ގައުމެެއްގެ ހަމަޖެހުމާއި އަމާންކަން ބިނާވެގެން ވަނީ ރައްޔިތުންގެއިޚުލާޞްތެރި ކަމުގެ މައްޗަށް

Loading

Facebook
Twitter
WhatsApp

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެކެވެ. އެހެން ކަމުން މިގައުމުގެ ރައްޔިތުން އުޅެންވާނީ އިސްލާމީ ހުދޫދުގެ ތެރޭގައެވެ، ވައްކަމާ ޓެކުމާ ޚިޔާނާތާ ރިޝްވަތުގެ ޢަމަލު ތަކަކީ ގިޔާމަތް ދުވަހު ތިމާއާއި ސުވާލު ކުރެވޭނެ ކަންކަން ކަން ކޮންމެ މުސްލިމަކަށް ވެސް އެގެން ވާނެއެވެ.

މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައި ﷲ ޙަރާމް ކުރެއްވި އެންމެހައި ފާސިގް ނުބައި ޢަމަލުތައް އެވަނީ އަތްނުފޯރާ ފަށުގައެވެ. ހަށިވިއްކުމާއި މަސްތުވާތަކެތި އެތެރެކޮށް އެެއިން ވިޔަފާރިކޮށް ފިހާރަތަކާ ރެސްޓޯރެންޓް ތައްހުޅުވައިގެން އުޅޭމީހުން ވެސް މަދެއްނޫނެވެ. އިސްލާމީ ގައުމެއްގައި ދިރިއުޅޭ ކޮންމެ މުސްލިމަކަށްވެސް މިކަމުގެ ނުބައި ނަތީޖާއާ ކުރިމަތި ލާންޖެހޭނެއެވެ.

ފެނިފައި ހުރި ޙަގީގަތް ތަކުގެ މައްޗަށް ބަލާއިރު ދައުލަތުގެ ބާރުގަދަ އިސް މަގާމުތަކުގައި އުޅުއްވާ ބައެއް ބޭފުޅުންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ވަނީ މަސްތުވާތަކެތި ޓަނުން އެތެރެވެފައެވެ. މިބާވަތުގެ ކަންކަން ފަޅާއަރަނީ މަދުފަހަރަކު އެވެ. މިގޮތުން އެތެރެވާ ތަކެތި ވިއްކަނީ ގޭންގް ތައްމެދުވެރި ކޮށެވެ. އެހެން ކަމުން ގޭންގްތަކުގެ ބާރު އޮންނަނީ ރައްޔިތުން ބިރުގަންނަފަދަ ދަރަޖައަކަށެވެ. މިފަދަ ފަރާތްތަކުން ކުރާ ކުށްތައް ތަޙުގީގު ކުރަން ތަޙުގީގީ އިދާރާތައް ވަނީ ނުކުޅެދިފައެވެ. ފައިސާ ހޯދުމުގައި ޙަރާމެއް ހަލާލެއް ނުބަލައެވެ. އެމީހަކަށް ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން ލަގްޒަރީ ފުލެޓާއި ބިއެމްޑަބްލިޔޫ ކާރާއި ބޭރު ގައުމުތަކުން ގެދޮރު ގަނެފައިވާ މީހުންވެސް މި މުސްލިމް ގައުގައި އުޅެމުންދެއެވެ. ތިމާ މަރުވާނެކަމާމެދު ކުޑަކޮށްވެސް ވިސްނާލުމެއްނެތެވެ. ތިމާގެ އަނބިދަރީންނަށް އެ ކާންދެވެނީ އަލިފާންކަމެއް ނުވިސްނެއެވެ.

މިއީ އިސްލާމީ ގައުމެކޭ ބުނަން ލަދު ނުގަނޭ ހެއްޔެވެ. އަސްލު މިފަދަ ނުބައި ޢަމަލު ތަކުގެ ޝިކާރައިންނަށް ރައްޔިތުން ވެގެން ދަނީ ގައުމުގެ ބާރުގަދަ ނުފޫޒުގަދަ ބައެއް ޙަރާމް ފައިސާވެރިންގެ ސަބަބުންނެވެ. ރާއްޖޭގެ ގޭންގްތައް އޮޕަރޭޓް ކުރަނީ ވެސް މިދެންނެވި ފައިސާ ވެރީންނެވެ.

މިގައުމު ދެކެ ލޯބިވާ މުސްލިމުންނޭ! މުސްލިމުންނަކީ އިސްލާމް ދީން ޙިމާޔަތް ކުރަން ބިރުގަންނަ ބަޔަކަށް ނުވާށެވެ. މީގެ އަހަރުތަކެއް ކުރިން ޕޮލިހުންނާ އެމްއެންޑީއެފްގެ ތެރެއިން ބައެއް އިސް ބޭފުޅުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ އިސް ދައުރެއް އަދާ ކޮށްފައެވެ. އެދުވަސްތައް މާޒީވެ ގޮސްފައިވީ ނަމަވެސް ބައެއް ފުލުހުން މިހާރުވެސް މަސްތުވާތަކެތި ވިއްކާ ގްރޫޕްތަކަށް އެތަކެތި ދީގެން އެތަކެތި ވިއްކުވާކަމުގެ ތުހުމަތު ބައެެއްފަރަތް ތަކުން ކުރެއެވެ. އޭގެތެރޭގައި އެތަކެތި ބޭނުން ކުރާމީހުން އުޅޭކަމަށް ވެސް ތުހަމަތުގެ އިނގިލި ދަނީ އަމާޒުވަމުންނެވެ.

އެހެން ކަމުން ގައުމެއް އޮންނާނީ އެގައުމެއްގެ ރައްޔިތުން ފިސާރި ތެދުވެރި އަމާނާތްތެރި ބަޔަކަށް ވެގެންނެވެ. ވެރިންނަށް ކިޔަމަންތެރި ބަޔަކަށް ވެގެންނެވެ. އިސްލާމީ ހަމަތަކާ އުޞޫލުތަކަށް ތަބަޢަވެގެންނެވެ.

މި ރާއްޖެއަކީ އެވޭލާޒަމާނުއްސުރެ އެކުވެރި މުސްލިމް ޖަމާޢަތެއްގެ މައްޗަށް ބިނާވެގެން އައި ގައުމެކެވެ. އަވައްޓެރީންނާ ގުޅުން ބަދަހި ޢާއިލާތަކެއްގެ މައްޗަށް އެލެވިގެންވާ ގައުމެކެވެ. އަނިޔާވެރިވުމާއި ލަނޑުދިނުމަކީ މިގައުމު ދެކެން ބޭނުންވާ ކަން ކަމެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް