ރާއްޖޭގެ ޒަކާތު ފަންޑުން ފަލަޞްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ނިންމައިފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަޞްޠީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ޣައްޒާގެ އަޚުންނާއި އުޚުތުން ކުޑަކުދިން ބަނޑަށް މަރުވަމުންދާތަން ދެކެން ދިވެހިން ބޭނުން ނުވާ ކަމަށާއި އަހަރުމެން އަތުގައި ހުރި އެއްޗަކުން އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ތާރީޚީ ގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފުރަތަމަ ފަހަރަށް ބޭރަށް އެހީއެއް ފޮނުވާކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ މިއީ ޒަކާތަށް ޚާއްޞަ އިދާރާއެއް ރާއްޖޭގައި ޤާއިމު ވެގެން ދިއުމުގެ ހެޔޮ ނަތީޖާ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުގެ ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 32782 އަށް އަރާފައިވާއިރު މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 75298 އަށް ވަނީ އަރާފައެވެ.
މީގެ އިތުރުން މި އުދުވާނުގައި ފަލަސްތީނުގެ ރައްޔިތުންގެ އެތައް ހާސް ބައެއްގެ ގެދޮރު ބިމާ ހަމަކޮށްލާފައި ވާއިރު އެތައް ބަޔަކު ވަނީ ހާލުގައި ޖެހި މަގުމަތިވެފައެވެ.
![]()
