މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމްކޮށްދިނުމަށް މާލޭގެ ހަނި ގޯޅިތައް ތަރައްގީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށް، އެ ގޯޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.
ޢާޒިމް މިހެން ވިދާޅުވީ، މާފަންނު ނަލަހިޔާ ކަންމަތީ ޕޭމަންޓު އުސްކުރުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށް ފަހު ދެއްވި އިންޓަވިއުގައެވެ.
”މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ ބޭފުޅުންނާއި، އަދި ވެސް ގާ އަތުރައި ޕޭމެންޓް ހެދިފައިނުވާ ގޯޅި ތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރާތްތަކުން، އެ ގޯޅިތަކުގެ ޙާލަތު ކައުންސިލްގެ ސަމާލުކަމަށް ގެނެސްދިނުމުން، އެ ގޯޅިތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުން ކޮށްދޭނަން“ އާޒިމް ވިދާޅުވިއެވެ.
މާލޭގެ ބައެއް ގޯޅިތައް ހަލާކުވުމުން ވެސް މަރާމާތުނުކޮށް އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވުމުން، އެ ގޯޅި ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
”ހަނި ގޯޅިތަކުގައި ރަނގަޅަށް ގާ އެތުރިފައިނުވާކަމާއި ހަނިގޯޅިތަކުގައި ބުޅަލުގެ ނަޖިސް ހުންނަ ކަމުގެ ޝަކުވާ ވެސް ރައްޔިތުންގެ ފަރާތުން ލިބޭ. އަދި އެ ގޯޅިތަކުގައި އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅުއްވާ ބޭފުޅުންނަށް އަނިޔާވެ، ގެއްލުންތައް ލިބޭ“ އާޒިމް ވިދާޅުވިއެވެ.
އެ ކަންކަން ވެސް ބަޔާންކޮށް، މިފަދަ ދަތިތަކާބެހޭ މަޢުލޫމާތު ހިމެނޭ ސިޓީއެއް ކައުންސިލަށް ފޮނުއްވައިދިނުން އެދޭ ކަމަށާއި އާންމުންގެ ފަރާތުން މިފަދަ މަޢުލޫމާތު ލިބިއްޖެނަމަ، އެ މަގުތަކުގެ ޙާލަތު ރަނގަޅުކޮށް، އާންމުންނަށް މިހާރު ދިމާވާދަތިތައް ޙައްލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ.