ޖަޕާނުގައި މަސްގެންގުޅޭ އެކުއޭރިއަމެއްގައި އޮންނަ ސަން ފިޝްކިޔާ ކިޔާވައްތަރުގެ ބޮޑު މަހެއް، ކެއުން ހުއްޓާލުމުގެ ސަބަބުން އޭތި މަރުވެދާނެކަމުގެ ބިރު ހީވުމުން ތަން ބަލަހައްޓާ މީހުން ތަފާތު ގޮތަކަށް ކަންތައް ކޮށްފިއެވެ.
އެމީހުން ވަނީ ކޮށީގެ ބޭރުގައި ”ފޭކް“ މީހުން ތަކެއް އަތުރާފައެވެ.މިގޮތުން މީހުންގެ ފޮޓޯ،ޔުނީފޯމްތަކެއްގައި ހަރުކޮށް ކޮށީގެ ބޭރުގައި މީހުން ބަރިއެއް އަތުރާފައި ވެއެވެ. މިއާއެކު މަސް ވަނީ އަލުން ކާންފަށައި، އެނބުރި ހެޔޮ ސިއްހަތަށް އައިސްފައި ކަމަށް އެކުއޭރިއަމްގެ ފަރާތުން ބުނެފައި ވެއެވެ.
މަހަށް ސިއްހީ ބަދަލުތައް އަންނަންފެށީ ވަގުތީ ގޮތުން އެކުއޭރިއަމް ބަންދު ކުރުމުން އެތަނަށް ވަންނަ މީހުން ނުފެންނަން ފެށުމުން އެކަނިވެރިކަން އުފެދިގެންކަން މިހާރު ވަނީ ޔަގީން ކުރެވިފައެވެ.މަހަށް ތަފާތު ބަދަލުތައް އަންނަން ފެށުމުން ފުރަތަމަ ހީކުރެވުނީ ޕެރަސައިޓްގެ ސަބަބުން ބަނޑުގެ އުނދަގޫތަކެއް ކުރިމަތިވީ ކަމަށެވެ. ނަމަވެސް ހެދުނު ”އެކްސްޕެރިމަންޓުން“ ޔަގީން ވެފައިވާ ގޮތުގައި އިންސާނުންނެކޭ އެއްގޮތަށް މި ބިޔަ މަސްތަކަށްވެސް ރަހުމަތްތެރިން ނުވަތަ ކައިރީގައި އުޅޭނޭ އެކުވެރިން ބޭނުން ވެއެވެ.
ސަންފިޝްއަކީ ހުރިހާ ކަނޑުތަކަކުންވެސް ފެންނަ ބޮޑު މަހެކެވެ. ނަމަވެސް އެއަށް ޚިދުމަތް ކުރަންޖެހޭގޮތް ތަފާތު ކަމުން ކޮށިތަކުގައި މާގިނަ ދުވަހު ގެންގުޅެވޭ މަހެއް ނޫނެވެ.
ސަންފިޝްއަކީ ޖަޕާނުގެ މީހުން ކެއުމަށްވެސް ބޭނުންކުރާ އަގުބޮޑު މަހެކެވެ.