އިއްޔެ މަޤާމުން ވަކިކުރި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަންމާން މިރޭ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މައްސަލައަކާ ގުޅިގެން ޝަމްއާން މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި ރޭ ސަރުކާރުން ވަނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަޤާމަށް އިތުރު ބޭފުޅަކު އައްޔަނު ކުރައްވާފައެވެ.
ފުލުހުން ރޭ ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށް، އޭގެ އެއް ދުވަސްފަހުން، ކުރީގެ ކޮންޓްރޯލަރ، ޝައްމާންގެ އަމުރަށް އެގެއިން ފެނުނު 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
One Response
ބަލަ އެސޮރު އެކަނި ހައްޔަރު ކުރުން ކަޑަ…އެހެން ކުންފުނި ތަކުން ވައްކަން ކުރީމާ ކުރަނީ ސަސްޕެންޑް…އެއީ ބައިއެޅިގެން ކުރެވުނީމާ ވާގޮތްބާ?