ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރ ޒެލެންސްކީ އިއްޔެ ރޭ ( ހުކުރު ދުވަހުގެ ރޭ ) ވާހަކަފުޅު ދައްކަވަމުން ސުލްހަ ގާއިމް ކުރުމަށްޓަކައި ފުރަތަމަ ފަހަރަށް އެ ގައުމުގެ ބައެއް ސަރަހައްދުތައް ރަޝިޔާއަށް ދެއްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވައިފި ކަމުގައި ދަ ޓެލިގްރާފުން ޚަބަރު ދީފިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ’ ނޭޓޯ ކުޑައިގެ ’ ދަށުން ޖާގަ ހޯދުމަށްޓަކައި މިހާރު ޔޫކްރެއިންގެ ބާރުގެ ދަށުގައިހުރި ބައެއް ސަރަހައްދުތައް ވަގުތީ ގޮތުން ރަޝިޔާއަށް ދޫކޮށްލަން ހުންނެވީ ތައްޔާރަށް ކަމަށެވެ.
ރައީސް ޒެލެންސްކީ ސްކައި ނިއުސްއަށް ދެއްވި ބަސްދީ ގަތުމެއްގައި ވާހަކަފުޅު ވިދާޅުވީ ހަނގުރާމަ ހުއްޓާލަން އެއްބަސްވެވުމާއެކު މިހާރުވެސް ރަޝިޔާގެ ބާރުގެ ދަށުގައި ހުރި ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތައް ރަޝިޔާއަށް ދިނުމާބެހޭ ގޮތުން ސިޔާސީ މަޝްވަރާތައް ފެށިގެންދާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޔޫކްރެއިންގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތައް ނޭޓޯގެ ކުޑައިގެ ދަށަށް ގެނެވެން ޖެހޭނެއެވެ. އެއަށްފަހު ދެން ހުރި ސަރަހައްދުތަކާބެހޭ ގޮތުން ފައިސަލާ ކުރަނިވި މަޝްވަރާއަކަށް ފަށައިގަންނާނީއެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ ވިސްނުންފުޅަށް މިވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައިކަން ފާހަގަ ކުރެވެއެވެ. މީގެކުރިން އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ 2022 ވަނަ އަހަރު ރައީސް ޕޫޓިން އެނެކްސް ކުރެއްވި ތަންތަނާއެކު ބައިނަލްއަގުވާމީ ގޮތުން ކުރަހާފައިވާ ޔޫކްރެއިންގެ ހުރިހާ ސަރަހައްދެއް ކްރީމިއާވެސް ހިމެނޭ ގޮތުގައި ޔޫކްރެއިންގެ ބާރުގެ ދަށަށް ގެނެވެންދެން ހަނގުރާމަ ކުރަމުންގެންދާނެ ކަމަށެވެ.
މި ބަދަލުގެ ސަބަބެއްކަމުގައި ބެލެވެނީ “ އަހަރެން އެމެރިކާގެ ރިޔާސަތާ ހަވާލުވާ ފުރަތަމަ ދުވަހު ޔޫކްރެއިންއާއި ރަޝިޔާގެ ހަނގުރާމަ ނިންމާނެކަމަށް “ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވަމުންގެންދަވާތީ ކަމަށް ބެލެވެއެވެ. އަދި ހަމައެއާއެކު ޔޫކްރެއިންގެ ވާގިވެރިންގެ ގޮތުގައި ތިބި ހުޅަނގުގެ ގައުމުތަކުންވެސް ހަނގުރާމަ ހުއްޓާލައި ސުލްހަވެވިދާނެ ގޮތްތަކަށް ބުރަވަމުންދިއުންވެސް ހިމެނެއެވެ.
ބައިނަލްއަގްވާމީ މީޑިއާގައި ދައުރުވަމުންދާ އެމެރިކާއާއި ހުޅަނގުގެ ތަދުބީރުތަކަށް ބަލާއިރު ޔޫކްރެއިނުން މިހާރު ދޫނުކޮށް ހިފަހައްޓަން ހަނގުރާމަކުރަމުންގެންދާ ކުރީ ސަފުގެ ސަރަހައްދުތައް ރަޝިޔާއަށް ދޭން ޖެހޭނެއެވެ. އޭގެ ބަދަލުގައި 20 އަހަރު ވާންދެން ޔޫކްރެއިނުން މަސައްކަތްކުރަމުން ގެންދާ ނޭޓޯ ގެ މެމްބަރަކަށްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޔޫކްރެއިނަކީ ނޭޓޯގެ މެމެބަރު ގައުމަކަށް ވުމުން ނޭޓޯގެ ކުޑައިގެ ހިޔަލުގެ ތެރެއަށް ވެދެވުނީއެވެ. އެއަށްފަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމުގެ ފުރުސަތު ދެން ތަނަވަސްވެގެން ނުދާނެއެވެ. އެހެންނަމަވެސް ރައީސް ޒެލެންސްކީ ގަބޫލުކުރައްވާ ގޮތުގައި މިހާރުވެސް ރައީސް ޕޫޓިން ދެކޮޅު ހައްދަވަމުން ގެންދާއިރު ޔޫކްރެއިނަށް ނޭޓޯގެ ފުރިހަމަ މެމްބަރކަން ލިބުމަކީ ނުވާނެކަމެކެވެ. ރަޝިޔާއާއިން ދެކޮޅު ހަދަމުން ގެންދާހާ ހިނދަކު ޔޫކްރެއިނަށް ނޭޓޯގެ ފުރިހަމަ މެމްބަރުކަން ދިނުމަށް އެ ޖަމާއަތުގެ މެމްބަރުން އެއްބަސް ނުވާނެއެވެ. އޭގެ ބަދަލުގައި އެމެރިކާއާއި އިނގިރޭސި ވިލާތާއި ޖަރުމަނާއި އަދި ފަރަންސޭސިވިލާތުން ޔޫކްރެއިނާއެކު ދިފާއީ ސެކިއުރިޓީގެ އެއްބަސްވުމަކަށް އައުން އެކަށީގެން ވެއެވެ.
ނޭޓޯގެ ފުރިހަމަ މެމްބަރކަން ލިބޭގޮތަށް ރަޝިޔާއިން ބޭނުންވާ ޔޫކްރެއިންގެ ސަރަހައްދުތައް އެއްކޮށް ދީފާނަންތޯ މީޑިއާއިން ސުވާލު ދެންނެވުމުން ރައީސް ޒެލެންސްކީ ވިދާޅުވީ ނޭޓޯގެ މެމްބަރަކަށް ވުމަށްޓަކައި ޔޫކްރެއިންގެ ސަރަހައްދުން ބައެއް އަބަދަށްޓަކައި ދޫކޮށްލަންޖެހޭ ކަހަލަ ހުށައެޅުމެއް މިހާތަނަށް ލިބިވަޑައިގެންފައި ވެސް ނުވާކަމަށެވެ. އަދި އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި ރައީސް ޒެލެންސްކީ ވިދާޅުވީ މިހާރު ޔޫކްރެއިންގެ ބާރުގެ ދަށުގައި ހުރި ސަރަހައްދުތައް ނޭޓޯގެ ހިޔާވަހި ކަމުގެ ދަށަށް ގެނެވިއްޖެނަމަ ދެން ރަޝިޔާގެ ބާރުގެ ދަށުގައި ހުރި ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިޔާއަށް ދޫކޮށްލުމާ ދޭތެރޭ ވިސްނަވާނެ ކަމަށެވެ.
ޖެނުއަރީ 20 ވަނަ ދުވަހު ރިޔާސަތަށް ޓްރަމްޕް ހަވާލުވެ ވަޑައިގަތުމާއެކު ޔޫކްރެއިން ހަނގުރާ ހުއްޓުވުމަށް އިސްކަން ދެއްވާނެކަމަށް ބެލެވެއެވެ. މީޑިއާއަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަނގުރާމަ ހުއްޓުވުމަށް ރައީސް ޠްރަމްޕް ގެންގުޅުއްވާ ވިސްނުން ފުޅުގައި ރަޝިޔާއާއި ޔޫކްރެއިނާ ދެމެދުގައި 800 މޭލުގެ ބަފަރ ޒޯނެއް ކަނޑައެޅުންވެސް ހިމެނެއެވެ. އަދި އެ ސަރަހައްދުގައި ހުޅަނގުގެ ގައުމުތަކުގެ މިލިޓްރީ ލަޝްކަރެއް ގާއިމުކުރުމުގެ ވާހަކަތަކެއްވެސް ވަނީ ތިލަވެފައެވެ.
ރައީސް ޒެލެންސްކީގެ ބަސްދީ ގަތުން ނިންމަވާލައްވަމުންވެސް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ނޭޓޯއިން ޔޫކްރެއިން ދިފާއުކުރުން ހިމެނިފައި އޮންނަން ޖެހޭނެ ކަމަށާއި އެހެންނޫނީ ރަޝިޔާއިން ހަނގުރާމަ ނުފަށާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.
One Response
ބޯގޯސްމީހާ އަށްކޮއްދެވޭނެ އެއްވެސް ކަމެއް ނޮއޮންނާނެ އެއީ މިހާރު ގާނޫނީ ހައިސީއަތެއް ވެސްހުރި މީހެއްނޫ