ފަހު ދިހައެއްގެ ދުވަސްތައް ސަރުކާރު ބަންދު ކުރަން ނިންމީ ރޭ އަޅުކަމަށް ފުރުޞަތު ދިނުމަށް: ރައީސް

Loading

Facebook
Twitter
WhatsApp

ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސްއޮފީހުން ކުރިޔަށްގެންދަވާ ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރަމަޟާންމަހުގެ ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ހަމަ އެހެންމެ މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅުއްވާފައެވެ. އަދި ކާޑުގެ ބާވަތްތައް ހިމެނޭހެން ރޯދަ ހަދިޔާ ސަރުކާރުން ވަނީ ރައްޔިތުންނަށް ބައްސަވާފައެވެ. 

މީގެ އިތުރުން ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލުތަކަށް ލުޔެއް ދެއްވުމުގެ ގޮތުން، ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މަޢާފްކޮށްދެއްވާނެކަންވެސް ރައީސް ވަނީ އިޢުލާން ކުރައްވާފައެވެ. 

މި ހުރިހާ ކަމަކަށް ބަލާއިރު މި އަހަރުގެ ރޯދަ މަހަކީ ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފުރުޞަތުގެ ބޭނުންހިފައި ރަމަޟާންމަހުގެ ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އަޅުކަން ގިނަ ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

 އިސްލާމްދީން މަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީޚަށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ޚާއްޞަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ. 

Loading

One Response

  1. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ރަނގަޅު ނިންމުމެކެވެ. ބައެއް ބޭފުޅުންގެ ފާޑުކިއުންތައްވެސް ފެނެއެވެ. އެކަމަކު މިގައުމުގައި ކޮންމެވެސް ބަޔަކު އިއުތިކާފަށް ތިބޭކަން އެއީ ހަގީގަތެކެވެ. ސަރުކާރުން ފުރުސަތު ތަނަވަސް ކޮށްދިނަސް ނުކުރާނެ ބަޔަކު ނުކުރާނެއެވެ. އެކަމަކު ހަދީސް ކިއުއްވާފައި ފޭލިގެތައް ނަގަން އަމުރު ކުރެއްވި ވާހަކަ ލިއުއްވުމުގެ ކުރިން މިރާއްޖޭގައި އިއުތިކާފަށް ތިބެން ފެށި ދުވަސްވަރަކާ އޭރުގެ އިލްމުވެރިން އެކަމަށް ބާރުއެޅުއްވި ސަބަބު ވެސް ދެނެގަތުން ބުއްދިވެރިއެވެ. އިލްމު ވެރިންނަކީ ޚިލާފުތަކާއެކުވެސް އިޙްތިރާމް ކުރަން ދަންނަ ބަޔަކަށްވެސް ވުން ބޭނުމެވެ. އެހެންނޫނީ މުޖުތަމާ ބައިބައިވުމަށް މަގުފަހި ވެގެންދާނެއެވެ. މިއީ އަޅުގަނޑު ދެކޭގޮތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް