30 ސެޕްޓެމްބަރަށް ދިވެހީން ސަމާލުވޭ!!!

Loading

Facebook
Twitter
WhatsApp

އާދެ! 09 ސެޕްޓެމްބަރ 2023 ގައި ނެގުނު ރިޔާސީ އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތަ އަށްވުރެ މަތިން ލިބިފައި ނުވާތީ، އެންމެ ގިނައިން ވޯޓު ހޯދި ދެ ކެނޑިޑޭޓުން މެދުގައި 30 ސެޕްޓެމްބަރ 2023ގައި އަލުން ވޯޓުލެވޭނެއެވެ. އެހެންކަމުން ދިވެހީން އަދިވެސް ނިކަން ހުޝިޔާރުވެ ތިބެން އެބަޖެހެއެވެ. 

އަހުރެންގެ ނަޒަރުގައި މިފަހަރު ކިންގް މޭކަރ އެއް ނެތެވެ. އެހެނީ ޑރ. މުއިއްޒު އެކަނި ލިބިވަޑައިގަތީ 100723 ވޯޓެވެ. ހަމައެހެންމެ އެމް.ޑީ.ޕީ އަށް ލިބުނު 85126 ވޯޓު އަދި ޑިމޮކްރެޓްސް އަށް ލިބުނު 15633 ވޯޓު އެއްކޮށްލުމުން 100759 ވޯޓު ވެއެވެ. މިއީ ސަމާލުވާން ޖެހޭ ކަމެކެވެ. އެހެނީ 09 ސެޕްޓެމްބަރ 2023 ގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަންހެން ދަރިފުޅު މީރާ ޓްވީޓް ކުރީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގައި ވޯޓު ދޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަށް ކަމަށެވެ. 

އިސްވެ ލިޔެވުނު ނަތީޖާއަށް ބަލާއިރު ޑިމޮކްރެޓްސް އާ ޚިޔާލު އަދި ފިކުރު އެއްގޮތްވާނީ އެމް.ޑީ.ޕީ ކަމުގައި ވާތީ، ޑިމޮކްރެޓްސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބައިތު ހިފާނީ އެމް.ޑީ.ޕީ އާއެކު ކަމަށް ލަފާ ކުރެވެއެވެ. ޑރ. މުއިއްޒު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ބޭނުން ހިފައިފިއްޔާ އިއާދަ ނުކުރެވޭނެ ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ހަމަ ގައިމުވެސް ޑރ. މުއިއްޒުގެ ފަޅިއަށް ޑިމޮކްރެޓްސް ގެނެސްފިނަމަ، ޑރ. މުއިއްޒުއަށް ތާއީދު ކުރައްވާ ދިނީ ޢިލްމްވެރިންގެ ތާއީދު ، ޑރ. މުއިއްޒުއަށް ގެއްލިދާނެއެވެ. މިވަރުގެ ޑެމޭޖެއް ޑރ. މުއިއްޒު ކުރައްވާނޭ ކަމަކަށް ނުބެލެވެއެވެ. އެހެނީ ތެދަށްބުނާނަމަ ޕީޕީއެމް އާއި އެމްޑީޕީ ފިކުރަކީ ފެނާ ތެލެވެ. މިދެއެތި މިކްސް ނުކުރެވޭނެއެވެ. މިކްސްކޮށްފިނަމަ އިންޖީނުގަނޑު ހަލާކުވީއެވެ.

މިއޮތީ އަހުރެން ޑިމޮކްރެޓްސް އުފެދުނީއްސުރެން ދައްކަމުން އައި ވާހަކަ ތެދުވެފައެވެ. އެހެނީ އެންމެ ފަހު ވަގުތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އާއި ކުރީގެ ރައީސް ނަޝީދު އެއްކޮށް ހުއްޓައި ފެންނާނެއެވެ. މާނައަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގައި އެމް.ޑީ.ޕީ އާއި އެއްކޮށް ޑިމޮކްރެޓްސް ބައިވެރިވާނެ ނުވަތަ ކޯލިޝަން ހަދާނެކަމަށް ފެނެއެވެ. އިސްވެ ބަޔާން ކުރެވުނު ފަދައިން ކުރީގެ ރައީސް ނަޝީދުގެ އަންހެން ދަރިފުޅު މީރާ ޓްވީޓް ކުރުމުން ބައްޕަ ރައީސް ޞާލިޙަށް ތާއީދު ކުރާނެ ކަމުގެ ފެހި ސިގްނަލް ދެއްވާފައި ވާތީއެވެ. 

މިހެން ކަން ހިނގާން ފެށުމުން މިހާރު މިރާއަށް ރައީސް ޞާލިޙު އޯކޭ ވީއެވެ. އެހެނަސް ދުވަސްކޮޅެއް ކުރިން ހަމަ މި މީރާ ނަޝީދު، އޭނާގެ ބައްޕަ މަރާލަން ރައީސް ޞާލިޙު އުޅުނުކަމަށް ބުނެ ސޯޝަލް މީޑިއާގައި ގަދަޔަށް ލިޔެ ހެދިއެވެ. އަދި ކުރީގެ ރައީސް ނަޝީދު ، ރައީސް ޞާލިޙު ވަރަށް ބަލިކަމަށާއި އޭނާ އެތަކެއް ބޭހެއް ކައިގެން ނޫނީ ކޮޅަށް ނުހުރެވޭ ވާހަކަ ދެއްކިއެވެ. މިހާރު މިވާހަކަތައްވެސް ހަނދާން ނެތޭނެއެވެ.

ތޮއްޑޫ ޢަލީ ވަޙީދު ބުނާހެން ހައްތާވެސް ސްމޯކް ސްކްރީން އެވެ. ސިޔާސީ ގޮތުން ކުރި ހޯދުމަށް އަނބިމީހާ އޮރިޔާން ކުރާންވެސް މިކަހަލަ މީހުން ފަހަށް ނުޖެހޭނެ ހެން ހީވެއެވެ. ދިރިތިބީނަށް ވިސްނާ ފިކުރުކުރާން ހުރި ކަންކަމެވެ. މިކަހަލަ މީހުނަށް ވުރެން މިޤައުމު ބޮޑެކަން ރައްޔަތުން ދަންނަން ޖެހޭނެއެވެ. ދިވެހީން، ދިވެހީންގެ ރާއްޖެއަށް ފާރަވެރިވެ ތިބެން ޖެހޭނެއެވެ. ނަތީޖާ ދެއްކެންޖެހޭނެއެވެ.

އެހެންކަމުން ކުރީގެ ރައީސް ނަޝީދު ކިންގް މޭކަރ އަކަށް ނުވެއެވެ. އަނެއްކޮޅުން ޤާސިމްވެސް ކިންގް މޭކަރ އަކަށް ނުވެއެވެ. ސަބަބަކީ އަމިއްލަ ގޮތުން އަތުގައި އެއްވެސް އެއްޗެއް ނެތި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި އުމަރު ނަޞީރަށް ވުރެން ޤާސިމަށް ލިބުނު ވޯޓު މަދެވެ. އަދި ރިޓަޔަޑް ކާނަލް ނާޒިމް އުޅެނީ އެއަށްވުރެން ދަށުގައެވެ. މައުމޫނުގެ ވެރިކަމުގައި އެމީހުންގެ އަނިޔާތަށް ރައްޔަތުން ހަދާންނުނެތުނެވެ.

މާތް ﷲ އަޅުގަނޑުމެންގެ މި ޤައުމު ސަލާމަތާއި އަމާންކަން މަތީގައި އަބަދުގެއަބަދަށް ލަހައްޓަވާށިއެވެ! އާމީން! (وما توفيقي الا بالله)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް