މިދިޔަ ހުކުރު ދުވަހުގެ ފަތިހު 14 އަހަރުގެ ދަރިވަރަކު އޭނާގެ ކާފަ އާއި މާމަ މަރާލުމަށްފަހު، ބަހެއްގައި 18 ކިލޯމީޓަރު ދަތުރުކޮށް ބެންކޮކް ކައިރީގައި އޮންނަ ޑެބްސިރިން ނޮންތަބުރީ ސްކޫލަށް ގޮސް ހެނދުނު 10 ޖަހާކަންހާއިރު އެތަނުގައި ތިބި ކުދިންނަށް ބަޑިން ހަމަލާދޭން ފެށިއެވެ. 40 މިނެޓަށް ދެމިގެންދިޔަ މި ނުރައްކާތެރި ހާދިސާގައި ނުވަ މީހުން މަރުވެ 23 މީހުން ޒަހަމްވިއިރު، އެންމެ ފަހުން އެ ކުއްޖާ ވަނީ އަމިއްލައަށް މަރުވެފައެވެ. މިއީ 2022 ވަނަ އަހަރަށްފަހު ތައިލެންޑުގައި ހިނގި އެންމެ ނުރައްކާތެރި މާސް ޝޫޓިންގް އެވެ.
މަރުވި މީހުންގެ ތެރޭގައި ތިން މުދައްރިސުންނާއި ސްކޫލުގެ ދެ އޮފިޝަލުން ހިމެނެއެވެ. ފުލުހުން ބުނާ ގޮތުގައި ހަމަލާދިން ކުއްޖާ މަދުވެގެން 26 ވަޒަން ފޮނުވާލާފައިވާއިރު، އޭނާގެ އަތުގައި އިތުރު 34 ވަޒަން އޮތެވެ. 3،000 އަށްވުރެ ގިނަ ދަރިވަރުންނާއި ގާތްގަނޑަކަށް 150 މުވައްޒަފުން ތިބި އެ ސްކޫލުގެ ތެރޭގައި ހިނގި ބިރުވެރި ކަންތައްތައް ދަރިވަރުން ވަނީ ކިޔައިދީފައެވެ. އުމުރުން 14 އަހަރުގެ ދަރިވަރެއް ކަމަށްވާ ”ކިމް“ (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި، ބަޑީގެ އަޑު ގާތްވަމުން އައި ވަރަކަށް ދަރިވަރުން ވަނީ ޑެސްކުތައް ބޭނުންކޮށްގެން ކްލާސްރޫމްގެ ދޮރު ބަންދުކޮށް، ބޮކިތައް ނިވާލައި، ކުޑަދޮރުތައް ކައިރީގައި ފިލާފައެވެ. އެވަގުތު ބަޑީގެ އަޑު އިވެމުންދިޔައީ އެމީހުން ތިބި އިމާރާތުގެ ވަރަށް ކައިރިންނެވެ.
ކިމްގެ ދައްތަ ތާށިވެފައި އިނީ ޖެހިގެން ހުރި އިމާރާތުގައެވެ. އެމީހުންގެ މަންމަ ފޯނުން ގުޅަން މަސައްކަތް ކުރަމުން ދަނިކޮށް، ފޯނު ރިންގުވާ އަޑަށް ހަމަލާދޭ މީހާއަށް އެމީހުން ތިބި ތަން އެނގިދާނެތީ، ފޯނު ނުކުރުމަށް އެދި ކިމް މަންމައަށް މެސެޖު ކުރިއެވެ. ހަމަލާދޭ ކުއްޖާ ސްކޫލް ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތު، އޭނާގެ ފޮޓޯތައް ދަރިވަރުންގެ ޗެޓް ގްރޫޕްތަކުގައި ދައުރުވަމުން ދިޔައެވެ.
މި ހާދިސާ ހިނގިއިރު، އެ ދެބެންގެ މަންމަ، އުމުރުން 52 އަހަރުގެ ނަރުހެއް ކަމަށްވާ ކްވާން ހުރީ ހޮސްޕިޓަލުގެ ޑިއުޓީގައެވެ. ބަޑީގެ މެގަޒިންއެއްގައި އާންމުކޮށް 15 އާއި 20 އާ ދެމެދުގެ އަދަދަކަށް ވަޒަން ހުންނާނެ ކަމަށް ލަފާކޮށް، ވަޒަން ހުސްވާނެ ވަގުތެއް ބެލުމަށްޓަކައި ބަޑިޖަހާ އަޑު ގުނުމަށް އޭނާގެ ދަރިފުޅަށް އިރުޝާދު ދިނެވެ. ހަމަ އެވަގުތު އޭނާ ދިޔައީ އެމަޖެންސީ ހޮޓްލައިން މެދުވެރިކޮށް ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ. އޭނާގެ ދަރިފުޅާ ދެމެދު ކުރެވެމުންދިޔަ ފޯނު ކޯލު މެދުކެނޑުނު ނަމަވެސް، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލުން ގުޅި، ދަރިފުޅު ސަލާމަތުން ހުރިކަން ކަށަވަރުވިއެވެ.
މިހާރު އެ ދެބެން ވަނީ ބެންކޮކްގެ ސަބާބް ސަރަހައްދުގައި ހުންނަ އެމީހުންގެ ގެއަށް ގޮސް މަންމައާ ބައްދަލުވެފައެވެ. މި ހަމަލާއާ ގުޅިގެން، ދެކުނު އިރުމަތީ އޭޝިއާގައި އެންމެ ގިނައިން ހަތިޔާރު ގެންގުޅޭ ގައުމު ކަމަށްވާ ތައިލެންޑުގައި، ހަތިޔާރު ކޮންޓްރޯލް ކުރުމާއި ސްކޫލްތަކުގެ ސަލާމަތީ ކަންކަމާ މެދު ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.
![]()
