ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަން ކުރީގެ ބަންޑާރަނައިބު ޢާއިޝަތު އާޒިމާ ޝަކޫރު މިއަދު ހާމަކުރައްވައިފިއެވެ.
އާޒިމާ މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އަންނަ ޖަނަވަރީގައި ބާއްވަން ހަމަޖެހިފައިވާ މާލޭގެ މޭޔަރު ހޮވުމުގެ އިންތިޚާބަށް ކުރިމަތިލައްވަން ގަސްދުކުރެއްވީ އޭނާއަކީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ޚިދުމަތުގައި ދެމިހުރި މީހަކަށްވެފައި ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމުގެ ޝައުގު ހުރުމުން ކަމަށެވެ.
ހަމައެހެންމެ ހަގީގީ މާނައިގައި މާލެ ސަރަހައްދު ތަރައްގީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ގަބޫލުކުރެވޭތީވެ އެ ކަންކަން ރައްޔިތުންނަށް ކޮށްދިނުމުގައި އިސްނަގަން ބޭނުންވާތީ ކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވަނީ މުރާލިކަމާއެކު ރެޔާދުވާލު ޚިދުމަތުގައި ދެމި ހުންނާނެ އަދި ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު މަސައްކަތް ކުރާނެ މީހަކަށް ވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް ދިވެހި ގައުމުގެ މަސްލަހަތު އިސްކުރާނެ މީހެއްގެ ގޮތުގައި އަބަދުވެސް ދެމިހުންނާނެ ކަމަށާއި މާލެ ސިޓީއަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ތަރައްގީކޮށް އާއިލާއާއެކު ދިރިއުޅެވޭނެފަދަ ތަނަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު ވެސް ވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައިފައެވެ.