އެމްޑީޕީ ބަލިވެއްޖެނަމަ އިންޑިއާ އޮތީ ދިވެހިރާއްޖެ ހިފަން ތައްޔާރަށްބާ؟

Loading

Facebook
Twitter
WhatsApp

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމުގެ ނުފޫޒު ބޭނުންކުރައްވައިގެން، ވަގު ވޯޓު އަޅުއްވައިގެން ގަދަބާރުން އެއަހަރުގެ އިންތިޚާބު ނާއިންސާފުކަމާއެކު ކާމިޔާބުކުރައްވާނެކަމަށް ތުހުމަތުކޮށް، އެގޮތަށް ކަންތައް ވުމުގެ ކުރިން އިންޑިއާ އަސްކަރިއްޔާއިން ދިވެހިރާއްޖެ ހިފަން ޖެހޭކަމަށް ބުނެ އެމްޑީޕީއިން ދެއްކި ވާހަކަތަކަކީ ސިއްރެއް ނޫނެވެ.

ދިވެހިރާއްޖެއަކީ މިނިވަން، އަމިއްލަ ސިޔާދަތީ ބާރެއް ލިބިގެންވާ މުސްލިމް ގައުމެއްކަން ހަނދާންނައްތާލައި، އޭރު އިންޑިއާގެ އެތަކެއް ސިޔާސީ ލީޑަރުންނާއި، ނޫސްވެރިން ވެސް ގެންދިޔައީ މިފަދައިން ގޮވަމުންނެވެ. އާނއެކެވެ. އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން އަޅުގަނޑުމެންނަކީ ވެސް ސިޔާސީ ކޯޅުންތަކާއި މައްސަލަތައް އޮތް ގައުމެކެވެ. އަދި ދިވެހިރާއްޖެ އަންނަނީ ރައްޔިތެއްގެ ހައިސިއްޔަތުންނާއި، ގައުމީ ހައިސިއްޔަތުން، ފާއިތުވި ތަނުގައި ހިނގާފައިވާ ކަންކަމުން އިބުރަތް ހާސިލުކޮށް ކުރިއެރުންތައް ހޯދަމުންނެވެ. އެހެންނަމަވެސް، އެހެން ގައުމަކުން ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަކޮށް، ކޮންމެ ވަގުތެއްގައިވެސް ދިވެހިރާއްޖެ އެބައިމީހުންގެ އަތްދަށަށް ގެންދާނެކަމަށް ބުނެ ބިރުދައްކަމުންދަނީ ދިވެހީން މަޑުމައިތިރިކަމާއެކު އެކަން އެގޮތަށް ވުމަށް ދޫކޮށްލާނެކަމަށް ހީކޮށް ހެއްޔެވެ؟ ހައްޕުކިޔައިގެން އެ މަންޒަރު ބަލަން ތިބޭނެކަމަށް ހެއްޔެވެ؟

އަޅުގަނޑުމެންގެ ދިވެހީންނަކީ ކިޔަވައިގެން ތިބި ދުނިޔޭގެ އާޖުފާޖު ދަންނަ ޢިލްމީ ބައެކެވެ. ޚިޔާލުތަކާއި ފިކުރީ ތަފާތުތަކުގެ ގޮތުން މުއްސަނދި ބައެކެވެ. ދީމިގްރާތީ ނިޒާމުން ހަރުދަނާގޮތުގައި ވެރީންނާއި ސުވާލުކޮށް އެމީހުން ޖަވާބުދާރީކުރުމަށް ލިއްބައިދޭ ހައްގުގައި ހިފައި އެކަމާމެދު އުފާކުރާ ބައެކެވެ. ދިވެހީން ތަބަޢަވާ އިސްލާމްދީނާއި އެދީނުގެ އުސޫލުތަކުން ދަސްކޮށްދެނީ ކިބުރުވެރިކަން ދޫކޮށް، މެހެމާނުންނަށް ކަމޭހިތައި ހެޔޮކޮށް ހިތުމުގެ ރިވެތި އާދަތައް ނަމަވެސް، މިއީ ދިވެހީންގެ ނިކަމެތިކަން ކަމުގައި ދުށުމަކީ ކުރެވޭ ކުށްހީއެކެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިންތިޚާބުވެ ވަޑައިގެން ވެރިކަމަށް ވަޑައިގަތީއްސުރެ ދިވެހިރާއްޖެއަށް އެތެރެވެފައިވަނީ އިންޑިއާ ސިފައިންގެ ކިތައް މީހުންކަން އެނގޭ އެއްވެސް މީހަކު އަދިއަދާ ހަމައަށް ދާންދެން ވެސް ހޯދިފައެއް ނުވެއެވެ. ނޫސްވެރިން ކުރާ ސުވާލުތަކަށް ސަރުކާރުން ދެނީ އޮޅުންބޮޅުން ޖަވާބުތަކެވެ. އަދި ކަމުގެ ހަގީގަތް ހާމަކުރުމަށް ދެކޮޅު ހަދައެވެ.

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ވަށައިގެން ސަރުކާރުން ލާފައި މިވާ ސިއްރިއްޔާތުގެ ފަރުދާގެ ސަބަބުން މިހާރު މިކަމަކީ ދިވެހިރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލުކުރަންޖެހޭ ހާލަތައް ކަންކަން މިވަނީ ވެއްޓެފައެވެ. 2018 ގެ އިންތިޚާބީ މަސްރަހުގައި އަޑު ފެތުރިފައި އޮތީ، ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ، ދިވެހިރާއްޖޭގައި ތިބި އިންޑިއާ އިންޓެލިޖެންސުން ބަޣާވާތެއް ކުރާނެކަމަށެވެ. މިއީ އިންޑިއާ ކަނޑުގައި އެމީހުންގެ އަސްކަރީ މަސްލަހަތު ހިމާޔަތްކުރުމަށް އިންޑިއާއިން ކުރާ މަސައްކަތުގެ ތެރެއިން ރާވަމުން އައި ރޭވުމެއްކަމަށް އޭރު ދެކެވުނު ވާހަކަތަކުން އެނގެއެވެ.

އެހެންނަމަވެސް، ސަރުކާރުން މި މައްސަލާގައި ގެންގުޅޭ ދެފުށް ނުފެންނަ އުސޫލުތަކުގެ ސަބަބުން މި ވާހަކަތަކުގެ ފަހަތުގައިވަނީ ކިހާ މިންވަރެއްގެ ހަގީގަތެއްކަން ސާފުކުރުމަކީ ދަތިކަމަކަށް ވަނީ ވެފައެވެ. މިކަމުގެ ސަބަބުން އިންޑިއާއިން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ފޯރުވާ ނުފޫޒާ ގުޅިގެން އާންމުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ތަހުގީގީ ލިޔުންތައް ލިޔުމަށް ނޫސްވެރިންނަށް ވަނީ އުނދަގޫވެފައެވެ.
އަސްކަރީ ހަރަކާތަށް ގޮވާލާ އިންޑިއާ ސިފައިން އޭރުވެސް ވާހަކަދައްކާފައިވާނަމަ، ފާއިތުވި ފަސް އަހަރުދުވަހުގައި، އެއްވެސް ހުރަހެއް ނެތި ދިވެހިރާއްޖެއަށް ވަދެނުކުމެ އުޅުމަށާއި، ދިވެހިރާއްޖޭގެ ހުރިހާ ކަމަކަށް ނުފޫޒު ފޯރުވުމުގެ ފުރިހަމަ ބާރުލިބިގެން ދިޔުމުން، އިންޑިއާގެ ”ޕަޕެޓް ސަރުކާރު“ ކަމުގައިވާ އެމްޑީޕީއަށް ބާރުގެއްލިދާ ހާލަތުގައި ހަރަކާތްތެރިވުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންޑިއާގެ އިންޓެލިޖެންސް ސިފައިން ބައިތިއްބާފައި ތިބޭނެކަމަށް ގަބޫލުކުރެވިދާނެ ހެއްޔެވެ؟

މައްސަލައިގެ ކަންބޮޑުވުން އިތުރުވަނީ ހަގީގަތް ނޭނގޭތީއެވެ. އޮޅުވާލާތީއެވެ. ގޮތްދޫނުކުރާ، އަސްކަރީ ބާރުތަކުން ގައުމުތަކަށް ޖައްސާލާ ހާލު އަޅުގަނޑުމެންނަށް ވަނީ ފެނިފައެވެ. އަދި އެއްވެސް މައްސަލައަކާއި ގުޅިގެން އިންޑިއާއާއި ދެކޮޅަށް މިހާރުގެ ސަރުކާރުން ނުރުހުމުގައި އިނގިއްޔެއްވެސް މިހާތަނަށް އުފުލާފައި ނުވާއިރު، އިންޑިއާއިން ކޮށްފާނެ ބަޣާވާތަކާމެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމަކީ އޭގައި އެއްވެސް އަސާސެއް އޮތްކަމެއް ނޫންހެއްޔެވެ؟

އެހެންނޫނީ، ރައީސް ޔާމީނުގެ މައްޗަށް އެމްޑީޕީއިން ތުހުމަތުކުރި ފަދައިން، އެހެން ގައުމެއްގެ ނުފޫޒާއި ބާރުގައި ޖެހި، ކޮންމެ ގޮތަކުންވެސް، ނަހަމަގޮތުގައި ވަގު ވޯޓު އަޅައިގެންނަމަވެސް، މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މިއަދުގެ ސަރުކާރުން މަސައްކަތްކުރާނީ ހެއްޔެވެ؟

ދިމިގްރާތީ އުސޫލު ދަސްކޮށްދެނީ ސުލްޙަވެރިކަމާއެކު ވެރީންނާއި ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށެވެ. އަދި ސުލްހަ މަސަލަސަކަމާއެކު، މުޒާހަރާކޮށް، އަޑުއުފުލުމުގެ ހައްގަކީ ރައްކާތެރިކުރެވިގެންވާ ހައްގެކެވެ. އެހެންނަމަވެސް، ފަހަރުގައި ސަރުކާރުން ތައްޔާރުވަމުން އަންނަނީ އަރަބް ސްޕްރިންގްގައި ކަން ހިނގައިގެން ދިޔަ ފަދައިން، އިންތިހާބުގެ ދަނޑިވަޅުގައި މާރާމާރީއާއި ތަޅާފޮޅުމާއި ހަމަނުޖެހުން އިތުރުކޮށް ”ފޭކް ސްޓޭޓް އޮފް އެމަރޖެންސީ“ އެއް އިއުލާނުކުރުމަށް ކަމަށްވެސް ވެދާނެއެވެ.

ސަރުކާރަށް ރައްދުކުރެވެނީ ހަމަ ސުވާލުތަކާއި ކަންބޮޑުވުންތަކެވެ. ދިވެހީން ވޯޓުލައިގެން ހޮވި ސަރުކާރުގެ ފަރާތުން ދިވެހީން އެދުނީ ދެފުށްފެންނަ ވެރިކަމަކަށެވެ. ޑިމޮކްރަސީގެ އަސާސަކީ އެއީއެވެ.

Loading

6 Responses

  1. މީހުން ިރުގަންނުވާގެން ސޯލިހަން ވޯޓުހޯދަދެނީ އެއީ މިސަރުކާރުގެ ގައްދާރުވެރިކަންދޭހަވާކަމެއް ހިފައްޏާހިފާފާނެނު އެދެނީ .ﷲ ގެ ނަސްރަ،ން. انشاالله

  2. MDP akah adh DEMOCRATS ah ves qaum dheke loabi vaa evves dhivessaku voted nudheyn. Mi 2 party akee India gepuppets in. Mi qaun India ge nufoozu foaruvumuga Mi meehun ge rolebodu

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް