ފެލިދޫ ކައުންސިލްގެ ނިންމުން ބާތިލުކުރަން އެޗްއާރްސީއެމުން އަންގައިފި

Loading

Facebook
Twitter
WhatsApp

ވ.ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންގެ އަނބިންނާއި ފިރިންނާއި ދަރިންނަށް ޚިދުމަތް ނުދޭން އެ ކައުންސިލުން ނިންމި ނިންމުން ބާތިލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ކައުންސިލަށް އަންގައިފިއެވެ.

އެޗްއާރްސީއެމުން ފެލިދޫ ކައުންސިލަށް މި އެންގުން އަންގާފައި މިވަނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެ އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ، އެ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ކައުންސިލް މެދުވެރިކޮށް ހިދުމަތްތައް ނުދޭން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ހާމަކުރުމާއި ގުޅިގެންނެވެ.

އެގޮތުން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ ދައްކަންޖެހޭ ފައިސާ ނުދައްކާނަމަ، އެ ރަށު ކައުންސިލުން އެ މީހަކަށާއި އޭނާގެ އާއިލާއަށް ދޭ ޚިދުމަތްތައް ކަނޑާލަން ނިންމި ނިންމުމަކީ ޤާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ބާތިލު ކުރުމަށް ވަނީ އަންގާފައެވެ.

ޤާނޫނުއަސާސީގައި ބަޔާންކުރާ އެއްވެސް އަސާސީ ހައްޤެއް ނުވަތަ މިނިވަން ކަމެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓޭނެ ކަމަށްވެސް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

ހަމަ އެހެންމެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެހެން އެއްވެސް ގާނޫނެއްގެ ދަށުން ވެސް ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް އެއްވެސް ފަރާތަކަށް ފޯރުކޮށްނުދީ ނުހިފެހެއްޓޭނެ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެފައި ވެއެވެ. ފެލިދޫ ކައުންސިލްގެ 29 ވަނަ އާންމު ޖަލްސާއިން ފާސްކޮށްފައިވާ ކަންކަމަކީ ޤާނޫނު އަސާސީއާއި ލާމަރުކަޒީ ޤާނޫނުގެ ދަށުން ފެލިދޫ ކައުންސިލަށް ޤާނޫނީ ހަމަތަކުގެ މަތިން ލިބިފައިވާ ބާރެއް ނޫން ކަމަށްވެސް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މައްސަލައަށް ހައްލު ހޯދަން ވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި ކައުންސިލްތަކަކީ ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރާ، ރައްޔިތުންނަށް އަސާސީ އަދި އާންމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިދާރާތަކަށްވާއިރު، ކައުންސިލްތަކުގެ ނިންމުންތައްވާން ވާނީ މި މަޤްޞަދު ހާސިލްވާނެ ގޮތަށް ނިންމާ ނިންމުންތަކަކަށް ކަމަށް އެޗްއާރްސީއެމްގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެޗްއާރްސީއެމުން ފެލިދޫ ކައުންސިލުގެ ނިންމުން ބާތިލު ކުރުމަށް އަންގާ ބަޔާން ނެރެފައިވާއިރު ލޯކަލް ގަވަރމެންޓު އޮތޯރިޓީ (އެލްޖީއޭ)އިން އިއްޔެ ވަނީ ކައުންސިލްތަކުން ހަދާ ގަވާއިދުތައް ނިންމަން ވާނީ، ގާނޫނު އަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ ހައްޤަކަށް އެއްވެސް ކަހަލަ އުނިކަމެއް ލިބިގެން ނުދާނެހެން ކަމަށް އިލްތިމާސްކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް