މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އިސްތިއުފާ ހުށަހަޅުއްވާފައި ވާތީ، ހުސްވެފައިވާ މަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައްވައިފިއެވެ.
އެގޮތުން މި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 2024 ފެބުރުވަރީ 20 އަދި 21 ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި މަޤާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން މި މަޤާމަށް އެދި ހުށަހަޅާފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.