”ދަރިފުޅުގެ ކަންފަތަކަށް ނީވެޔޭ؟ ހިނގާ ހޮސްޕިޓަލުގައި ބާއްވާފަ ދާން! އެކަހަލަ ކުއްޖަކު އަހަރެންނަކަށް ނުބެލޭނެ“ އަހަރެންގެ އަންހެނުން އައިޝާ ބާރު ތޫލި އަޑަކުން ބުންޏެވެ.އޭނާގެ އެއަޑު އަހަރެން އެހި މިއީ ފުރަތަމަ ފަހަރެވެ.އަޑުގައިވަނީ އިންތިހާ ދަރޖައިގެ ނަފްރަތާއި ފޫހިކަމެވެ.
”އައިޝާ، ތިޔަދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ އަހަރުމެންގެ ނަސްލުން އުފެދުނު އަހަރުންގެ އަމިއްލަ މަސްގަނޑެއް ތިޔަގޮތަށް ދޫކޮށްލެވޭނެ ހެއްޔެވެ؟“އަހަރެން ޝޮކްގަ ހުރެފަ ބުނީމެވެ.
މީގެ އެއްގަޑިއިރުކުރިން އެ ޚަބަރު ދިނުމަށް ޑޮކްޓަރު އައިސް ބުނި އެއްޗަކުން ކުރި އަސަރަށްވުރެ އަންހެނުން މި ބުނި އެއްޗަކުން އަހަރެންގެ ހިތަށް އަސަރު ކުރިއެވެ. މުސްކުޅި ޑޮކްޓަރެކެވެ. ނުދިދާ އުޅެއުޅެ ދެލޯ ހުރީ ފުއްޕާފައެވެ. ޚަބަރު ދިނުމަށް އައިސް އަހަރެންގެ ކޮޑުގައި އަތް އަޅާލުމަށްފަހު އޯގާތެރިކަމާއެކު ބުންޏެވެ. ”ހިތާމަޔަކީ އުފަން ވާއިރު މިގޮތަށް ބީރު ހާލަތުގައި އުފަން ވުމުން ރަގަޅު ކުރުމުގެ ފުރުސަތެއްވެސް ނޯންނާތީއެވެ.“
ހުޅަގު މޫސުމުގެ ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ. އަހަރެން ހޮސްޕިޓަލްގެ ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލަން ހުރީމެވެ. ވެހެމުންދާ ވާރޭވެސް އަހަރެންނަށް ސިގްނަލެއް ދޭ ކަހަލައެވެ. ބިއްލޫރި ދޮރުގައި ވާރޭ ބީހެމުންދާ އަޑުވެސް ދަރިފުޅަށް ނީވޭނެ ކަމުގެ ސިގްނަލެވެ.
”އަހުމަދަށް ތިއުޅެނީ ނުވިސްނިގެންނެވެ. ތިޔަފަދަ ކުއްޖަކު ބެލުމަކީ އަހަރުމެންގެ މުޅި އުމުރަށް އެޅޭނެ ކަސްތޮޅެކެވެ.އަހަރުންގެ ވަކި ”ލައިފް“ އެއް ނޯންނާނެއެވެ. އަބަދުވެސް އޮންނާނީ އެ ދަރިފުޅުގެ ޚާއްސަ ފަރުވާގެ ކަންތަކެވެ.“ އަންހެނުން އަދިވެސް ބުނަމުން ގެންދިޔައެވެ.
ބުއްދޭން މަންމަ ކައިރިޔަށް ގެނައިގޮތަށް ކުޑަ އެނދުގައި ނިދާފަ އޮތް އެ ތުއްތު ދަރިފުޅުގެ މޫނަށް އަހަރެން ބަލާލީމެވެ. ބީރު ވުމަކުން މިކުއްޖާ އަހަރެންގެ ދަރިއަކަށްވާ މިންވަރު ކުޑައެއް ނުވެއެވެ. އޭނަގެ ހާލަތު އޭނައަކަށް ނޭގެއެވެ. މީހަކު އޭނާ ދޫކޮށްލާ ވާހަކަ ދައްކާ ކަމެއްވެސް އޭނާއަކަށް ނޭގެއެވެ.ރީތިކޮށް ނިދާލާފައި އޮތެވެ.
”އަހަރެން އޭނަ ގެޔަށް ގެންދާނަމެވެ.“ އަހަރެންނަށް ކުއްލިއަކަށް ބުނެވުނެވެ.
”ކީކޭ؟“ އަންހެނުން ވަރަށް ބާރަށް ބުންޏެވެ.ތިޔަ ދެއްކޭ ވާހަކައެއް އިނގޭ ހެއްޔެވެ. އެކަނި އެކަހަލަ ކުއްޖަކު ބަލަމުން އަހުމަދު ވަޒީފާއަށް ދާނީ ކިހިނެއް ހެއްޔެވެ؟ ވަޒީފާއަށް ނުދަންޏާ ލާރި ހޯދާނީ ކިހިނެއް ހެއްޔެވެ؟“
”އެހެން ކުދިންވެސް ބަލާ ގޮތަށެވެ.“ އަހަރެން ބުނީމެވެ. ”ފަހަރަކު ދުވަހެއް ކަނޑައްތު ކުރަމުން ގެންދާނީއެވެ.“
އަހަރެން އެރޭ ހޭދަ ކުރީ ބޭބީއާއެކު ބޭބީ ބޭއްވި ނިއުބޯން ވޯޑްގައެވެ. އެ ދަރިފުޅަށް ބަލަން އަހަރެން އިންއިރު ކުދިކުދި އަވަސް ނޭވާ ތަކެއް ލަމުންގެންދިޔައެވެ. ދިރި އޮތުމަށް،ހަޔާތެއް ދުށުމަށް ގަސްތުގައި މަސައްކަތް ކުރާ ކަހަލައެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެހާ ތުއްތު ތުއްތު ކުއްޖަކަށް އެހާބޮޑަށް ހިއްވަރު ހަމަ ކުރެވިދާނެބާވައެވެ.
ހެނދުނު އަހަރެން އަންހެނުން އޮތް ކޮޓަރިޔަށް އައި އިރު އޭނަ ހިނގައްޖެއެވެ. އަހަރެންނާއި ބޭބީ ދޫކޮށް ދިޔައީއެވެ. އަހަރުމެން ދެމީހުން އެކުގައި ހޭދަކުރި ފަސް އަހަރު އޮތީ މޭޒުމަތީ ބާއްވާފައެވެ. އެއްޗަކުން ވިދާލާފައިވާ ކުޑަކުޑަ ގަނޑު ކޮޅެއްގައި ލިޔެފައިވާ 5 ލަފްޒުގެ ނޯޓެއްގެ ސިފައިގައެވެ. ”ސޮރީ އަހަރެން ތިޔަ ބުރަ އުފުލާކަށް ނެތީމެވެ.“ މިހެންނެވެ.
އޭގެ އެއް ހަފްތާ ފަހުން އަހަރެން ދަރިފުޅު އަލީ ގޮވައިގެން ގެޔަށް ދިޔައިމެވެ. އިންޓަރސިޓީ ބަހުގަ، ރަޖާކޮޅަކަށްލާ އޮޅާލައިގެން އަހަރެން އޭނަ މޭގައި ޖައްސާލައިގެން އިންއިރު އަހަރެންގެ ހަށިގަނޑުން އެ މައުސޫމް ހަށިގަނޑު ހޫނުކަން ހޯދަމުން ދާކަހަލައެވެ. ރޯވެސް ނުލާ މަޑުމަޑުން ބަސްއަހައިގެން އޮތެވެ.
(ނުނިމޭ)
4 Responses
ދެންއޮތް ބައި ކޮންދުވަހަކުން
V reethi 2 vana bayakah mi inthiraaru kiranee
V reethi 2 vana bayakah mi inthiraaru kiranee
V.salhi. aney bai kon iraku annanee?