އިޒްރޭލުން ގާޒާގެ އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

Loading

October 18, 2023
sandhaanu news
Facebook
Twitter
WhatsApp

ރޭގެ ވަގުތެއްގައި އިޒްރޭލުން ގާޒާގެ އަލް އަހްލީ ޢަރަބި ހޮސްޕިޓަލަށް އަމާޒުކޮށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި އެވެ. 

މިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ހޮސްޕިޓަލުތަކަށް ހަމަލާދިނުމަކީ އިންސާނީ ހައްޤުތަކާ ބޭހޭ ޤާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި މިއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

ގާޒާގެ ހޮސްޕިޓަލަށް ދިން ލާއިންސާނީ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ބުނީ އާންމު ރައްޔިތުންނަށް އަމާޒުކޮށް އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން ބަލައިނުގަނެވޭނެ ކަމަށާއި މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. 

ހަމަ އެހެންމެ ފަލަސްތީންގެ ކުށެއް ނެތް އާންމުންނާ ދެކޮޅަށް އެއްވެސް ރަހުމެއް ނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. 

ގާޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. 

ޔަހޫދީ އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ގާޒާގެ އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަށް ދިން ރަޙުމު ކުޑަ ހަމަލާގައި ޝަހީދުވި މީހުންގެ ޢަދަދު މިހާރު ވަނީ 500 އަށްވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ބަލި މީހުން ވެސް ހިމެނެއެވެ. 

އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަކީ ބަލި މީހުންނާއި، ޔަހޫދީންގެ ހަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކަށް ފަރުވާ ދިނުމުގެ އިތުރުން، ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން އައި ހޮސްޕިޓަލެކެވެ. 

މި ހަމަލާއާއި ގުޅިގެން އިޒްރޭލާއެކު ސިޔާސީ ގުޅުން ޤާއިމު ކޮށްފައިވާ ޤައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ހަރުކަށި އިބާރާތުން މި ހަމަލާ ކުށްވެރި ކޮށްފައެވެ. އެ ޤައުމުތަކުގެ ތެރޭގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އާއި، ބަޙްރައިނާއި، މަޣްރިބު ހިމެނެއެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް