ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި އުނގޫފާރު ހިމެނޭ

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ގިނަ ރައްޔިތުންނަށް ފައިދާ ހާސިލުކުރެވޭނެ ގޮތަށް ރާއްޖޭގައި ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި އުނގޫފާރު ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުނގޫފާރުގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި 7 އާބަން ސެންޓަރެއް ތަރައްޤީ ކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި އެންމެ މުހިންމު ކަންކަން ފުއްދަވައިދެއްވާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިޤްތިޞާދު ވަރުގަދަކޮށް، ފަސޭހަކަމާއެކު އަނބުރާ ދެއްކޭނެ ލުއި ލޯނު ސްކީމް ތަޢާފަރުކުރުމަށް މަސައްކަތް ކުރައްވާ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ސޯޝަލް ހައުސިންގއަށް ކުރެވެމުންދާ މަސައްކަތްތައް އެ މަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.

މީގެ އިތުރުންވެސް ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ކުޅިވަރުގެ ދާއިރާ، އުމްރާނީ ތަރައްޤީގެ ދާއިރާ، އިޖްތިމާޢީ ތަރައްޤީގެ ދާއިރާއާއި ދެންވެސް ހުރި އެކިދާއިރާތަކަށް ސަމާލުކަން ދީގެން އެކަންކަން ކުރިއަށް ގެންދަވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އުނގޫފާރަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަޑައިގެންނެވި ތިންވަނަ މަންޒިލެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް