ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރޭގެ ވަގުތެއްގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ނައިބު ރައީސް ޗައިނާއަށް ވަޑައިގެންނެވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި މި މަހުގެ 7-8 އަށް ބާއްވާ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) މި ފޯރަމްގައި ނައިބު ރައީސް ތަގުރީރު ކުރެއްވުމަށާއި ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 އިން 12 އަށް ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.
![]()
