އަހަރެންގެ ފިރިމީހާ އަހަރެން ގެއިން ނެރެ އެއްލާލީ އޭނާގެ މަންމަ،އަހަރެންގެ މައިދައިތަގެ އެދުމުގެ މަތިންނެވެ.އަހަރެން އަލަށް ވިހޭ ތުއްތު ތުއްތު ދަރިފުޅާއެކީ ނެރެއެއްލާލީ ވާރޭވެސް ވެހެމުން ދިހަ ދުވަހެއްގައެވެ. ބައެއް ފޮށިތަކާއެކީ ގެއިން ބޭރު ކޮށްލުމުން އަހަރެން ވަކި ދާނީވެސް ކޮންތާކަށް ހެއްޔެވެ.އެވަގުތު ސީދަލަށް ވިސްނާލަންވެސް އަހަރެންނަށް ނޭގިފަ އެތައް އިރަކު އެކުޑަކުޑަ ދަރިފުޅު ބޮޑި ކޮށްލައިގެން ގޭގެ އެއްކައިރީގައި މަގުމަތީގައި އަހަރެން އިނީމެވެ.
އެހެން އިންދާ ކުއްލިއަކަށް އިވުނީ އަހަރެންގެ ފޯނު ރިންގުވީ އަޑެވެ.ފޯނަށް ބަލާލިއިރު ގުޅަނީ އަހަރެންގެ މަންމަ އެވެ.އަހަރެންނަށް މަންމައާ ވާހަކަވެސް ނުދެއްކި ރޮއި ގަނެވިއްޖެއެވެ.މިކުރިމަތިވި ކަންތަކުގެ ވާހަކަ،ގިސްލަމުން ގިސްލަމުން ކިޔާދިނީމެވެ. މަންމަ ބުނީ އެއްގޮތަކަށްވެސް ހިއްވަރު ބަލި ނުކުރުމަށެވެ. އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަމަށް މަންމަ ބުންޏެވެ.އަދި ނުރޮއި ހަމަޖެހިގެން އިނުމަށާ ވަރަށް އަވަހަށް ބަލާއެބަދާކަމަށް މަންމަ ބުންނެވެ.
މަންމަ ކާރުގަ އައިސް އަހަރެންނާއި ބޭބީ ގެންދިޔައީ މަންމަގެ ގެއަށެވެ.އަދި އަވަހަށް ތެތް ބާލާ ހިކިއެއްޗެތި ލުމަށާ، ބޭބީ ވެސްހިކިއެއްޗެތި ލައްވާ ބުއްދީ ހެދުމަށް ނަސޭހަތްތެރިވިއެވެ.
މަންމަގެ ގެއަށް އައިސް ކުރިންވެސް އަހަރެން އުޅުނު ކޮޓަރީގައި ހަމަޖެހިލެވުނު ނަމަވެސް ކުރިމަތިވި ކަންތަކުގެ ހަންދާންތައް ހިތުން ފިލާނުދެއެވެ. ރާޅު ރާޅަށް އެހަނދާންތައް ދިޔައީ އަހަރެންނާ ބައްދަލް ކުރަމުންނެވެ.
އަހަރުމެން ކައިވެނިކޮށްގެން ފިރިމީހާގެ ގެޔަށް ދިޔަ ދުވަހުން ފެށިގެންވެސް މައިދައިތަގެ ރުހުމެއް އަހަރެންނަކަށް ނުލިބެއެވެ.އަބަދު ލަވަނީ ހަޅޭކެވެ.އަހަރުމެން ދެމަފިރިން ނިންމާ ކޮންމެ ނިންމުމަކަށް މައިދައިތަ ބެހިގަނެއެވެ.އެގޮތަކުން މިގޮތަކުން އަހަރެން އޮންނަނީ ކުށްވެރިވެފައެވެ.ދެންއެވީ ހަލޭއްލަވާށެވެ.
މިހެން އުޅެނިކޮން އަހަރެން ބަލިވެ އިނދެ ބޭބީގެ ޖިންސް ބެލުމަށް ސްކޭން ކުރަންދާ ދުވަސް ޖެހިއްޖެ އެވެ.އަހަރުމެން ދާތަނަކާ ދާ ގަޑި އޭނާޔަށް އެނގުނު ގޮތެއްވެސް ނޭނގެއެވެ.އަހަރުންނަށް ވުރެ ކުރިން ހުރީ އޭނައެތަނަށް ގޮހެވެ. ފަހުން އެނގުނު ގޮތުގައި ދާތަންތަން ފިރިމީހާ ބުނަނީއެވެ.
ސްކޭން ކުރުމަށްފަހު އަހަރެންގެ ބަނޑުގައި އޮތީ އަންހެން ކުއްޖެއްކަމަށް އެތާހުރި ޑޮކްޓަރު ބުނުމުން މައިދައިތަ ހީވީ މޮޔަމީހަކަށް ބަދަލުވި ހެންނެވެ.އެންމެން ކުރިމަތީ އަހަރެންނާ ދިމާލަށް ހަޅޭއްލަވަން ފެށިއެވެ. ތިޔަޔީ ފެއިލް ވެފައިވާ މީހެކޭ، އަހަރެންގެ ދަރިފުޅަށް ފިރިހެން ދަރިއަކު ވެސް ކަލެޔަކަށް ނުދެވުނު ނޫންހެއްޔޭ، މިފަދަ މޭރުމަކުން ހަޅޭއްލަވަމުން ހަޅޭއްލަވަމުން އެތަނުން ނިކުމެގެން ހިގައްޖެއެވެ.
މައިދައިތަ ދުރުގަ ހުއްޓަސް އަހަރެންނަށް ލުޔެއް ނުލިބެއެވެ. ފޯނުކޮށްގެންވެސް ކޮންމެވެސް އިލްޒާމެއް އަޅުވައިގެން ހަޅެއްލަވައެވެ.އޯގާތެރިކަމާއެކު އެންމެ ބަހެއްވެސް ނުބުނެއެވެ.
މިފަދަ ވޭނީ ހާލަތެއްގައި އުޅެމުންދަނިކޮށް އަހަރެން ވިހަން ކަނޑައެޅިފައިވާ ދުވަސް ވެސް އަތުވެއްޖެއެވެ. އެދުވަހުވެސް މައިދައިތަ ހުރީ އެތަނަށް ގޮހެވެ. އެހާ ބޮޑު ނަފްސާނީ ސްޓްރެސް ގައި އުޅުމުން އެކަމުގެ އަސަރު އަހަރެންގެ ސިއްހަތަށްވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ވިހެއުން ފަދަ ބުރަ ކަމެއް ކުރެވޭހާ ހަކަތައެއް އަހަރެންގެ ހަށިގަނޑުގައެއް ނެތެވެ.ވޭންވަރު އައުމުން މޫނުމައްޗަށް އަނދިރިވެ ހެޔަށްވެސް ގޮތްވެއެވެ. މިފަދަ ގަދަ ވޭނުގައި އެތައް ގަޑިއިރެއް ވީފަހުން އަހަރެންގެ ލޯބިލޯބި ދަރިފުޅު އުފަން ވެއްޖެއެވެ. އެދަރިފުޅު އުރާލާ ހިތުން ގޮވަގޮވާ އޮއްވާ އެތަނަށް ވަދެ މައިދައިތަ ބޭބީ ”ޖަހައިގަތް“ ތަން އަހަރެންނަށް ފެނުނެވެ.ދެން ކަންތައް ވީގޮތެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ހޭނެތުނީއެވެ.
ފަހުން ހޭއެރުމުން އެތާތިބި ނަރުހުންނާއި ޑަކްޓަރު ބުނި ގޮތުގައި އަހަރެންގެ ފުރާނަވެސް ސަލާމަތް ކުރެވުނީ ކިރިޔާއެވެ.އެހާވެސް އަހަރެންގެ ހަށިގަނޑުގައިވަނީ ލޭމަދުވެ، ސިއްހަތު ދަށް ވެފައެވެ.
މައިދައިތަ އަހަރެންގެ ބޭބީ އަތުލައިގެން އުޅުނީ ކޮންމެވެސް ތާކަށް ދާންކަމަށް ނަރުސް ކުދިން ބުންޏެވެ.ނަމަވެސް އެތަނުގެ ވެރިން ހުރަސް އަޅައިގެން އެކަން ހުއްޓުވީ ކަމަށް ވެއެވެ.
ހޮސްޕިޓަލުގަ ދެތިން ދުވަހު އޮތުމަށްފަހު އަހަރެންނާއި ބޭބީ ގެޔަށް ފޮނުވާލިއެވެ. އަހަރެން ހީކުރީ ބޭބީ ލިބުމުންވެސް އަހަރެންގެ މައްޗަށް ކޮންމެވެސް ވަރަކަށް ހިތްމަޑުވެ އޯގާތެރިކަމެއް ފެންނާނެ ކަމަށެވެ.ނަމަވެސް އެހެންނެއް ނުވިއެވެ. ގެއަށް ދިއުމަށްފަހުވެސް މައިދައިތަގެ އެއްވެސް އެހީތެރިކަމެއް އަހަރެންނަކަށް ނުލިބެއެވެ. ހުރިހާ ކަމެއް ކުރަން ޖެހުނީ އަހަރެން އަމިއްލައަށެވެ.
ގެޔަށް އައިތާ ތިންވަނަ ދުވަހު މައިދައިތަ އައެވެ. އަތުގަ ސިޓީ އުރައެއް އޮތެވެ. އަދި ސިޓީ އުރަ ހިފައިގެން އައިސް އަހަރެންގެ އަތަށް ދިނެވެ. އަހަރެން އުރަހުޅުވާ ބަލާލިއިރު އޭގައިވަނީ ޑީއެންއޭ ޓެސްޓެއްގެ ނަތީޖާއެކެވެ. ދެން އޮތީ ޒާތެއްގެ އަމުރެކެވެ. މިހާރުން ފެށިގެން އެއްގަޑިއިރުގެ ތެރޭގައި ކުއްޖާ ގޮވައިގެން މިގެއިން ނިކުންނާށެވެ. މިހެންނެވެ.
އަހަރެން ފިރިމީހާގެ މަދަދަށް އެދި އޭނާގެ މޫނަށް ބަލާފައި ރޮއި ގަނެވުނެވެ.ނަމަވެސް އޭނަހުރީ އެހީވާ ގޮތަކަށް ނޫނެވެ.އޭނާ އެނބުރުނީ އަނެއްފަރާތަށެވެ.
އަހަރެން ދެން ހަދާނެ ގޮތެއް ނޭގި، ގެ ކިބައިން ވާގިއެދި ބޭބީގެ އެއްޗިއްސާ އަހަރެންގެ އެއްޗެތި ދެފޮއްޓަކަށް އެޅީމެވެ.ފިރިމީހާޔަށް ސިއްރުން އޭނާގެ ދަތްއުގުޅާ ބުރުހާ އަދި ފުނަލުން އިސްތަށިކޮޅެއް ވެސް އަހަރެން ޓިޝޫއަކަށްލާފަ ފޮށީގަ ރައްކާކުރީމެވެ. ދެންވެސް ވާރޭގަ ގެއިން ނުނިކުންނަން އިންދާ ފިރިމީހާއައިސް އަތުގަ ހިފާ ގެއިން ބޭރަށް ލީއެވެ. މައިދައިތަގެ ބަހަށެވެ.
މައިދައިތަގެނައި ޑީއެންއޭ ޓެސްޓް ބުނާގޮތުން އަހަރެން ވިހެއީ ފިރިމީހާގެ ދަރިއެއްނޫނެވެ.އެހެން ކަމަށް ދައުވާކޮށް ވިހޭ ދުވަހުވެސް އޭނާއުޅުނީ ބޭބީ ކޮންމެވެސް ޔަތީމު ހާނާއަކަށް ގެންދަން ކަމަށް އަހަރެންނަށް ފަހުން އިނގުނެވެ.
މަންމަގެ ގޭގައި އިނދެ ކުޑަކޮން ގައިގައި ވަރުޖެހިލުމުން އަހަރެން އަމިއްލަޔަށް ބޭބީ އަދި ފިރިމީހާ ގެ ޑީއެންއޭ ޓެސްޓް ހެއްދީމެވެ. ފިރިމީހާގެ ބުރުހާ އަދި ގެނައި އިސްތަށިކޮޅު ބޭނުންކޮށްގެންނެވެ. ނަތީޖާ ލިބުމުން އޭތި ހިފައިގެން ފިރިމީހާގެ ގެޔަށް ދިޔައިމެވެ.އަހަރެން ދޮރުގަ ޓަކި ޖެހުމުން ދޮރުހުޅުވީ ފިރިމީހާއެވެ.އަދި ތިޔައައީ ކީއްކުރަންތޯ ސުވާލު ކުރިއެވެ.
އަހަރެން ޑީއެންއޭ ޓެސްޓްގެ ނަތީޖާ އޭނައަތަށް ދިނީމެވެ.އޭގައިވަނީ 99.9 އިންސައްތަ، ފިރިމާއާއި ބޭބީ ގެ ޑީއެއްއޭ ދިމާވާކަމަށެވެ. ފިރިމީހާ އެވަގުތު ވަރަށް ދެރަވެއްޖެ ކަމަށް ބުންޏެވެ.އަދި މައާފް ކުރުމަށް އެދުނެވެ. މިއީ އަޅެ ލަދުވެސް ގަންނަ ފިރިހެނެއް ނޫން ހެއްޔެވެ.
އެވަގުތު މައިދައިތަވެސް އެގެޔަށް އަޔެވެ.ނަމަވެސް ފިރިމީހާޔަށް މައާފް ކުރުމަށް އަހަރެން ވަގުތުން އިންކާރު ކުރީމެވެ.އޭނާއަކީ އަހަރެންގެ ލޯބި ލޯބި ބޭބީގެ ބައްޕައަކަށް ވުމަށް ކުފޫހަމަވާ މީޙެއް ނޫން ކަމަށް ބުނީމެވެ.އެހާ ފިޑި، އަމިއްލަ އިޚްތިޔާރުން އެއްވެސް ކަމެއް ނުކުރެވޭ މީހަކާއެކީ އުޅެން ދެން ބޭނުން ނޫންކަމަށް އަހަރެން ބުނީމެވެ.
އެދުވަހާ ހަމަޔަށް އަހަރެން މައިދައިތަ މޫނުމަތީގައެއްޗެކޭ ނުބުނަމެވެ.ނަމަވެސް އެދުވަހު ފިރިމީހާޔާ ދިމާލަށް ބުނީމެވެ.ކަލޭގެ މަންމަ ކަލޭދެކެ ތިޔަވަނީ އައުފާޑެއްގެ ލޯތްބެކެވެ. ކަނުލޯތްބެކެވެ. އެހެންވީމަ މަންމަގެ ފަސްބައިގައި އެލިގެން އޮންނާށެވެ.
ހަމަ އަނެއްދުވަހު އަހަރެން ވަރިވާން ފޯމް ލީމެވެ.އަދި ދަރިފުޅުގެ ފުރިހަމަ ކަސްޓަޑީ އަށް އެދި ހުށައެޅީމެވެ.އަހަރެން ވާހަކަތައް އަޑުއެހުމަށްފަހު ގާޒީ ދާދި ފަސޭހައިން އެކަން ހަމަޖައްސައިދީފިއެވެ.
ބޭބީ އަދި ބޮޑުވަމުން އަންނަނީ ބައްޕަ އަކާނުލައެވެ.ނަމަވެސް އިރާދަކުރެއްވިއްޔާ އަހަރެންނާއި ބޭބީދެކެ ލޯބިވާނެ މީހަކާ އަހަރެންނާ ދާދި އަވަހަށް ބައްދަލް ވާނެއެވެ.