ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ޓެލެގްރާމް ގުރޫޕެއް އަތުލައިގެންފިއެވެ.
މިކަން ހާމަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ”ޖަޒީރާ އެޑްމިން“، ”ޖަޒީރާ ގާރލްސް“، ”ޖަޒީރާ އެސްކޯޓް ގެލެރީ“، ”ޖަޒީރާ ސްކޭމް އެލާޓް“ އަދި ”ޖަޒީރާ ލިންކް ޚަބަރު“ގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލްމަހުން ފެށިގެން ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
އެގޮތުން މި މައްސަލައިގައި މި ޗެނަލްތައް ހިންގާކަމުގެ ތުޙުމަތުގައި މި މަހުގެ 6 ވަނަ ދުވަހު އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހު ފުލުހުންގެ ސައިބަރ ޕޮލިސިންގ ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި 4 ތަނެއް ބަލައި ފާސްކޮށް، މި މައްސަލައާއި ގުޅުންހުރި ބައެއް ތަކެތި ފުލުހުން ބެލުމުގެ ދަށަށް ގެނައުމަށްފަހު ކަމަށެވެ.
އެހެން ކަމުން މި ތަކެތީގެ ފޮރެންސިކް ތަޙުލީލުތައްކޮށް ހެކި ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން މި ޗެނަލްތައް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިންގއާއި ޑްރަގް ޓްރެފިކިންގއާއި ހަށި ވިއްކުމާއި، ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި، އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުޙުމަތުކުރެވޭ ކަމަށެވެ.
ހަމަ އެހެންމެ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މާލީ މުއާމަލާތުތަކަށް ބަލާއިރު، އެމީހުން ކުރާ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތުތަކެއްކޮށްފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން ފުރަތަމަ ފަހަރު 5 ދުވަހަށް ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ޙާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދު ކުރުމަށް ޢަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ވަނީ މިފަދަ ޤާނޫނާ ޚިލާފު ކަންކަމާ ދުރުވެ، މިފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.
![]()
