ޔޫކްރެއިންގެ ހަނގުރާމައިގާ ޝައިތާނީ ރެޖީމްތައް ކަކޫމައްޗަށް ތިރިކުރުވާނަން: ޔޫރަޕް

Loading

Facebook
Twitter
WhatsApp

ނޭޓޯގެ ބައިވެރިންގެ މަދަދާއި އެހީތެރިކަން ޔޫކްރެއިނަށް އޮހެމުންދާއިރު އުތުރު ކޮރެޔާގެ މިސައިލްތަކާއި އީރާނުގެ ޑްރޯންތަކާއި އަދި ޗައިނާގެ ޓެކްނިކަލް އެހީތެރިކަން ރަޝިޔާއަށް ނުލިބޭނަމަ ޔޫކްރެއިނާއިއެކު ރަޝިޔާއަށް ހަނގުރާމަ ނުކުރެވޭނެއެވެ.

ޔޫކްރެއިންގެ ޚާރކީވްއަށް ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި ގޮއްވާލާފައިވާ މިސައިލްތަކުގެ ބައިތަކަކީ އުތުރު ކޮރެއާގެ ވާސޯންގް-11 މަރުކައިގެ ބެލިސްޓިކް މިސައިލްގެ ބައިތަކެއްކަން ޔުނައިޓެޑް ނޭޝަންސްގެ އިންސްޕެކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިންސްޕެކްޓަރުން ބުނެފައިވަނީ އުތުރު ކޮރެއާގެ ބެލިސްޓިކް އަދި ނިއުކްލިއަރ ޕްރޮގްރާމުގެ ސަބަބުން އ ދ ގެ އެތައް ސެންކްޝަންތަކެއް 2006 ވަނަ އަހަރުން ފެށިގެން އެގައުމާ ދެކޮޅަށް ފާސްކޮށްފައި ހުރި ނަމަވެސް ފެނިފައިވާ ބެލިސްޓިކް މިސައިލް ބައިތަކަކީ ޕިޔޮންގްޔަންގުން ރަޝިޔާއަށް ފޮނުވާފައިވާ ހަތިޔާރުގެ ބައިތަކެއް ކަމަށެވެ.

ދެކުނު ކޮރެޔާގެ ސެކިއުރިޓީ އޮފިޝަލުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައި މިސައިލާއި އެހެނިހެން ހަތިޔާރު އެކުލެވޭ ހަތްހާސް ކޮންޓެއިނަރ އުތުރު ކޮރެޔާއިން ރަޝިޔާއަށް ވަނީ ފޮނުވާފައެވެ.                            

އީރާނުގެ ޑްރޯންއަކީވެސް ޔޫކްރެއިންގެ ހަނގުރާމައިގެ މައިދާންތަކުގައި ގިނަގިނައިން ފެންނަމުންދާ ހަތިޔާރެކެވެ. ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް އީރާނުގެ ޑްރޯން ބޭނުން ކުރަމުން ގެންދާކަންވެސް ވަނީ ފާހަގަ ކުރެވިފައިކަމަށް އިންސްޕެކްޓަރުން ބުނެފައިވެއެވެ.    

އަދި ޗައިނާގެ އެހީ ރަޝިޔާއަށް ލިބެމުންދަނީ މީގެކުރިން ރަޝިޔާއިން އުންމީދުވެސް ކޮށްފައިނުވާ ފެންވަރަކަށް ރަޝިޔާގެ މިލިޓްރީ އަލުން ތަރައްގީ ކުރުމަށެވެ.                         

މި ހުސްވިމަހު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ބައިޑްން އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާގެ މިލިޓްރީ އުފެއްދުންތައް ތަރައްގީ ކުރުމަށްޓަކައި ޓެކްނޯލޮޖީގެ ގޮތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އިތުރުން މެޝިނަރީއާއި ޓާރބޯ އިންޖީނުފަދަ ގިނަ ސާމާނުތަކެއްވެސް ޗައިނާއިން ގެންދަނީ ފޮނުވަމުންނެވެ.                 

ބްލިންކަން ވިދާޅުވެފައިވަނީ ރަޝިޔާއަށް ލިބެމުންދާ މި އެހީތަކާ ނުލައި ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ކުރަމުން ގެންދެވިދާނެ ކަމަށް ގަބޭލު ނުކުރައްވާ ކަމަށެވެ. ރަޝިޔާއަށް އެހީތައް ފޯރުކޮށްދެމުން ގެންދާ އެއްވެސް އީމާންކަމެއްނެތް ޝައިތާނީ ގައުމުތަކުގެ މަދަދަކީ ހަނގުރާމައިގެ މައިދާނުގައި ރަޝިޔާއަށް ފައިތިލަ ސާބިތު ކުރަން ލިބިފައިވާ ހަގީގީ ބާރެވެ.

ޔޫކްރެއިންގެ ސަލާމަތީ ބާރުތަކުން ހާމަކުރަމުން ގެންދާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިންގެ ޙާލަތު އޮތީ ވަރަށް ބޮޑަށް އަރިއަޅާލާފައެވެ. އެމީހުންގެ ބަހުންނަމަ “ ޑެސްޕެރޭޓް “ ޙާލަތެއް ގައެވެ. އެމެރިކާއާއި ހުޅަނގުގެ ބައިވެރިންގެ އެހީ އާއި މަދަދު ޔޫކްރެއިނަށް އަބަދުވެސް ލިބިލިބި ހުންނާނެކަން އަނގަބަހުން ކަށަވަރު ކޮށްދެމުން ގެންދިޔަނަމަވެސް އިތުރު ހަތިޔާރަށް އިންތިހާއަށް ބޭނުން ޖެހިފައެވެ. ހަމައެކަނި އަނގައިން އެވާހަކަ ދެއްކުމަކުން ނުފުދެއެވެ.                                    

ޔޫކްރެއިންގެ އިރުމަތީގައި އޮންނަ މުހިންމެ ސަރަހައްދެއް ކަމުގައިވާ ޗާސިވްޔާރް ދިފާއުކުރަމުން ގެންދާ ސިފައިންނަށްވެސް ރަޝިޔާ ސިފައިންގެ އިތުރު ވަމުންދާ ކުރިއެރުންތައް ހުއްޓުވުމަށްޓަކައިވެސް އިތުރު ހަތިޔާރު ލިބުން ވަރަށް ބޭނުމެވެ. މިދިޔަ ފެބްރުއަރީ މަހު އަވްދީވްކާ އަތުލުމަށްފަހު އިރުމަތީ ފަރާތުން ރަޝިޔާގެ ސިފައިންގެ ކުރިއަށްއޮތް އަމާޒަކީ ޗާސިވްޔާރެވެ. ރަޝިޔާއިން ދެކޭ ގޮތުގައި ޗާސިވްޔާރް ރަޝިޔާގެ ބަޜުގެދަށަށް ގެނެވިއްޖެނަމަ ފަރުބަދަމަތީ އުސް ސަރަހައްދުތަކުގައި ތިބެގެން ހުޅަނގުގެ ސަރަހައްދުތަކަށް ހަމަލާދިނުން ފަސޭހަވެގެންދާނެއެވެ.

މީގެކުރިން ޔޫކްރެއިންގެ ސިފައިންވަނީ ރަޝިޔާގެ ވެގްނަރ ހަނގުރާމަވެރިން އަތުން އެ ސަރަހައްދު ދިފާއު ކޮށްފައެވެ. އެހެންނަމަވެސް މިހާރު ކުރިމަތިލާން ޖެހިފައިވާ ރަޝިޔާގެ ސިފައިން ބަލިކުރުމަށްޓަކައި ޔޫކްރެއިންގެ ސިފައިންނަށް ގިނަ ހަތިޔާރުތަކެއްވަރަށް އަވަހަށް ބޭނުން ވެއެވެ. އެނޫން ގޮތެއްގައި ރަޝިޔާގެ ސިފައިންގެ ކުރިއެރުން ނުހުއްޓުވޭނެއެވެ.

އިރުމަތީ ސަރަހައްދު ތަކުގައިވެސް ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރު ނުލިބުގެ ބިރުވެރިކަމާ ކުރިމަތިލާން އޮތީ ޖެހިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދަށް ހަމަލާދޭން ދޮޅުލައްކަ ސިފައިންގެ ވަރުގަދަ ލަޝްކަރެއް ރަޝިޔާއިން ތައްޔާރު ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައިކަމަށް ޔޫކްރެއިންގެ ސިފައިންގެ އިސް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.                                 

ޔޫކްރެއިނުން އެމެރިކާގައި އެދިފައިވާ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓު ފަހަރު ނުލިބި ދޮޅުއަހަރު ވެއްޖެއެވެ. ލިބޭނެ ދުވަހެއް އަދިވެސް ނޭންގެއެވެ. އެހެންނަމަވެސް ރަޝިޔާގެ ވައިގެ ސިފައިންގެ ލަޝްކަރުތައްވެސް އަންނަނީ ކުރިއަށް އަރަމުންނެވެ.   

ހުޅަނގުން ބޭނުންވާ ނަސްރު ޔޫކްރެއިނުން ހޯދުމަށްޓަކައި ހުޅަނގުގެ އެހީ ފޯރުކޮށްދިނުން މިހާރަށްވުރެން މުނާސަބު ވަގުތެއް ނުލިބޭނެއެވެ. ކީވް ދިފާއުކުރާނެ ހަތިޔާރު ނުލިބުމަކީ ހަމައެކަނި ޔޫކްރެއިނަށް ލިބޭ ގެއްލުމެއް ނޫނެވެ. އޭގެ ގެއްލުން ހުޅަނގުގެ ގައުމުތަކަށް ވަކިން ކުޑައެއް ނުވާނެއެވެ.

ހުޅަނގުގެ ގައުމުތަކުން ދެކޭގޮތުގައި ހުޅަނގުން ޔޫކްރެއިނަށް އެހީ ފޯރުކޮށްދެމުން ގެންދަނީ ހަމައެކަނި ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރާކަށް ނޫނެވެ. ހަގީގަތުގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދޭ އެހީއަކީ އޮޓޯކްރެޓިކް ރެޖީމްތަކެއްގެ ކިބައިން ދުނިޔެސަލާމަތްކުރުމަށްޓަކައި ފޯރުކޮށްދޭން ބޭނުންވާ އެހީތަކެކެވެ. އެ ގައުމުތަކަކީ ހުޅަނގުގެ ޑިމޮކްރެސީ ގަބޫލު ނުކުރާ ގައުމުތަކެކެވެ. އެހެންވީމާ ގަދަބާރު ބޭނުންކޮށްގެން ވިޔަސް އެ ގައުމުތައް ހަމަބިމަށް ތިރިކުރުމަކީ ކުރަންޖެހިފައިވާ ކަމެކެވެ. 

ޔޫކްރެއިންގެ ހަނގުރާމައިގާ ރަޝިޔާ ބަލިކުރުމުގެ އަނެއް މަގްސަދަކީ މުސްތަގްބަލްގައި ރަޝިޔާއިން ޔޫރަޕުގެ ގައުމުތަކަށް ހަމަލާ ނުދެވޭ ވަރަށް ފިޔަ ބިންދާލުމެވެ. ހަމައެއާއެކު ޗައިނާއާއި އީރާނާއި އުތުރު ކޮރެޔާއަށްވެސް ހުޅަނގުގެ ގައުމުތަކާ ނުކުޅެވޭކަން ފިސާރި ވަރުގަދައަކަށް ވިސްނާދިނުމެވެ.

ޔޫކްރެއިންގެ ހަނގުރާމައިގާ ރަޝިޔާއިން ބިމަށް ތުން ހަރާލަން ޖެހޭނެއެވެ. މެދުއިރުމަތީގައި އީރާން ކަކޫ މައްޗަށް ތިރިކުރެވެން ޖެހޭނެއެވެ. ތައިވާނުގެ ކުރިމަތީގައި ޗައިނާއަށް ވެލިކާންދޭން ޖެހޭނެއެވެ. މިއީ ހުޅަނގުގެ ބަސްމޮށުމާއި އަމާޒުތަކެވެ. މި އަމާޒުތަކަށް ކޮންމެގޮތެއް ހަދާފައިވެސް ހުޅަނގުން ވާސިލުވާން ޖެހޭނެއެވެ. އެއީ އެމީހުން ދެކޭގޮތުގައި ދުނިޔޭގެ ފަހުބަސްބުނެ ގޮތްނިންމާ ތަންފީޒްކުރާނީ އެއުރެންނެވެ.    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް