ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް 3 އަހަރު: އިންސާފު ގާއިމުކުރުމަށް އެމަނިކުފާނުގެ ޕާޓީން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއަށް 3 އަހަރު ފުރިފައިވާއިރު އަދިވެސް އިންސާފު ގާއިމުކުރެވިފައިނުވާތީ އެމަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސްއިން އެކަން ކުށްވެރިކޮށްފިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާ ދީފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދަކީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލުމަށް ބޮމުގެ ޓެރަރިސްޓް ހަމަލާއެއް ދިން ހާދިސާއަށް 3 އަހަރު ފުރޭ ދުވަސް ކަމަށާއި އެ މައްސަލާގައި މިއަދާ ހަމައަށް އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާތީ އެކަމާމެދު އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

“ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން މިވަރުގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތުލިބިދީފައި އޮތުމީ މި ޕާޓީންކަންބޮޑުވާ އަދި ކުށްވެރިކުރާ އެއްކަމެވެ. އަދި ވަކިން ޚާއްސަކޮށް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 3 ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނިކޮށް އެއާވިދިގެން ވެސް އެމަނިކުފާނަށް ގާނޫނުއަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްއޮތުން ތަކުރާރުކޮށް ކުށްވެރިކުރަމެވެ.“ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ވެއެވެ.

ޑިމޮކްރެޓްސްއިން ބުނީ މި ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތްފިޔަވައި އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ, ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި, އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށެވެ. އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި ”ނޯމަލައިޒް“ ކުރުމުގެ އަމަލެއްކަމުގައި ދެކޭ ކަމަށެވެ.

“ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދަ ޑިމޮކްރެޓްސް އިން ގޮވާލަމެވެ.“

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް