އޮކްޓޫބަރު މަހު މީރާއިން 2.28 ބިލިއަން ރުފިޔާ ބަލައިގަނެފި

Loading

Facebook
Twitter
WhatsApp

މިދިޔަ އޮކްޓޫބަރު މަހު މީރާއިން 2.28 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.


މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 11.8% އިތުރު އަދަދެކެވެ. އަދި މި އަދަދަކީ އޮކްޓޫބަރު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.9% އިތުރު އަދަދެކެވެ.
އޮކްޓޫބަރު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮކްޓޫބަރު 2026 ގައި ލިބިފައިވާ އާމްދަނީ 11.8% އިތުރުވި މައިގަނޑު ސަބަބަކީ، އާންމުދާއިރާގެ ޖީ.އެސް.ޓީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން، އެއަރޕޯޓް ޓެކުހާއި ފީ (އޭ.ޓީ.އެފް) އިތުރުވެފައިވުމަކީ ވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ. އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ ވެސް ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިތުރުވެފައެވެ.
އޮކްޓޫބަރު 2026 އަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ، އާންމުދާއިރާގެ ޖީ.އެސް.ޓީއާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ އިތުރުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އިތުރުވުމެވެ. ހަމަމިއާއެކު، މި މުއްދަތުގައި ލިބުނު އާމްދަނީގެ 19.6%ލިބިފައިވަނީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އޮކްޓޫބަރު 2026 ގައި ވަނީ ޖުމްލަ 448 މިލިއަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 171 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 161 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 98 މިލިއަން ރުފިޔާ ވަނީ ހޯދައިފައިވެއެވެ. ހަމަމިއާއެކު، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 8 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒްކޮށްގެން ވެސް 10 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ.
އޮކްޓޫބަރު 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 58.9% ނުވަތަ 1.3 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.9% ނުވަތަ 248 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ (6.8%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި151 މިލިއަން ރުފިޔާ (6.6%)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 149 މިލިއަން ރުފިޔާ (6.5%)، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 73 މިލިއަން ރުފިޔާ (3.2%) ލިބިފައިވެއެވެ.
އޮކްޓޫބަރު 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 96.24 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.  
މީގެ އިތުރުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 1.3 ބިލިއަން ޑޮލަރު ވެސް ހިމެނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް