ނިއުޒިލެންޑުގެ ބޮޑުވަޒީރުކަން ޖަސިންޑާ ދެވަނަ ފަހަރަށް ކާމިޔާބު ކުރައްވައިފި

7

ޖަސިންޑާ އާޑާން ދެވަނަ ފަހަރަށް ނިއުޒިލޭންޑުގެ ބޮޑުވަޒީރުކަން ކާމިޔާބުކުރައްވައިފިއެވެ.

ނިއުޒިލެންޑުގައި މިއަދު ބޭއްވި އެޤައުމުގެ ޢާންމު އިންތިޙާބު ޖަސިންދާ ކާމިޔާބު ކުރައްވާފައިވަނީ 49 އިންސައްތަ ވޯޓުންނެވެ. ނެޝަނަލް ޕާޓީއަށް މިހާތަނަށް ލިބިފައި ވަނީ 27 ޕަސެންޓު ވޯޓެވެ. ބޮޑު އިންސައްތަ އަކުން ޖަސިންޑާގެ ޕާޓީ ކާމިޔާބުވުމުން 120 މެމްބަރުން ތިއްބަވާ ޕާލިމެންޓުން ލޭބާއަށް 64 ގޮނޑި ލިބޭނެ ކަމަށް ބެލެވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް ގުނާފައިވަނީ 77 އިންސައްތަ ވޯޓެވެ. ޖަސިންދާ އަށް ބޮޑުތަނުން ކުރި ލިބުމުން އިދިކޮޅުން ވަނީ އެފަރާތުގެ ނަން އިންތިޚާބުން ނަންގަވާފައެވެ.

ޖަސިންދާ އިންތިޚާބު ކާމިޔާބު ކުރުމުން އިދިކޮޅު ޕާޓީގެ ލީޑާރ ކޮލިންސް ވަނީ އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ.

“ބޮޑުވަޒީރު ޖަސިންދާ އާޑާން އަށް ވާނީ ފޯނުން ގުޅައި މަރުޙަބާ ދަންނަވާފައި އެއީ ހަމަ ޙައްޤު ވޯޓުތައް.” ކޮލިންސް ވިދާޅުވިއެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ ތިން ހަފްތާ ފަހުން އިޢްލާނު ކުރަން ހަމަޖެހިފައިވާ އިރު އާޑާން ވިދާޅުވީ އެޤައުމުގައި ކުރިއަށް އޮތް ތިން އަހަރަށް ވެރިކަން ކުރާނީ ލޭބާ ޕާޓީން ކަމަށެވެ.

“ފާއިތުވި 50 އަހަރު ތެރޭ ލޭބާ ޕާޓީއަށް ނުދޭ ފަދަ ބޮޑު ތަރުޙީބެއް މިރޭ ނިއުޒިލޭންޑުން ވަނީ މި ޕާޓީއަށް ދީފަ. ކުރިއަށް އޮތް ތިން އަހަރު ސަރުކާރު ހިންގާނީ ލޭބާއިން ކަން ވަނީ ކަށަވަރުވެފައި” އާޑާން ވިދާޅުވިއެވެ.

އެޤައުމުން ޖަސިންދާއަށް އެހާ ބޮޑު ތަރުޙީބެއް ލިބިފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރައްވާފައިވާ މަސައްކަތާއި ގުޅިގެންނެވެ. އެކަމަނާ މަޤާމަށް ހޮވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ.

އެގޮތުން ބަލާއިރު، އެޤައުމަކީ ކޮވިޑް-19 ފެތުރެން ފެށުމާއި އެކީ އެންމެ ފުރަތަމަ ބޯޑަރުތައް ބަންދު ކުރި އެއް ޤައުމެވެ. އަދި މަދު ޢަދަދެއްގެ ބަޔަކު ފައްސިވުމުން ވަނީ ފުރަބަންދުވެސް ކޮށްފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ