ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ ހަނޑުލާއި ފުށް، މާލެ ސަރަހައްދުން ނުގެންދާ މީހުންނަށް އެސްޓީއޯގެ ކާޑު ގުދަނުން އެ ތަކެތި ދޫކުރަން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެސްޓީއޯއިން މިއަދު ބުނީ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުގެ ފަރާތުން ހަދިޔާކުރާ ހަނޑޫ އަދި ފުށް މާލެ ސަރަހައްދުން ނުގެންދެވުނު ފަރާތްތަކަށް އެ ތަކެތި އެސްޓީއޯ ކާޑު ގުދަނުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން ކާޑު ދޫކުރަން ނިންމާފައި ވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:00އާ ހަމައަށް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
މީގެ އިތުރުން މީގެ ކުރީ ފަހަރުތަކާ އެއްގޮތަށް މި ފަހަރު ވެސް ކާޑު ދޫކުރާނީ ހަމައެކަނި ދިވެހިންނަށް ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން ދިނުމަށް ހަމަޖެހިފައި ވަނީ 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށެވެ.
![]()
