މުޅި ދުނިޔެ ޙަމާސް ގެ ބާރުގެ ދަށަށް - އިސްރާއީލޯ ފޯބިއާ

Loading

Facebook
Twitter
WhatsApp

ކިއުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވާލަމެވެ. މިލިއުމަކީ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސިޔާސީ ފިކުރުގެ މީހުންދުނިޔެއަށް ދައްކަން ބޭނުންވާ މަންޒަރެވެ. މިއަދު އިސްރާއީލުންގެ ޙަގީގަތް ދުނިޔޭގެ ކަންކޮޅުތަކަށް އެނގި ހާމަވަމުން ދާން ފެށުމުން އަބަދުވެސް ޔަހޫދީންގެ ތަބީއަތުގައި ހަރުލާފައި ހުންނަ މަކަރާއި އޮޅުވާލުމުގެ ފަލްސަފާގެ ބޭނުންކުރަން އިތުރަށް މެކްހަށްޖަހަން ފެށީއެވެ.                                                        

އިސްރާއީލުން ޙަމާސްގައި ހިންގަމުން ގެންދާ ގަތުލު އާންމުގެ ޚަބަރު ތަކުން އަޅުގަނޑުމެންގެ ނޫސް މަޖައްލާތަކުން ކިޔާލަން ގިނަފަހަރު ލިބެމުންދަނީ ކޮންމެވެސް ބައިނަލް އަގްވާމީ ނޫހެއް ނުވަތަ މީޑިއާއަކުން ތިލަފަތުގެ ދެފަރާތް ހަމަހަމަ ކުރަން މަސައްކަތް ކުރުމާއިއެކު ގެނެސްދެމުން ގެންދާ ޚަބަރުތަކެވެ.  

ވަރަށް މަދުފަހަރެއްގައި މެނުވީ އިސްރާއީލުގެ މީޑިއާގައި ނުވަތަ ބައިނަލް އަގްވާމީ މީޑިއާގައި އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސިޔާސަތުން ބައިނަލް އަގްވާމީ މުޖުތަމާއަށް ފާޑުކިއުން އަމާޒުކޮށްފައި ހުންނަ ޚަބަރު ތަކެއް ނުފެނެއެވެ. ގެނެސްނުދެވެނީ ކަނޑައެޅިގެން ދޮގުހަދައި އެދޮގުތައް ތަކުރާރު ކުރާތީވެސްމެއެވެ!

އެކަމުގައި ސަބަބުތަކެއް ހުރިކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. ފުރަތަމަ ކަމަކަށް އިސްރާއީލުގެ މަކަރުވެރި ޕްރޮޕަގެންޑާ މިދުވަސްވަރު ދުނިޔެއިން އަޑުއަހާކަށް ބޭނުމެއް ނޫނެވެ. ދެވަނަކަމަކަށް ދާދި މިދާކަށް ދުވަހާޖެހެންދެން ވެސް ބައިނަލް އަގްވާމީ މީޑިއާއިން ދައްކަން ބޭނުންވެފައި އޮތީ ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކަކީއިސްރާއީލުން އެގައުމުގެ ދިފާއުގައި ދެމުން ގެންދާ ހަމަލާތަކެއް ކަމަށެވެ. އަދި ފަލަސްތީނާއި އަރަބި ދުނިޔޭގައި ހަރަކާތްތެރި ވަމުންގެންދާ މުޖާހިދުންނަކީ އެމެރިކާއިން އެގޮތަށް ނިންމާފައިވާތީ ޓެރަރިސްޓުން ކަމަށެވެ.                       

ބައިނަލް އަގްވާމީ މީޑިއާތަކާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ލޯ ހުޅުވުނީ 7 އޮކްޓޯބަރ އިސްރާލަށް ނުރައްކާބޮޑު ކުއްލި ޙަމަލައެއް ފަލަސްތީނުގެ މުޖާހިދުންނެވެ.

މުޅިދުނިޔޭގެ ރައްޔަތުންވެސް މިއަދު ދެކޭގޮތުގައި ފަލަސްތީނުގެ މައްސަލާގައި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންގެ ވިސްނުން ހަގީގަތާއި ކައިރިކުރާ މަގަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި އެކަމުގެ ސަބަބުން އިސްރާއީލުގެ ހައްދު ފަހަނަފައިވާ ސިޔާސީ ފިކުރުގެ މީހުން ރަތަށް އަރަމުންދާ މިންވަރު ކިއުންތެރިންނަށް އެނގުމަކީ ބޭނުންތެރި ކަމެކެވެ.       

މި މައުޟޫޢުގައި މި ބަލާލަނީ ދަ ޓެލިގްރާފަށް އިސްރާއީލުގެ ޖުވިޝް ކްރޯނިކްލްގެ އެޑިޓަރ އަދި އިސްރާއީލޯފޯބިއާގެ އޯތަރ ޖޭކް ވެލިސް ސައިމަން ދީފައިވާ ބަސްދީ ގަތުމަކަށެވެ. މުޅި ލިއުން ކޮމާކޯޅިއެއްގެ ތެރޭގައި ހިމަނާފައި އެވަނީ އެ ސަބަބަށްޓަކައެވެ. މިއީ ހަމައެކަނި ހައްދުފަހަނަޅާފައިވާ ޔަހޫދީންގެ މަކަރުވެރި ވިސްނުމުން ދުނިޔެއަށް ކިޔާދޭން ބޭނުންވާ ގޮތެވެ.                                      

“ އަލްޖީރިއާއިން އ.ދ. އަށް ހުށައަޅާ ގަރާރެއްގައި ދުނިޔެއަކީ ފަތި އެއްޗެކޭ އަދި އޭތި ފަތިކޮށްލީ އިސްރާއީލުންނޭ ބުނެފިއްޔާ 164 ވޯޓުގެ އަޣްލަބިއްޔަތަކުން އެ ގަރާރު ފާސްވާނެއެވެ. އިދިކޮޅަށް ވޯޓުދޭނީ 13 ގައުމަކުންނެވެ. ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ 26 ގައުމު ތިބޭނެއެވެ. މިއީ މިއަދުގެ ހާލަތެވެ. އިސްރާއީލުގެ މަޝްހޫރު ޑިޕްލޯމެޓް އައްބާ އިބާން ބުނެފައިވެއެވެ.                                              

އަހަރެމެން މިއަދު މިތިބީ ( ޓޮޕްސީ-ޓާރވީ ) ބޯކޮޅު ވަތަށް ޖެހިފާއޮތް ކާއިނާތެއްގައެވެ. ބައިނަލް އަގްވާމީ އިދާރާތަކަށް ތެދުމަގު އޮޅިއްޖެއެވެ. އެ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ގަތުލު އާންމު ހިންގުން ކަމަށް ވެއްޖެއެވެ. ބައިނަލް އަގްވާމީ ގާނޫނުތައް ހަތިޔާރަކަށް ހެދުމަށްޓަކައި ފަލަސްތީނުގެ ހަމާސްއަށް ފުރުސަތު ހޯދާދޭން ޖެހޭނެއެވެ.                                   

މީގެ ފާޅުކަންބޮޑު ހަގީގަތެއް ފެނިގެންދިޔައީ މިދިޔަ ހުކުރުދުވަހު އ.ދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓު ފޭލި ކޮށްލުމުންނެވެ. އެ ވޯޓު ކަމިޔާބު ކުރެވިއްޖެނަމަ އިސްރާއީލުގެ މަގްސަދު ހާސިލު ކުރުމަށް މަގު ފަހިވެގެން ދާނެއެވެ. އެހެންވީމާ ޗައިނާއާއި ރަޝިޔާއާއި އަދި އަލްޖީރިއާ ބައިވެރި ވެގެން އެ މަގު ބަންދުކޮށްލީއެވެ. މުޖާހިދުންބޭނުންވާގޮތަށް ގަރާރު ފޭލިކޮށްލީއެވެ. ( ޖޭކް ވިލިސް ސައިމަން މުޖާހިދުންނަކީ ޓެރަރިސްޓުން ކަމަށް ބުނެފައިވީ ނަމަވެސް ދުނިޔެ މިހާރު އެކަން ގަބޫލުނުރާތީ އެ ލަފުޒު މުޖާހިދުން މިގޮތަށް ބަދަލުކޮށްފައިއެވަނީއެވެ. )  

މަސްރަޙު މިގޮތަށް ބަދަލުވާން ފެށީ ރައީސް ބައިޑަންގެ ސަބަބުންނެވެ. އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލުން ޙަމާސްއަށް ޙަމަލާދެމުން ގެންދިޔަ ނަމަވެސް ރައީސް ބައިޑަން ވިދާޅުވަމުން ގެންދަވަނީ އިސްރާއީލުގެ ޙަމަލާތައް ހައްދުން ނައްޓާލައިގެން ހިގައްޖެ ކަމަށެވެ.

ބައިޑަންގެ ވާހަކައަށް ސެނޭޓުގެ މެޖޯރިޓީ ލީޑަރ ޗަކް ޝޫމަރވެސް ތާއީދުކުރައްވައި އިސްރާއީލުގެ ގާނޫނީ ސަރުކާރު އިސްތިއުފާދޭން ޖެހޭކަމަށް ފާޅުގައި ޢިއުލާން ކުރައްވަމުން ގެންދަވާތީއެވެ. ޗަކް ޝޫމަރ ހީފުޅުކުރައްވަނީ އިސްރާއީލަކީ ބަނާނާ ރިޕަބްލިކެއް ކަމަށެވެ.

(ޗަކް ޝޫމަރަކީ އެމެރިކާގައި ހުންނަ އިސްރާއީލުގެ ކަނާއަތްކަން ކިއުންތެރިން ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ).

މި ހާލަތުގައި އިސްރާއީލުން ރަފާހް އަށް ޙަމަލާދިނުމާއިމެދު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އެގެންދަވަނީ އިދިކޮޅު ހައްދަވަމުނެނެވެ. އެކަމަކު އިސްރާއީލަށްޓަކައި ރަފާހް އަށް ޙަމަލާދީ އެސަރަހައްދުގައި ތިބެދާނެ ޙަމާސްގެ މުޖާހިދުން ނައްތާލަން ޖެހޭނެކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ދެކިވަޑައިގަންނަވައެވެ. 

އެމަގުސަދު އެމެރިކާއެހީ ނުލިބުނަސް ޙާސިލުކުރާނެކަމަށް ނަތަންޔާހޫ އެގެންދަނީ ހުވާކުރަމުންނެވެ. އަދި އެ މަގްސަދު ޙާސިލުކުރުމާއި ދެކޮޅަށް އެއްވެސް ގައުމަކުން ބުނާއެއްޗެއް ނަތަންޔާހޫ ގަބޫލެއް ނުކުރާނެއެވެ.               

އެމެރިކާގެ ބަދަލުވަމުންދާ ވިސްނުމަށް އިނގިރޭސިވިލާތުންވެސް މިހާރު ގެންދަނީ ތާއީދު ކުރަމުންނެވެ. އިސްރާއީލުން ގައްޒާގައި ހިންގާ އުދުވާނަކީ މޮޔަމީހަކު އަތަށް ނުރައްކާތެރި ހަތިޔާރެއްދީފައި މީހުންމަރަން އަމުރުކުރީމާ އެ މޮޔަމީހާގެ ކުރިމަތިން ފެންނަ ކޮންމެ މީހަކު މަރާލުން ފަދަ “ ކިލިންގް ރޭޖެއް “ ކަމަށް އިނގިރޭސި ވިލާތުގެ ކުރީގެ ދިފާއީ ވަޒީރު ބެން ވެލަސް ގެންދަވަނީ ސިފަކުރައްވަމުންނެވެ. 

އަދި އިސްރާއީލުގެ ބޯމަތިންލާފައި ފަލސްތީނުގެ މިނިވަން ދައުލަތް އިނގިރޭސި ވިލާތުން ގަބޫލުކުރުމަށްވެސް ބާރު އަޅުއްވަމުންނެވެ. 

އިނގިރޭސި ޚާރިޖީ ވަޒީރު ލޯރޑް ކެމަރޯން ވިދާޅުވެފައިވަނީ އިސްރާއީލުން ރަފާހް އަށް ޙަމަލާ ދީފިނަމަ އެމެރިކާއާއި ފަރަންސޭސި ވިލާތާއި ޖަރުމަނާއި އަދި އިޓަލީންވެސް އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓުވަން މަސައްކަތްކުރައްވާނެ ކަމަށެވެ.

މިއިން އެނގިގެންދަނީ ދުނިޔޭގެ ލީޑަރުންގެ ވިސްނުން ފަލަސްތީނުގެ މުޖާހިދުންނާ އެއްކޮޅަށް ބަދަލުވަމުންދާ މިންވަރެވެ. މުޖާހިދުންގެ ސަބަބުން ކުރިމަތި ވަމުންދާ ނުރައްކަލާދޭތެރޭ ވިސްނާކަމަކަށް ނުބެލެވެއެވެ.                                                                

މި ހަފުތާގެ ތެރޭގައި އިނގިރޭސި ޚާރިޖީ ވަޒީރު އިންޒާރު ދެއްވާފައިވަނީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިތިބި ފަލަސްތީނުގެ ރައްޔިތުންނަށް ރެޑް ކްރޮސްއިން ޒިޔާރަތްކުރަން އިސްރާއީލުން ހުރަސްއަޅައިފިނަމަ އިނގިރޭސި ވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލާނެކަމަށެވެ. ޖެނީވާ ކޮންވެންޝަންގެ ދަށުން އިސްރާއީލަށް އެކަން ނުކުރެވޭނެކަން އެނގެންޖެހޭނެއެވެ.                   

ޚާރިޖީ ވަޒީރުގެ އިންޒާރަށް ރައްދު ދީ އިސްރާއީލުން ބުނެފައިވަނީ ގައްޒާގައިތިބި އިސްރާއީލުގެ އަސީރުންނާ ބައްދަލުކުރަންވީމާ ރެޑް ކްރޮސް އަކަށް ޖެނީވާ ކޮންވެންޝަން އޮންނަކަން ހަނދާނެއް ނުހުރެއެވެ. ޙަމާސް އިން ރަހީނުކޮށްފާހުރި 84 އަހަރުގެ އިސްރާއީލުގެއަންހެނަކަށް ބޭނުންވާ ބޭހެއް އޭނާގެ ދަރިއަކު ރެޑްކްރޮސް އޮފީހަށް ހަވާލު ކުރުމުން އެ ބޭސް އެމީހާއަށް ރައްދުކޮށްދޭން އިންކާރު ކުރިއިރު ޖެނީވާ ކޮންވެންޝަންގެ ހަނދާނެއް ނެތްކަމަށެވެ. 

އިންސާނީ ބޭނުންތަކަށް އެހީގެ ދޮރު ހުޅުވާފައި ބަހައްޓަން ޖެހޭނެއެވެ. ދުނިޔޭގައި ހިނގާދިޔަ އެއްވެސް ހަނގުރާމައެއްގައި އިސްރާއީލާ އެއްވަރަށް އިންސާނީ ކަރާމަތާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުތައް ހުޅުވާފައެއް ނުހުންނާނެއެވެ. އެކަމަކު ޙަމާސްއިން ދުނިޔެއަށް ވިސްނާދެމުން އެ ގެންދަނީ އިސްރާއީލަކީ ލެޔަށް ފެންބޮވާގެންފައި ތިބި ބައެއްކަމަށެވެ. ޙަމާސްގެ މަގްސަދަކީ އަވަހަށް ހަނަގުރާމަހުއްޓުވުމެވެ.               

ދުނިޔޭގެ މީޑިއާތަކާއި ބައިނަލް އަގްވާމީ އިދާރާތަކަށް ޙަމާސްއިން ދައްކާ މަންޒަރެއް ނޫނީ ނުފެނެއެވެ. ހަމާސްއިން ބުނާއެއްޗެއްގެ އަޑު ނޫނީ ނީވޭ ކަހަލައެވެ.

އާންމު ރައްޔިތުންގެ ފަގީރުކަމާއި ބަނޑަށް ޖެހުމަކީ ވަރަށް ގިނަ ގައުމުތަކުން ފެންނަމުންދާ މަންޒަރެކެވެ. ގައްޒާގެ ޙާލަތަކީ ޙަމާސް އިން ބޭނުންވާކުލައެއް ޖައްސާފާ ދުނިޔެއަށް ދައްކާ އެއްޗެކެވެ. 

މުޖާހިދުންގެ ކިތަންމީހުން މަރުވެފާ ތިއްބާ ދުނިޔެއަށް ދައްކާފައި ވޭ ހެއްޔެވެ؟ ހުޅަނގުގެ އެއްވެސް މީޑިއާއަކުން އެ މަންޒަރުތައް ބަލާ ކަށަވަރު ކުރިހެއްޔެވެ؟ ހަގީގަތަކީ މިހުރިހާ ކަމަކީވެސް ދުނިޔެ އިސްރާއީލާ ދެކޮޅަށް އަނބުރާލުމަށްޓަކައި ޙަމާސްއިން ރާވައިގެން ކުރާކަންތަކެވެ.                                               

އ.ދ. ގެ ދައުރަށް ބަލާއިރު އިސްރާއީލުގެ ސިފައިން ރަފާހް އަށް އެރުން ހުއްޓުވުމަށްޓަކައި މުޅި އ.ދ. އެއޮތީ އެއް އަޑަކުން ގުގުމާލާފައެވެ. ޙަމާސް އިން ކުރާ އެއްވެސް ކަމެއް އ.ދ. ގެ ލޮލަކަށް ނުފެނެއެވެ. 

ދުނިޔޭގެ އެހެން އެއްވެސް ގައުމަކާއި ދޭތެރޭ އިސްރާއީލާ އެއްވަރަށް ނުރުހުމުގެ ގަރާރު ފާސްކޮށްފައެއް ނެތެވެ. ހަމައެފަދައިން އދ ގެ އިންސާނީ ޙައްގުތަކާބެހޭ އިދާރާއިންވެސް ދުނިޔޭގެ އެހެން އެއްވެސް ގައުމެއް ބަދުނާމް ނުކުރާވަރަށް ގެންދަނީ އިސްރާއީލު ބަދުނާމް ކުރަމުންނެވެ. 

އެހެންމެ ފަހުން ދުނިޔޭގެ އަދުލު އިންސާފުގެ ކޯޓަށް އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށައެޅި އެއްވެސް ހަގީގަތެއް ނެތް މައްސަލަ ކޯޓުން ބޭރުކޮށްލަން އިސްރާއީލުން އާދޭސްކުރީމާވެސް ކޯޓުން ނިންމާފައި އެވަނީ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. 

ގައްޒާގައިހާލުގައި ޖެހިފައިތިބި މީހުންނަށް އެހީގެ ތަކެތި ރައްދު ކޮށްދިނުމުގައި އ.ދ. ގެ އޭޖެންސީގެ މުއައްޒިފުން ބައިވެރިވިކަން އެނގުމުންވެސް އެޅުނު ފިޔަވަޅެއް ނެތެވެ. ގައްޒާގައި ހުންނަ އ.ދ. ގެ މައި އިދާރާ ހުންނަނީ ޙަމާސްގެ އިންޓެލިޖެންސް އޭޖެންސީގެ މަތީގައެވެ.

ރަފާޙް ގައި ޙަމާސްގެ 10000 އަށްވުރެން ގިނަ މުޖާހިދުން ދިރިއުޅެމުން ގެންދާކަން އިސްރާއީލަށް އެނގެއެވެ. އިސްރާއީލުގެ އިދިކޮޅު ލީޑަރ ބެނީ ގާންޒު ބުނެފައިވާފަދައިން އަލިފާން ރޯވެފައިހުރި ތަނެއްގެ %80 ނިންވާލުމަކުން ނުފުދޭނެއެވެ. ހަމަމިމޭރުމުން ޙަމާސްގެ އެއްބައި މީހުން ދޫވެފައި ތިބެއްޖެނަމަ އެތައްފަހަރަކު އިސްރާއީލުން އޮކްޓޯބަރ 7 އާއި ކުރިމަތިލާން ޖެހޭނެއެވެ ”.

މިއީ އިސްރާޢީލު ދުނިޔެ ގަބޫލުކުރުވަން ބޭނުންވާ ގޮތުގެ ވާހަކައެވެ. ވަރަށް ޑެސްޕެރޭޓް ވެއްޖެ، ދޮގެއްތޯއެވެ!                            

Loading

3 Responses

  1. އިސްރާއިލަށް ގޮތް ހުސްވަނީ އެވެ. ތާއީދުކުރަން ބޭނުންވާ ގައުމުތަކުންވެސް ދުނިޔޭގެ ލަދަށްޓަކައި ހަނުހުރުން އިޚްތިޔާރު ކުރަނީއެވެ. ހިތާމައަކީ އަރަބި ދުނިޔޭގެ ގިނަ ގައުމުތަކުން ހަގީގަތާ ދުރު ވިސްނުމެއް ގެންގުޅުމެވެ. ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އަރަބި ދުނިޔެ އެކަމުގައި ބައިވެރިވެގެންނެވެ.
    މިއީ ރަނގަޅު ލިއުމެކެވެ. އިސްރާއީލުން ބޯގޮވާފައި ތިބި ވަރު އެނގިގެން ހިނގައްޖެއެވެ. ޢާންމުގޮތެއްގައި ދުނިޔޭގެ އެއްވެސް މީޑިއާއަކުން އިސްރާއީލުގެ ކަންބޮޑުވުން މިހާވަރަށް ކިޔާދީފައެއް ނުވެއެވެ. އަބަދުވެސް އިސްރާއީލުގެ މޮޅުވާހަކައެވެ.

  2. އެމެރިކާގެވެސް ރައްޔަތުންގެ ނުރުހުން އިންތިހާޔަށެވެ. ވީމާ ކުރިޔަށް އޮތް އޮލެކްޝަނަށް ބައިޑަންވެސް އެހެންމީހެއްގެ ސިކުނޑި ބޭނުން ކޮށްގެންނަމަވެސް އިޒްރޭލަށް މީހުން ފަނާކުރަން އެމެރިކާއިން ދޭހާ ބޮމާއި ފައިސާ މަޑުޖައްސާލަން މަޖުބޫރުވާނެއެވެ. އެގޮތުން މިފަހަރު އިޒްރޭލް ބޭނުންގޮތެއްނުވިއެވެ. އެހެނަށް 30 ހާސް މުސްލިމުން އެމެރީއެވެ. ވަކި އެމެރިކާއަކަށްވުރެ ޢަރަބި އިސްލާމީ ގައުމުތަކެއް ދެރައެއް ނޫނެއްނޫންތޯއެވެ! އިސްލާމުންގެ 30 ހާސް މީހުން ލައިވް ޓީވީ ކުރިމަތީ ނުވަތަ ލޯމަތީ ބުޅާތަކެއްވެސް ނުމަރާނެހާ ރަޙުމްކުޑަކޮށް މަރާއިރު އެތިބީ އިޒްރޭލާއި އެމެރިކާއާއި ބަޢިއަތު ހިފައިގެން ފަލަސްތީނުގެ ޙަމާސް ދުއްވާލުމަށެވެ. މާތްﷲގެ އިރާދަފުޅުން އަނިޔާވެރީންނާއި އެފަދަ މުނާފިގުންނަށް ﷲ ބަދަލު ހިއްޕަވާނެތެވެ. އާމީން!

  3. ބޮންވެސްދީފި. މިފަހަރު ތަންކޮޅެއް ގިނައިންކަމަށްވަނީ. 3 ބިލއަން ޑޮލަރުގެ ބޮން ދިން ކަމަށްބުނޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް