ދުބާއީގެ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ (ޑީއެފްޑީ) އިން ކުރިއަށް ގެންދިޔަ މިލޭނިއަމް މިލިއަނަރ ޕްރޮމޯޝަނުގެ އެއް މިލިއަން ޑޮލަރު ލިބޭ ނަސީބުވެރިއެއްގެ ގޮތުގައި ދިވެއްސަކު ހޮވިއްޖެއެވެ.
ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މިލޭނިއަމް މިލިއަނަރ ސީރީޒް 442 ގެ ޓިކެޓް ނަމްބަރު 1174 އިން ނަސީބުވެރިޔަކަށް ހޮވިފައި ވަނީ ރާއްޖެއަށް ނިސްބަތްވާ އަހްމަދު ނާސިރު ކިޔާ ދިވެއްސެކެވެ.
އެގޮތުން އޭނާ ޓިކެޓު ގަނެފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ. ޑީއެފްޑީއިން ބުނީ މިއީ 1999 ވަނަ އަހަރު މިލޭނިއަމް މިލިއަނަރ ޕްރޮމޯޝަން ފެށިފަހުން އެއް މިލިއަން ޑޮލަރު ހޯދި ރާއްޖެއަށް ނިސްބަތްވާ ފުރަތަމަ މީހާ ކަމަށެވެ.
މީގެ އިތުރުން ޑީއެފްޑީއާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޑީއެފްޑީގެ ޕްރޮމޯޝަނުން ހޮވުނު ރާއްޖެއަށް ނިސްބަތްވާ އެއް މިލިއަން ޑޮލަރުގެ ނަސީބުވެރި ފަރާތާއި އަދި މިހާތަނަށްވެސް ވަނީ ގުޅޭގޮތް ނުވެފައެވެ. ޑީއެފްޑީއިން ކުރިއަށް ގެންދިޔަ މިލޭނިޔަމް މިލިއަނަރ ޕްރޮމޯޝަނުގައި ދިވެއްސަކަށް އެއް މިލިއަން ޑޮލަރު ލިބިފައިވާއިރު، އެހެން ދެމީހަކަށް ވަނީ ލަގްޒަރީ ދެ ސައިކަލު ލިބިފައެވެ.
މީގެ ތެރެއިން އެއް ސައިކަލު ލިބިފައި ވަނީ އަޒަރުބައިޖާންއަށް ނިސްބަތްވާ މީހަކަށެވެ. އަދި އަނެއް ސައިކަލު ލިބިފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އަޖޭ ކުމާރު ހަރްބަންދާ ނަމަކަށް ކިޔާ މީހަކަށް ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. އޭނާ އަކީ ރިޓަޔަރ ކޮށްފައިވާ އެއާ އިންޑިއާގެ ސްޓާފެކެވެ.
ހަރްބަންދާ ވަނީ މި ޕްރޮމޯޝަނުން ލަގްޒަރީ ސައިކަލުގެ ނަސީބުވެރިޔަކަށް ހޮވުމުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީއަށް ޝުކުރު އަދާކޮށްފައެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތްތައް ހޮވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދުބާއީ ޑިއުޓީ ފްރީގެ އެގްޒެކެޓިވް ވައިސް ޗެއާމަން އަދި ސީއީއޯ ކޮލްމް މެކްލޯފްލިންއެވެ.
![]()
