އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި %53 ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރެއްވި މުޢިއްޒަށް ޓެގް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް މޯދީ ދެއްވިއެވެ.
ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އޮތީ ޒަމާންވީ ގުޅުމެއް ނަމަވެސް މި ސަރުކާރު އޮތީ އިންޑިއާއަށް އަޅުވެތިވެފައި ކަމަށް ބުނެ އިދިކޮޅުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒު ކުރިއެވެ. އަދި އިންޑިއާއާއެކު ބޭއްވި ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ވަރުގަދަ ކެންޕޭންތައް ހިންގާފައިވެއެވެ.
މުޢިއްޒު ވިދާޅުވި ގޮތުން މީގެ 40 އަހަރުކުރިން ފެށިގެން ރާއްޖޭގައި އޮތީ އަމިއްލަ މިނިވަންކަމެކެވެ. އަދި މި ސަރުކާރު އަންނަންދެން މިހާތަނަށް އައިއިރު ވަކި ގައުމެެއްގެ އަތްދަށުވެފައެއް ނުވެއެވެ.
ވެރިކަމަށް ވަޑައިގެން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ޔަގީންކޮށް ހުރިހާ ގައުމުތަކާއެކު ގާތް ގުޅުން ބޭއްވުމަށް މަސައްކަތް ފަށްޓަވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
![]()
