ވ. ފޮއްތެލުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި ދޯންޏެއްގައި ތިބި މީހުން އެމްއެންޑީއެފުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ވ. ފޮއްތެލުން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި ”ކީސާ“ ދޯނީގައި ތިބި ފަޅުވެރިންނަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ ނޮވެންބަރު 10ވަނަ ދުވަހުގެ ރޭ 23:51ގައި ކަމަށާއި، ދަންވަރު 02:37 ހާއިރު އެމްއެންޑީއެފްގެ ޑައިވަރުން ވަނީ އެ ދޯނި އޮތް ގޮސްފައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ، މި ދޯނިން ދަތުރުކުރީ ދިވެއްސަކާއި ތިން ބިދޭސީން ކަމަށާއި، އެ އެންމެންވެސް ސަލާމަތްތެރިކަމާއެކު ހާބަރކްރާފްޓަށް ނަގާފައި ވާކަމަށެވެ.
އަދި އެ ދޯނީގެ ވެރިިފަރާތުން ގެނައި ދޯންޏެއް ކަމަށްވާ“އޯޝަން ރައިޑް“ 03:37 ހާއިރު އައުމުން އެ ދޯންޏަށް މީހުން ބަދަލުކޮށްފައި ވާކަމަށެވެ.
މި ހާދިސާގައި އެ ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާއެއް ވެފައިވާތީ އެ މީހާ ވަނީ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
![]()
