މިސްކިތެއްގެ ފާޚާނައިގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުޤީގު ކުރަން ފަށައިފިއެވެ.
ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ އާންމުވުމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ކުރިކަމަށް ޔަޤީން ކުރެވެނީ އއ. ރަސްދޫގައި ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށެވެ.
އަދި އެކަން ކުރި ފަރާތްތައް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެ ހާދިސާގެ ވީޑިއޯ އާންމު ނުކުރުމަށް ޝިފާން ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މި ހާދިސާގެ ވީޑިއޯ އާންމުވުމާއެކު ހޯމް މިނިސްޓަރު އިހުސާން ވަނީ މިފަދަ ކަންކަން މުޖުތަމައުގައި ހިންގާ ފަރާތްތަކާއިމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަން ޔަގީން ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އާންމުވެފައިވާ ވީޑިއޯ އިން މިސްކިތުގައި ނަމާދުކުރާ އަޑު އިވެމުން ދިޔަ އިރު، މަންޒަރު ފެންނަ ގޮތުގައި ކުއްޖަކަށް ބުލީކޮށް އެހެން ކުދިންތަކެއް އެ ކުއްޖާގެ ގައިގާ ތަޅާ އަނިޔާކުރަމުން ދިޔައީ މިސްކިތެއްގެ ފާޚާނައިގެ ތެރޭގައެވެ.
މިގޮތުން އެ ކުއްޖާގެ ގައިގެ އެތަން މިތާގައި އަތުންނާއި ފައިން ތަޅާ ހަޑި ހުތުރު ބަހުން ވާހަކަދައްކަމުން އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅިއެއް އަތުލާ ބޮލަށް އޮއްސާލާފައި ވެއެވެ.
![]()
