އެސޯޝިއޭޓެޑް ޕްރެސްއިން ދެންމެއަކު ރިޕޯޓް ކޮށްފައިވާ ގޮތުގައި ކްރީމިއާ ބްރިޖު ގޮއްވައިލަން ޖަރުމަނުން ރޭވިކަން އެނގުމުން ރަޝިޔާއާއި ޖަރުމަނުގެ މަސްރަހް ވިރިކެކޭ މިންވަރަށް ހޫނުވެ ގޯސްވެއްޖެއެވެ.
ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅުންތަކެއް ހުކުރުދުވަހު މީޑިއާއަށް ހާމަކުރި އޯޑިއޯ ރެކޯރޑިންއަކުން އެނގޭ ގޮތުން ޖަރުމަނުގެ ސިފައިންގެ އިސް މަގާމުތަކެއްގައި ތިއްބެވި ޖެނެރަލުންތަކެއް ކްރީމިއާ ބްރިޖް ގޮއްވައިލަން މަޝްވަރާ ކުރިކަން ފަޅާއެރުމުން އެގައުމުގެ ކައުންޓަރ އިންޓެލިޖެންސް އޭޖެންޓުން އެކަމާބެހޭ ގޮތުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.
38 މިނިޓުގެ އޯޑިއޯ އެންމެ ފުރަތަމަ މީޑިއާއަށް ހިއްސާކުރިކަމަށް ވަނީ ރަޝިއަން ޓެލެވިޒަންގެ އެޑިޓަރ-އިން- ޗީފް މަރގަރިޓާ ސައިމޯނިޔަން އެވެ. އަދި ޚަރިޖީ ވުޒާރާގެ ރުޅިވެރިކަން ފަޅައިގެން ދިއުމުގެ ކުރިން ހަމައެވަގުތު ރަޝިޔާގެ ރަސްމީ މީޑިއާއާއި ކްރެމްލިންއާއި ގުޅުންހުރި މީޑިއާތަކުންވެސް އޯޑިއޯ ފަޅާއަރުވާލައިފިއެވެ.
އޯޑިއޯ ކްލިޕާއި ގުޅިގެން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ސިފައިން ޔޫކްރެއިނުގައި ތިބިކަން މިހާރު ކަށަވަރު ކުރެވުނީ ކަމަށެވެ.
ރަޝިޔާ ޚާރިޖީ އޮފީހުގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވެފައިވަނީ އޯޑިއޯ ކްލިޕާގުޅޭ ގޮތުން ޖަރުމަނުން ހުޅުވާލެވިފައިވާ އޮޅުންފިލުވާދިނުމަކަށް ޑިމާންޑް ކުރައްވާ ކަމަށާއި އެހެންނޫނީ ރަޝިޔާއިން ދެކޭނީ އެއީ ހަގީގަތެއް ކަމަށް ޖަރުމަނުން ގަބޫލުކުރަނީ ކަމަށެވެ.
އޯޑިއޯ ރެކޯރޑިންއަކީ އަސްލުކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ހުޅަނގުގެ ވިސްނުމުގައި ކްރެމްލިންގެ ޕްރޮޕަގެންޑާ މެޝިނުން އޯޑިއޯއެއް ހަދާލުމަކީ އެއްވެސް ކަމެއް ނޫންކަން މާޒީގައިވެސް އޮތީ އެކަން ދައްކާފައެވެ. 2015 ވަނައަހަރު އެމް. އެޗް. 17 ވައްޓާލަން ސީ. އައި. އޭ. އިން ރޭވިޮކަމުގެ ހެކި ހުރިކަމަށް ބުނީވެސް ރަޝިޔާއިންނެވެ.
މޮސްކޯއިން ބުނެފައިވާ ގޮތުގައި އޯޑިއޯގައި ހުރިވާހަކަތައް ޖަރުމަނުގެ ވަރަށް އިސް ބޭފުޅުން ދައްކާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެބޭފުޅުން ޚިޔާލުކުރައްވާފައި އޮތީ ޓައުރަސް މިސައިލް ބޭނުންކޮށްގެން ބްރިޖް ގޮއްވައިލާށެވެ.
ކަންދިމާވެފައިވާގޮތުން މިދުވަސްވަރަކީ ޖަރުމަނުގެ ޓައުރަސް މަރުކާގެ މިސައިލް ޔޫކްރެއިނަށް ފޮނުވުމާބެހޭގޮތުން ޖަރުމަނުގައި ވަރަށް ބޮޑަށް ޗާންސެލަރ އޯލާފް އަށް ބާރުބޮޑުކުރަމުންގެންދާ ދުވަސްވަރެކެވެ. ޗާންސެލަރ ގެ ވިސްނުންފުޅު ހުރީ އެބާވަތުގެ މިސައިލް ޔޫކްރެއިނަށް ފޯރުކޮށްދޭ ގޮތަކަށް ނޫނެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ މޮސްކޯއަށް ހަމަލާދިނުމަށް ޓައުރަސް މިސައިލް ބޭނުންކޮށްފާނެތީ އެ ފުރުސަތ ހުޅުވައިދެއްވަން ބޭނުންފުޅުނުވަނީ ކަމަށެވެ.
ތުރުކީގައި ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޖަރުމަނުގެ ޖެނެރަލުން ޓައުރަސް މިސައިލް ޔޫކްރެއިނަށް ފޮނުވައިދޭން އުޅުނީ ޗާންސެލަރަށް ވެސް ނޭނގި ވަރަށް ސިއްރުންކަންވެސް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް އެވާހަކަތަކުގައި ބައިވެރިވި ޖެނެރަލުންގެ ފޮޓޯތަކާއި ވަނަވަރު ރަޝިޔާއަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ޖަރުމަނުގެ ދިފާއީ ވުޒާރާއިން އެންމެ ފަހުން ބުނެފައިވަނީ އެ ގައުމުގެ ފެޑެރަލް މިލިޓްރީގެ ކައުންޓަރ އިންޓެލިޖެންސުން އެ ބާވަތުގެ އޯޑިއޯއެއް އަޑުއިވިފައިވޭތޯ ބަލައި އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.
2 Responses
ތިވެސްވާނީ އެމެރިކާ ބުނެގެން ކަމަށް. ޖަރުމަނުން ކީއްކުރާކަށް ތިކަމާއި އިސްނަގަންވިއަކީ. މިހާރުވެސް ޖަރުމަނުން ރަޝިޔާގެ ހަކަތަ ނުލިބޭތީ ޖަރުމަނު މީހުން އެތިބެނީ ތިންގަނޑު ރަޖާލައިގެނެވެ.
ޖަރުމަނުގެ ޕާރލަމެންޓުގެ ބައެއް މެމްބަރުންވެސް މިކަމާމެދު ވަރަށް ކަންބޮޑުވެގެން އުޅުއްވާ ވާހަކަ މީޑިއާގައި އެބަ ދައުރުވޭ. ދިވެހިންގެ ތެރޭގައި ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނަނީ މިކަހަލަ ކަންތަކާހުރެ. ކޮންމެހެންވެސް އެބަޖެހޭ ޔޫކްރެއިނަށް މި ހަނގުރާމަ ކާމިޔާބު ކޮށްދޭން. އެކަމަކާހެދި ދުނިޔެ ބަނޑަށް ޖެހުނަސް ފަރުވާލެއްނެތް.