ރަޝިޔާގެ ކާރސްކް ޖަޒީރާގެ އުތުރު ސަރަހައްދެއްކަމުގައިވާ ސުޑްޒާއަށް އަރާތިބި ޔޫކްރެއިންގެ ސިފައިންނަށް ފާރަލަމުން ނޭވާލުމަށްޓަކައި ބޭނުންވާ އޮކްސިޖެންވެސް ރަނގަޅަށް ލިބެންނެތް 9 މޭލުގެ ދިގު ގޭސް ޕައިޕްލައިނެއްގެ ކިސަޑުތަކުގެ ތެރޭގައި 2 ދުވަސްވާންދެން ލޫދެމުންގޮސް އެ ޖަޒީރާގައި ރަޝިޔާގެ ސިފައިން ހިންގި މިލިޓްރީ ހަރަކާތުން ލިބުނީ ނަސްރެއްކަމަށް ބެލެވޭ ކާމިޔާބީއެއްތޯ ނުވަތަ ގަތުލު އާންމެއްތޯ މީޑިއާތަކުން ސުވާލު އުފައްދަން ފަށައިފިއެވެ. ރަޝިޔާއިން ދެކޭގޮތުގައި އެއީ ރަޝިޔާގެބިމަށް އަރައިގަނެގެންތިބި ޔޫކްރެއިންގެ ލަޝްކަރުގެ ކިބައިން އެ ބިންތައް ސަލާމަތް ކުރުމަށްޓަކައި ރަޝިޔާގެ އެންމެ ކުޅަދާނަ ސިފައިންގެ ތެރެއިން ހޮވާލެވިފައިޔިބި “ އިލައިޓް ލަޝްކަރުން “ ގައުމަށް ހޯދާދިން ނަސްރެކެވެ. އެ ލަޝްކަރުން ހޯދި ނަސްރާއެކު އެނބުރި އައުމުން ލިބުނީ ހީރޯއިންގެ މަރުހަބާއެކެވެ.
“ ބިރުވެރިކަމާއި ނާމާންކަމުގެ ހުރިހާ ޕައިޕްލައިނެއް ގޮއްވާލުމަށްފަހު ބިމުއަޑިން އަހަރެމެން އެނބުރި އަންނާނަމެވެ “ މިއީ އިލައިޓް ލަޝްކަރުން ހޯދި ނަސްރު ފާހަގަކުރުމުގެ ގޮތުން ހަދާފައިވާ ލަވައެއްގެ ފުރަތަމަ އިބާރާތް ކޮޅެވެ. މި ލަވަ އެންމެ ފުރަތަމަ ކިޔާފައިވަނީ ރަޝިޔާގެ މެދުތެރޭގައިހުރި ނަސާރާއިންގެ ފައްޅިއެއްގެ ކުރިމަތީގައެވެ.
ކާރސްކް ޖަޒީރާއަށް އަރައިގަނެގެންތިބި ޔޫކްރެއިންގެ ލަޝްކަރަށް ރަޝިޔާގެ މި ޕޮޓޯކް އޮޕަރޭޝަން ރޭކާލީވެސް ރަޝިޔާ ސިފައިންގެ ބަޑިތަކުން ނިކުތް ވިދުވަރުގެ އަމާޒަކަށްވީ ފަހުންނެވެ. އެހެންނަމަވެސް ޔޫކްރެއިން ސިފައިން އެ ހާދިސާ ކިޔާދެނީ ތަފާތުގޮތަކަށެވެ. ޔޫކްރެއިން ސިފައިން ކިޔާދީފައިވާގޮތުގައި ރަޝިޔާ ސިފައިން ހޯދީ ނަސްރެއް ނޫނެވެ. އެއީ މިލިޓްރީ އެއްވެސް ރޭވުންތެރިކަމެއް އަދި ހަތިޔާރެއްވެސް ނެތް ހާލުގައި ޖެހިފައިވާ ބަޔަކާމެދު ހިންގި ގަތުލު އާންމެކެވެ.
ޔޫކްރެއިން ސިފައިން ކާރސްކް ޖަޒީރާއަށް އަރާގަތުމަށްފަހު ހިނގާދިޔަ ކަންތައްތައް މީޑިއާ ތަކުންވެސް ސިފަކޮށްދެމުންގެންދަނީ ތަފާތު ގޮތްގޮތަށެވެ.
މިދިޔަ އަހަރު އޯގަސްޓްމަހުގެތެރޭގައި ޔޫކްރެއިން ސިފައިން ކުއްލިގޮތަކަށް ރަޝިޔާގެ ކާރސްކް ޖަޒީރާ ހިފުން ވެގެންދިޔައީ 2 ވަނަ ބޮޑު ހަނގުރާމައަށްފަހު ބޭރުގެ ލަޝްކަރަކުން ރަޝިޔާގެ ބިމެއް އަތުލާގަތް ފުރަތަމަފަހަރު ކަމަށެވެ. ކީވުން އުންމީދުކޮށްގެންތިބީ ހަނގުރާމަހުއްޓުވުމަށް ކުރެވޭ މަޝްވަރާތަކެއްގައި އެއީ ޔޫކްރެއިނުން ޒުވާބުކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެކަމަށެވެ. އެހެންނަމަވެސް ރަޝިޔާ ސިފައިން ގެންދިޔައީ ލަސްލަހުންނަމަވެސް އެ ޖަޒީރާ އަލުން މިނިވަންކުރަމުންނެވެ. ރަޝިޔާއިން ދެމުންގެންދިޔަ ހަމަލާތަކުގައި ރަޝިޔާއާއި އުތުރު ކޮރެއާގެ ސިފައިންނަށް ބޮޑެތި ގެއްލުންތަލެއް ލިބެމުންދިޔަކަމަށް ޔޫކްރެއިނުން ގެންދިޔައީ ބުނަމުންނެވެ.
މި އަހަރު މާރޗްމަސް އައުމުގެ ކުރިން ރަޝިޔާއިން ވަނީ ކާރސްކް ޖަޒީރާގެ %64 މިނިވަން ކޮށްފައެވެ. އަދި ސުޑްޒާގެ މަގުން ޔޫކްރެއިން ސިފައިންނަށް އެއްޗެހި ފޯރުކޮށްދެވިދާނެ މަގު ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. ވޯޝިންގޓަނުން ޔޫކްރެއިނަށް ފޯރުކޮށްދެމުންގެންދިޔަ ޖާސޫސޫ މައުލޫމާތު މާރޗް 5 ގައި ހުއްޓާލުމާގުޅިގެން ރަޝިޔާ ލަޝްކަރުތަކުގެ ހަރަކާތްތައް އޮޅުންފިލާނެ މަގުވެސް އޮތީ ބަންދުވެފައެވެ. މާރޗް 11 ވަނަ ދުވަހާ ހަމަޔަށް އެމެރިކާއިން އެއްވެސް ޖާސޫސީ މައުލޫމާތެއް ޔޫކްރެއިނަށް ފޯރުކޮށް ނުދެއެވެ. ރަޝިޔާއިން އޭރުވެސް އިންޒާރު ދެމުންގެންދިޔައީ ފުރުސަތުގެ ބޭނުން އެ ގައުމުގެ ލަޝްކަރުތަކުން ހިފާނެކަމަށެވެ.
ޕޮޓޯކް ހަރަކާތްތައް ރޭވިގެން ދިޔައީ އެ މުއްދަތުގައި ކަމަށް ކްރެމްލިނުން ބުނެފައިވެއެވެ. ގޭސްޕައިޕްތަކުން ގޭސްހުސްކޮށް އޮކްސިޖެން ލިބޭނެގޮތް ހަމަޖައްސައި އެއަށްފަހު ޚާއްސަ މިލިޓްރީންގެ 800 މީހުން ކަނޑައަޅައި ކާބޯތަކެއްޗާއި ހަތިޔާރު އިންތިޒާމްކުރުމަށް 3 ހަފުތާގެ މުއްދަތެއް ބޭނުންވިކަމަށް އެ ހަރަކާތުގެ ކޮމާންޑަރ ބުނެފައި ވެއެވެ. ޕޮޓޯކް ހަރަކާތަށް ދީފައިވާ ނަމަކީ ޒޮމްބީ އެވެ.
ޕޮޓޯކް ހަރަކާތަށް ބޭނުންކުރި 55 އިންޗި ޑައިމީޓަރގެ ޕައިޕްލިއިނަކީ އޭގެ 2 މަސްދުވަސްކުރިން ސައިބީރިއާގެ ގޭސް ޔޫރަޕަށް ފޯރުކޮށްދޭން ބޭނުންކުރި ޕައިޕްލައިނެކެވެ. އެ ހަރަކާތުގައި ބައިވެރިވި ސިފައިންގެ މީހަކު ކިޔާދިންގޮތުގައި ޕައިޕްލައިންތެރޭގައި ފިތި ބާރުވެގެން ތިބެން ޖެހުމާއި އެއްވެސް އަލިކަމެއް ނެތުން ވަރަށް ބޮޑު ތަކްލީފަކަށް ވިއެވެ. އަދި ބައެއް ސިފައިންނަށް ކެމިކަލް އަސަރުވެސް ކުރިކަމަށްވެއެވެ. މިއީ މުޅި ދުނިޔޭގައިވެސް މިބާވަތުގެ ހަރަކާތެއް ހިންގުނު ފުރަތަމަ ފަހަރުކަމުގައި ވެގެންދާނެއެވެ. ޕޮޓޯކް ހަރަކާތުގައި ބައިވެރިވި ރަޝިޔާ ސިފައިންގެ ގިނަ ބަޔަކަށް ޕައިޕް ލައިންތެރޭގައި ވިހަވެފައިވާ ކަމަށް ޔޫކްރެއިންގެ މިލިޓްރީ ބްލޮގަރަކު ރޮއިޓާރސްއަށް ކިޔާދީފައިވެއެވެ. އަދި ރަޝިޔާ އިލައިޓް ލަޝްކަރުގެ %80 ސިފައިން ވާނީ މަރާލާފައިކަމަށް ޔޫކްރެއިން ސިފައިންގެ ތެރޭގައި ހިމެނޭ މައިރޯސްލަވް ހައި ކިޔާ އޮފިސަރަކު ރޮއިޓާރސް އަށް ކިޔާދީފައިވެއެވެ. އެހެންނަމަވެސް ކީވުން އެއްވެސް ވާހައެއް ދައްކާކަށް ބޭނުމެއް ނުވެއެވެ.
އެމެރިކާއިން ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުން ހުއްޓާލުމާއި ބޭނުންކުރާނެ ހަތިޔާރުވެސް އަތުގައި ނެތުމާއެކު ލިބެމުންދާ ގެއްލުމުގެ ބޮޑުކަމުން ރަޝިޔާ ސިފައިން އައުމުގެ ކުރިންވެސް ޔޫކްރެއިން ސިފައިން ސުޑްޒާ ސަރަހައްދު ދޫކޮށް ނިކުންނަން ފަށައިފިކަމަށް ޔޫކްރެއިންގެ ސެކިއުރިޓީ ސަރވިސްގައި މަސައްކަތްކޮށްފައިވާ މިލިޓްރީ ތަޖްރިބާކާރު އިވާން ސްޓޫޕަކް ދަ ޓެލިގްރާފަށް ކިޔާދީފައި ވެއެވެ.