕާނާ ދިމާއަށެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ އެތައް ސަތޭކަ ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. ޖަޕާނުގެ އޮކިނާވާ ރަށްތަކުގައި ހުކުރު ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 8،400 ގެއަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

ޗަމްޕީއަކީ އެލް ނީނޯގެ ސަބަބުން ޕެސިފިކް ކަނޑުގެ ތޫފާންތައް އުފެދޭ މޫސުން އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އުފެދުނު އެންމެ ބާރުގަދަ ތޫފާނެވެ. ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަނުން އިންޒާރު ދީފައިވާ ގޮތުގައި މިހާރު ކުރިމަތިވެފައިވާ އެލް ނީނިއޯގެ އަސަރު މީގެ ކުރިން ދުވަހަކުވެސް ނުދެކޭ މިންވަރަށް ވަރުގަދަވެގެން ގޮސް، އޭގެ ނޭދެވޭ އަސަރުތައް 2027 އަދި އޭގެ ފަހަށް ވެސް ދެމިގެން ދިއުން އެކަށީގެންވާކަމަށް މާހިރުން ލަފާކުރެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް