އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 15 ނުކުތާގެ ޣައްޒާ ޕްލޭނަށް ރަސްމީކޮށް ދެކޮޅު ހައްދަވައިފިއެވެ، އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ހަމާސް ”ހަގީގީ މާނައިގައި ހަތިޔާރު އެޅުން ހުއްޓާލަންދެން“ އިސްރާއީލުގެ ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ. މިދިޔަ މަހު ހަމާސްއިން މި ޕްލޭނަށް ތާއީދުކޮށްފައި ވަނިކޮށް، ނަތަންޔާހޫ މި ނިންމެވި ނިންމެވުމުގެ ސަބަބުން ވޮޝިންޓަނާއި ގުދުސްއާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައެވެ.
ނަތަންޔާހޫ ވަނީ ”ލުއި ހަތިޔާރު ހިމެނޭ ގޮތަށް ހުރިހާ ހަތިޔާރެއް“ ނައްތާލުމަށް ގޮވާލައްވައި، ބައެއް ހަތިޔާރުތައް ނައްތާލުމަކީ ”އޮޅުވާލުމެއް“ ކަމަށް ސިފަކުރައްވާފައެވެ. އަދި އެމެރިކާގެ ތާއީދާއެކު އެކުލަވާލާފައިވާ މަގުޗާޓާ ދެކޮޅަށް، ”އަހަރެން ބޮޑުވަޒީރުކަމުގައި ހުރިހާ ހިނދަކު ފަލަސްތީނުގެ ދައުލަތެއް އުފެދިޔަ ނުދޭނަން“ ކަމަށް ވިދާޅުވެ ވައުދުވެވަޑައިގަތެވެ. މިކަމާ ގުޅިގެން ވައިޓް ހައުސްއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ހަމާސްއިން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމާއަތުން އަދިވެސް އޮތީ އެ ޕްލޭނަށް ބޯލަނބަން ތައްޔާރަށް ކަމަށާއި، އެއްބަސްވުމާ ޚިލާފުވުން ހުއްޓުވުމަށް މެދުވެރިންނަށް ގޮވާލާ ކަމަށެވެ.
މި ޕްލޭނަކީ ޖުލައި 30 ގައި ޓްރަމްޕް ”ތާރީޚީ“ އެއްބަސްވުމެއްގެ ގޮތުގައި ސިފަކުރެއްވި، ’ބޯޑް އޮފް ޕީސް‘ މެދުވެރިކޮށް އެކުލަވާލި ޕްލޭނެކެވެ. މިއީ އެމެރިކާ އިސްވެ އޮވެ، ގާތްގަނޑަކަށް 40 ގައުމު ހިމެނޭ (ޓްރަމްޕް އުމުރަށް ޗެއާމަންކަން ކުރައްވާ) މަޖިލީހެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މަޖިލީހުގައި ފަލަސްތީނުގެ އެއްވެސް ތަމްސީލުވުމެއް ނެތެވެ. މި ޕްލޭންގައި އިސްކަންދީފައިވަނީ އެންމެ ފުރަތަމަ ހަމާސްގެ ބަރު ހަތިޔާރާއި، ބިންގަރާސްތަކާއި، ހަތިޔާރު އުފައްދާ ތަންތަން ނައްތާލުމަށެވެ. އޭގެ ފަހުން ޣައްޒާގެ އިދާރީ ކަންކަން، ބޯޑުގެ ބެލުމުގެ ދަށުން ހިނގާ ފަލަސްތީނުގެ ޓެކްނޮކްރެޓިކް ކޮމިޓީއަކާ ހަވާލުކުރުމަށެވެ.
އަލްޖަޒީރާގެ ވޮޝިންޓަން ކޮރެސްޕޮންޑަންޓް ޕެޓީ ކަލްހޭން، ނަތަންޔާހޫގެ މި ނިންމެވުމަކީ ”ނުރައްކާތެރި ކުޅިއެއް“ ކަމަށް ސިފަކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ ޑިމޮކްރެޓުންގެ މެދުގައި ފަލަސްތީނަށް އޮތް ހަމްދަރުދީ އިތުރުވަމުންދާއިރު، ޓްރަމްޕް ވެސް އިސްރާއީލާ ”ވަކިވެދާނެ“ ކަމުގެ އިންޒާރު ދެއްވިއެވެ. މިއީ ރިޕަބްލިކަން ޕާޓީގެ ތާއީދު ވެސް ގެއްލިދާނެ ފަދަ ކަމެކެވެ. ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި ރިޕޯޓަރުން ބުނާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ މުޅި ސިލްސިލާ އޮޅުންބޮޅުންވެ، ނަތަންޔާހޫ ވަނީ ހުރިހާ ކަމެއް އަލުން ފަށަން ޖެހޭ ހިސާބަށް ގެންގޮސްފައެވެ.
އޮކްޓޯބަރު މަހު ނަމެއްގައި ހަނގުރާމަ ހުއްޓާލި ނަމަވެސް، ބިމުގެ ބޭނުމުގައި ޔަހޫދީންގެ އަނިޔާވެރިކަން ދަނީ ކުރިއަށެވެ. އެއްބަސްވުން ގާއިމުކުރި ފަހުން މަދުވެގެން 1,258 މީހުން މަރުވެ، 4,139 މީހުން ޒަޚަމްވެފައިވާއިރު، 800 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު އަދިވެސް ވަނީ އިމާރާތްތަކުގެ ދަށުގައެވެ. އާދީއްތަ ދުވަހު ޚާން ޔޫނިސްގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ކުޑަކުއްޖަކު ވަނީ ޒަޚަމްވެފައެވެ. 2023 އޮކްޓޯބަރުން ފެށިގެން ޣައްޒާގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 73,386 އަށް އަރާފައެވެ. އަދި 174,250 މީހުން ވަނީ ޒަޚަމްވެފައެވެ.
މިދަނޑިވަޅުގައި، އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަމަލާތައް ވަރުގަދަކޮށްފައެވެ. ނާބްލަސް އާއި ބެތުލެހެމް ސަރަހައްދުގެ ރަށްތަކުގެ ގެތަކަށް ވަދެގަނެ، މަސާފަރު ޔައްޓާ އާއި ތޫބާސްގެ ދަނޑުބިންތައް ހަލާކުކޮށް، ފުލުހުންނާއެކު އަލްއަގްސާ މިސްކިތަށް ވަނީ އަރައިގަނެފައެވެ. ޖެނީންގައި ’އެމެކް ދޯތަން‘ ގެ ނަމުގައި އާ ޣައިރުގާނޫނީ އާބާދީއެއް އިފްތިތާހުކޮށްފައިވާއިރު، އެ ރަސްމިއްޔާތުގައި އިސްރާއީލުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. މުހައްލިލުން ދެކޭ ގޮތުގައި މިއީ ތިން މަސް ދުވަހަށް ވުރެ ކުޑަތަންވެފައިވާ އިންތިޚާބަށް ނަތަންޔާހޫގެ ލިކޫޑް ޕާޓީން ވަޒަންވެރިންގެ ވޯޓު ހޯދުމަށް ކުރާ ކަމެކެވެ.
![]()
