ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިޚާބުކުރާ ބައެކެވެ. އެހެންކަމުން އެ މެންބަރުން އިޚުލާޞްތެރިވާން ޖެހޭނީ ރައްޔިތުންނަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދިވެހި ރައްޔިތުންނާ މަޝްވަރާނުކޮށް ރައްޔިތުން އެދޭ ގޮތް ނުބަލައި ރައްޔިތުންގެ ޙައްގުތަށް ގެއްލޭ ފަދަ އެއްވެސް ބަދަލެއް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަކަށް ނުގެނޭވޭނެއެވެ.
ރައްޔިތުންގެ މަޖިލީހަކީ އެއްވެސް ޕާޓީއެއްގެ މިލްކެއް ނޫނުވެ. އަދި ރައްޔިތުންގެ ކަންކަން ކުރުމަށް ރައްޔިތުން ހޮވާފައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުގައިވާ ތަނެއްވެސް ނުމެނޫންމެއެވެ.
ރައްޔިތުންގެ މަޖިލީހަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތިންބާރުގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ ބާރެވެ. އެހެން ކަމުން ބާރުތަށް ބަހާލެވިފައިވަނީ އެއްބާރުން އަނެއް ބާރަށް އަރައިނުގަނެވޭހެން މިނިވަން މުސްތަގިއްލު ތިންބާރުގެ ގޮތުގައެވެ.
އެއީ ރައްޔިތުންގެ ބާރާއި ވެރިކަން ކުރާ ބާރާއި ޢަދުލުއިންޞާފު ގާއިމު ކުރުމުގެ ބާރެވެ. މި ތިންބާރު ވަކި ކުރެވިފައިވަނީ މިއިން އެއްވެސް ބާރަކުން އަނެއް ބާރުގެ މައްޗަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނޭ ގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ ފާރަވެރީންނެވެ. ވެރިކަން ކުރާ ބާރާއި ޢަދުލު އިންޞާފު ގާއިމު ކުރާބާރުގެ މަށްޗަށް ފާރަވެރިވެ ޖަވާބުދާރީކުރުވުމަށްޓަކައި ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނެވެ.
ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެންކަމާއެކު ރައްޔިތުންނަށް ގާނޫނުއަސާސީން މުތުލަގަށް ލިބިދީފައިވާ އެއްވެސް ބާރެއް ގާނޫނުއަސާސީ ބަދަލުކޮށް ވެރިކަން ކުރާ ބާރަށް ދޫކޮށްލުމުގެ އެއްވެސް އިޚުތިޔާރެއް މަޖިލީހުގެ މެންބަރުންނަކަށް ލިބިގެނެއް ނުވެއެވެ. މަޖިލީހުން ނިންމަން ޖެހޭ އެއްވެސް ކަމެއް ނިންމުގެ ބާރު ވެރިކަންކުރާ ފަރާތަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫޙާ ޚިލާފު ކަމެކެވެ.
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އެކުލަވާލެވިފައި އެވަނީ ރާއްޖޭގައި އޭރު އޮތް ޚުދުމުޚުތާރު ވެރިކަން ނިމުމަކަށް ގެނެސް އޭރު މަސްހުނިވެފައިވާ ތިންބާރު ވަކިކޮށް އެެއްބާރުން އަނެއް ބާރަށް އަރައިނުގަނެވޭނޭ ގޮތަށެވެ. އެގޮތުން ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ނުވަތަ ރައްޔިތުންނަށް ލިބިދީފައިވާ އެއްވެސް ބާރެއް ވެރިކަން ކުރާ ބާރަށް ދޫކޮށްލުމަކީ މި ގާނޫނުއަސާސީ އެކުލަވާލެވުނު މަގުޞަދާ ޚިލާފަށް މަޖިލިސްގެ މެންބަރުން ހިންގި ޖަރީމާއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އަމުރުކުރަން ނުވަތަ ވެރިކަން ކުރާ ބާރުން ބުނާ ކަންކަން ކުރަން ރައްޔިތުން އިންތިޚާބު ކޮށްފައިވާ ބައެއް ނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެ މެންބަރަކު ހިމެނޭ ޕާޓީއިން ބޭނުންވާހާ ގޮތަކަށް ރައްޔިތުންނާ ވާހަކަ ނުދައްކާ އަދި މަޝްވަރާނުކޮށް ރައްޔިތުން ނުރުހޭ ކަންކަން ގާނޫނުއަސާސީ ބަދަލުކޮށްގެން ކުރަން ރައްޔިތުން އިންތިޚާބު ކުރި ބައެއްވެސް ނޫނެވެ. އެހެންކަމުން ޕާޓީ ބޭނުންވުމުން ރައްޔިތުންގެ ކަރަށް ފައިން އަރާ ރައްޔިތުންގެ ޙައްގަށް އުނިކަން އަތުވެދާނޭފަދަ ބަދަލެއް ގާނޫނު އަސާސީއަށް ގެނައުމަކީ މަޖިލީހުގެ މެންބަރުން ކޮށްފައިވާ ހުވަޔާވެސް ޚިލާފު ޢަމަލެކެވެ.
އެހެންކަމާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަން 20 ވަނަ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހުގެ މެންބަރުންނަށް ބަދަލުވެއްޖެކަމަށް އަޅުގަނޑު ދެކެމެވެ. މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންގެ މެންބަރުންނަމަ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރެއް ރައްޔިތުންގެ ގާތު އެހުމެއް ކެހުމެއްނެތި ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ދޫކޮށް ނުލީހެވެ.