ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުންޖެހި އެކްސިޑެންޓުވުމުން މަޑުނުކޮށްދިޔަ މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (27 އ) އެވެ.
ފުލުހުން މިއަދު ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއަރ ޕްލަސް ފިހާރަ ކައިރީގައި އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މި އެކްސިޑެންޓުގައި، ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އެގޮތުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވި މީހާ އެކްސިޑެންޓުވުމުން ސައިކަލު ދޫކޮށްލުމަށްފަހު ފިލާފައިވީ ނަމަވެސް އިއްޔެގެ ވަގުތެއްގައި އެ މީހާ ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.