އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި މިއަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމަށް މިއަދު ބާއްވާން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ އެމްޑީޕީ މެންބަރުން ޖަލްސާއަށް ހުރަސް އަޅައިފިއެވެ.
މިއަދަށް ތާވަލުކޮށްފައި އޮތީ ބަޖެޓު ހުށަހެޅުން ކަމަށްވިޔަސް ފިނޭންސް މިނިސްޓަރު އިބްރާހިން އަމީރު ރޭ ވަނީ ޖަލްސާއަށް ވަޑައިނުގަންނަވާނެކަން ހާމަކުރައްވައިފައެވެ. އެގޮތަށް ނިންމެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭހައި ހިނދަކު މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ގެންދިއުމަކީ ގާނޫނާއި ގަވާއިދާ ޚިލާފުކަމެއް ކަމަށް ބަންޑާރަ ނައިބު ލަފާއަރުއްވާފައިވާތީ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު މަޖިލީހަށް ވަޑައިނުގަތް ނަމަވެސް މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ފެށުމަށް މަސައްކަތް ކުރެއްވިއެވެ.
ނަމަވެސް އެމްޑީޕީގެ މެންބަރުން ރިޔާސަތުގެ މޭޒުކޮޅު ކައިރިއަށް އެއްވެ އެ ތަނުގައި އިހުތިޖާޖުކޮށް ވަނީ ހަމަނުޖެހުން ހިންގައިފައެވެ. އެ އިހުތިޖާޖުގައި ދުންމާރިތައް ވެސް ފުމެމުން ދިޔައެވެ.
މީގެއިތުރުން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވަނީ ގަވާއިދާ ޚިލާފުވެވަޑައިގެން ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވައިފައެވެ. އޭނާ އެ ގޮނޑިކޮޅުން ނެންގެވުމަށް ޢަފީފު މަސައްކަތް ކުރެއްވުމުން ނިހާދު ވަނީ ޢަފީފްގެ ގަޔަށް ބޮލަށް އަރައި ރިޔާސަތުގެ މޭޒުކޮޅު މަތީގައި ހުރި ކަރުދާސްތަކެއް ވެސް އުކާލައިފައެވެ.