ކުރީގެ ރައީސް ޔާމީންގެ ޖަލު ހުކުމަށް އަހަރެއް ވުމާއި އެކު އިދިކޮޅުން މުޒާހަރާއަށް

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލިތާ އަހަރެއް ވުމާ ދިމާކޮށް އެ މަނިކުފާނު މިނިވަންކުރަން ގޮވާލައި މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށް އަމަލުނުކުރާ ނަމަ އެ ކޯލިޝަނުން ވެސް އެ އުސޫލުތަކަށް ތަބާނުވާނެ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ މިންގަނޑުތަކަށް ނުބަލައި އަންނަ މާޗު މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކުރިއަށް ގެންގޮސް މުޅި ރާއްޖޭގައި މުޒާހަރާވެސް ކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އަށާވީސް ވަނަ ދުވަހު މުޅި ރާއްޖެ ނުކުންނަންވީ ކަމަށާއި، [ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު] މައިމޫނާއަށް ނުބަލައި ހަރަކާތްތައް ކުރިއަށްގެން ގެންދާނީ ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެވަޑައިގެން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު 28، 2019 ގަ އެވެ. އެ ހުކުމް އިއްވިތާ އަންނަ ހޮނިހިރު ދުވަހު އެއް އަހަރު ފުރޭއިރު، މަނީ ލޯންޑަރިންގެ އިތުރު މައްސަލަތަކެއްގައި ވެސް އެ މަނިކުފާނުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ބުނެ އެވެ.

އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ފަނޑިޔާރުގެ އިސްލާހުކުރަން ކަމަށެވެ. އެކަމަކު ޝަރުއީ ދާއިރާ މިހާ ކިލަނބުވެފައި އޮތް ތަނެއް ނުދެކޭ ކަމަށާއި، ރައީސް ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް އަނިޔާދެމުންދާތާ އަހަރެއް ވާއިރު، ފާހަގަވަނީ މުޅި ދައުލަތުގެ ސިސްޓަމް ހަރާބުވެފައިވާތަން ކަމަށްވެސް ވިދާޅުވި އެވެ.

.

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ވިދާޅުވީ ސަރުކާރަށް ރައިސް ޔާމީންގެ ހައްގުތައް ހިމާޔަތް ނުކުރެވުނު ކަމަށެވެ. އެހެންވެ ”އަނިޔާއާ ދެކޮޅަށް ރާއްޖެ“ ނަމުގައި އަންނަ ހޮނިހިރު ދުވަހު ސިލްސިލާ މުޒާހަރާތަކެއް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ އެކައުންޓުތައް ފްރީޒްކުރީ ރަނގަޅަށް ނޫންކަމަށް އޮކްޓޯބަރު 8 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ގަބޫލުކުރެވެނީ ޔާމީން މިނިވަން ވާންޖެހުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް