ފުވައްމުލަކު ސިޓީ މަގުމައްޗަށް ވެއްޓިފައި އޮއްވާ ރޭ ދަންވަރު ފެނުނު ކުޑަކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، ރޭ ދަންވަރު 3:40 އެހާކަންހާއިރު ފުވައްމުލަކު ސިޓީ މަގުމަތި ޕެޓްރޯލް ކުރަމުން ދިޔައިރު ފުވައްމުލަކު ސިޓީ، މާލެގަން، ބަހާރު މަގާއި ގާޒީ މަގު ގުޅޭ ހިސާބުން ސައިކަލަކާއި އެކު ވެއްޓިފައި އޮތް ކުއްޖެއް ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ސައިކަލަކާ އެކު ވެއްޓިފައި އޮއްވާ ފެނިފައި ވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނީ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.