ޤައުމު އެއީ ރައްޔަތުންގެ މަންމަ

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެ އަކީ މީގެ އެތަކެއް ހާސް އަހަރުކުރިން މީހުން އާބާދުވެފައިވާ ކުދި ޖަޒީރާ ރައްތަކަކުން އުފެދިފައިވާ ޤައުމެކެވެ. އަހުރެމެންގެ ކާބަފައިން މި ޤައުމު އަހުރެމެނާ ހަމައަށް ގެނެސްދިނީ ވަރަށް މަތިވެރި ޤުރުބާނީ ތަކެއް ވެގެންނެވެ. ވަރަށް ފުދުންތެރިކަމާއެކު ވަރަށް އަބުރުވެރިކަމާއި އެކުއެވެ. 

ނަމަވެސް އެދުވަސް މާޒީވެއްޖެއެވެ. އެއީ އިއްޔެއެވެ. މިއަދު މިވަނީ ތަރައްޤީގެ އެކިއެކި ކުލަކުލައިން ޤައުމު ޖަރީވެފައެވެ. އެކަމަކު ރައްޔިތުން އުޅެނީ ހާސްކަންމަތިގައެވެ. ގައުމު މިއޮތީ ބޮޑުތަނުން ދަރުވާލައިފައެވެ. ޒިންމާނަގާނެ ވެރިޔަކު ނެތެވެ. ހުރިހާ ދަރަންޏެއް ރައްޔަތުންގެ ބޮލުގައި އަޅުވާފައެވެ. އަދި ނުވިތާކަށް ގާނޫނާއި ޚިލާފަށް ގައުމުގެ މިނިވަންކަންވެސް ކޮންޕްރޮމައިޒް ކުރީއެވެ!

09 ސެޕްޓެމްބަރ 2023 ވާ ހޮނިހިރު ދުވަހަކީ ދިވެހި ރައްޔިތުން މި ޤައުމަށް ދޭ ޝަރަފާއި ކުލުނު އަލުން ސާބިތު ކޮށްދެއްވާނެ ދުވަހެއެކަމަށް ބަލަމެވެ. ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވަރަށް މިނިވަންކަމާއި އެކުގައި އެ ރައްޔިތަކު ބޭނުންވާ ކެނޑިޑޭޓެއްގެ ދިމާލުގައި ފާހަގަ ޖަހަން ލިބޭ ދުވަހެވެ. ޤައުމު ދެމި އޮތިއްޔާ އަހުރެމެންނަށް މިހެން ދިވެހި ބަހުން ލިޔެ ވާހަކަ ދައްކާ، ދިވެހީން އެއްބަޔަކު އަނެއް ބަޔަކާ ހީ ސަމާސާކޮށް އުޅެވޭނެއެވެ. 

އެހެނެއް ކަމަކު ސިކިމް 1975 ގައި އިންޑިއާގެ ސްޓޭޓަކަށް ވީފަދައިން https://www.thesikkimchronicle.com/tripartite-agreement-how-sikkim-became-the-22nd-state-of-india/ އަދި ހަވާއީ އެމެރިކާގެ ސްޓޭޓަކަށް ވީފަދައިން https://www.history.com/news/hawaii-50th-state-1959  ދިވެހީންގެ ރާއްޖެއަށް ވެއްޖެނަމަ ދިވެހި ބަސް އަދި ދިވެހީންގެ ނަސްލު މި ދުނިޔެއިން ފުހެވިދާނެއެވެ. އަހަރުމެންނަކީ (ދިވެހީންނަކީ) ވަރަށް އާދަޔާ ޚިލާފު ކަންކަމެއްގެ މައްޗަށް އެކުލެވިގެންވާ ބަޔަކީމުއެވެ. އަމިއްލަ ބަހެއް އަމިއްލަ ޘަޤާފަތެއް ގެންގުޅޭ ބަޔެކެވެ. އެކަމަކު މިހާރު މި ޤައުމަށް ޤައްދާރުވި ސިޔާސީއޭކިޔާބައެއްގެ ސަބަބުން މި ޤައުމުގެ މިދެންނެވި ކަންކަން މިދަނީ މުޅީން އުވިދިޔުމުގެ އިންޒާރު ދެމުންނެވެ. 

މިއަދުގެ ސަރުކާރުން ތަޢުލީމީ ނިޒާމަށް ކޮކަޑި ލަމުންދަނީ ވަރަށް ވިސްނައިގެންނެވެ. ފަހަރަކު ހަރުފަތަކުންނެވެ. މިހާރުވެސް މިކަމުގެ ނަތީޖާ އެބަފެނެއެވެ. އެހެނީ މަދަރުސާ ކުދީން ކިޔެވުމަށް ޗާޕުކޮށްފައިވާ ބައެއް ޓެކްސްޓް ފޮތްތަކުގައި ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކަށްވެސް ބޭނުން ގޮތެއް އެބަހަދައެވެ. ފަޅާއެރުމުން އެއީ އޮޅިގެން ވީކަމެއްކަމަށް ވެދެއެވެ. 

ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ ކަންކަން ރަނގަޅު ކުރަން އަދި އޮތް ގޮތް އެހެން ގޮތަކަށް ބަދަލު ކުރުމަށް އެމީހުންގެ އެޖެންޓުން ބޭނުންކޮށްގެން ފުރަތަމަ ޙަމަލާދޭނީ ތަޢުލީމީ ނިޒާމަށެވެ. 20 ވަނަ ޤަރުނު ނިމެން އައި އިރު މަދަރުސާ ތަކުގައި ޤައުމިއްޔަތުގެ ކަންކަން ދިޔައީ ފަނޑުވަމުންނެވެ. މިއީ ދުރާލާ ރޭވިގެން މި ޤައުމު ސެކިއުލަރ ކުރުމަށް އެޅި ބިންގަލެކެވެ. 

އެއަށްފަހުގައި ދީނީ ޢިލްމްވެރިންގެ އަގު ވައްޓާލުމެވެ. މަދު ދީނީ ބަޔަކަށް ދުނިޔެވީ މަންފާތަކެއް ދީގެން އެމީހުން މެދުވެރިކޮށެވެ. މިކަމުގެ ސަބަބުން ދިވެހީންގެ ގިނަ މީސްތަކުން މިއަދު ދީނީ ޢިލްމްވެރީންގެ ވާހަކަތަކަށް ދެނީ ބީރުކަންފަތެކެވެ. ޢިލްމްވެރީންނަށް ހަޖޫޖެހުން ޢާމްވެއްޖެއެވެ.

ރަން ޖަވާހިރު މާވަހަރު 30 އަހަރުގެ ޚުދުމުޚުތާރު ވެރިޔާ  ދިވެހި ޤައުމުގައި ހުރި ރިވެތި ސިފަތައް ނައްތާލުމަށް ބިންގާ އަޅައި ދިނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަދި ދެން އެއައި ވެރިކަމުގައި މި ބިންގަލުގެ މައްޗަށް އިމާރާތް އަޅައިދިނުމުގައި އަވަސްވެގަތެވެ. ދިވެހީންގެ އިޙުސާސްތަކާއި ކުޅެމުންނެވެ. މިއަދު މިކަމާ ދެކޮޅު ހަދާނެ ބަޔަކުވެސް ނެތެވެ. އެހެނީ މި ޤައުމުން ޤައުމިއްޔަތު ހަމަ އެނގިތިބެ މަކަރުވެރި ގޮތަކަށް ގެއްލުވާލީއެވެ.  

މިހާރަކަށް އައިސް އިވޭ އެއް އަޑަކީ އިސްލާމް މި މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން އުޅޭ ވާހަކައެވެ. ކިޔަވައި ދޭންވެސް ގެންނާނީ އިންޑިޔާގެ ލާދީނީ މީހުންކަމަށް ބެލެވެއެވެ. އެހެނީ ގައުމު ހިންގަނީ އިންޑިއާ ފަރސްޓް ޕޮލިސީގެ ދަށުން ކަމަށް ވުމުންނެވެ. މިއީ ދެން މިހާރު ސިއްރަކުން ހިންގާ އެޖެންޑާއެއް ވެސް ނުމެނޫނެވެ. އަހަރުމެން ސަހަރޯ ހީނުވޭ ހެއްޔެވެ. ވާނީވެސް އެހެންތާއެވެ. ފަސްވަގުރު ނަމާދުކޮށް އިސްލާމް ދީނުގެ ރުކުންތަކުގައި ހިފައިގެން އުޅޭ ކޮންމެމީހަކީ އެކިޔާ ”ހަރުކަށި“ މީހެކެވެ. 

ހަރުކަށިނުވާނީ ބަންގިޔަށް ފުރަގަސް ދިނުމާއި ނަމާދަށް އަހުމިއްޔަތުކަން ނުދިނުމާއި މޮޅެތި ޚުތުބާލިޔެ މިސްކިތްތަކަށް ފޮނުވައި ކިޔުއްވުމާއި އެކު އެ ޚުރުބާ ވެރިކަމުގެ ޚާދިމުންނަށް އެޑުނީއްވުމާއި އަދި އެބައިމީހުން އަހަރެމެންގެ ދަރީންގޮވައިގެން ހުކުރު އަޅާ ކުރުސޯޓްބުރި ލައިގެން ޕިޕްނިކް ޖައްސުވާ ފަރާތްތަކެވެ. އެއީ މަޑު ކަށްޓެވެ! ސަހަރޯއޭ ހީނުވޭތޯއެވެ؟

މި ކިޔަނީ އަހުރެމެން ތަބާވެގެން މިތިބި އިސްލާމް ދީނުގެ އަސާސްތަކާއި އެހެނިހެން ކަންކަން އުނގެނެން އޮތް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދީ ދިވެހި ޢަރަބި ބަހަށް ބީރަށްޓެހި ކުރުވާ ވާހަކައެވެ. އެމް.ޑީ.ޕީ ގެ ފުރަތަމަ ވެރިކަމުގައި އިސްލާމް އަދި ދިވެހި އިޚުތިޔާރީ މާއްދާ ތަކަކަށް ހަދަންވެސް އުޅުނެވެ. މިކަން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.

ކެނެރީގޭ މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދިވެހި ޤައުމުގެ ކަންކަމަށް ގެންނަން މަސައްކަތްކުރި މިފަދަ އިސްލާމް ދީނާއިބީރައްޓެހި އެތަކެއް ކަންކަން ހަނދާން ނެތުނީތޯއެވެ؟ ވެރިކަމުން ފައިބައިފަވެސް ދިވެހީންގެ އެއްބައެއްވަންތަކަން ނަގާލުމަށް، ދިވެހިރާއްޖޭގެ އިޤްތިޞޯދުގައި ހިމެނޭ އެންމެ މުހިންމު އެއް ކަންކަމުގައިވާ ފަތުރުވެރިކަން ވެރިކަމުގެ ލައްތައް އެނބުރި އައުމަށް،ބޯއިކޮޓް ކުރުމަށް ކުރި މަސައްކަތް ދިވެހީން ހަނދާން ނެތުނީތޯއެވެ. 

މިހާރުވެސް މި ޤައުމު ބައިބައި ކުރުމަށް އިދިކޮޅުގައި ތިމަންނަ މިހުރިއްޔޭ ކިޔައިގެން ނަޝީދު އެކުރާ ކަންކަމަށް ފާރަވެރި ވާންޖެހޭނެއެވެ. ޤާސިމްވެސް ރަނގަޅު ވާހަކައެއް ބުނިއްޔާ އެކަން ބަލައިގަންނަން ޖެހޭނެއެވެ. ނަޝީދުއަށް ފާރަވެރިވާން ޖެހޭނެއެވެ. ނޫނީ ދިވެހީން މާދަން ހީވެސް ނުކުރާވަރުގެ ދެރައަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ހަމަ އެގޮތުން ގައުމުގައިތިބި ބޮޑެތި ނުބައި އަނގަ ހުތުރު އެހެންމީހުންގެ ޢިއްޒަތާއި ކަރާމާތަށް އަރައިގަނެފައިވާ ބަޔެއްގެ ކޯލިޝަންނަށްވެސް ވިސްނާ ޙުޝިޔާރުވެ ތިބޭންޖެހޭނެއެވެ

ދޮގާއި މަކަރާޢި ޙީލަތްހަދައި ރައްޔަތުން އަތުން ވައްކަން ހަބޭހަށް ކޮށްފައި އެވަގުފައިސާއިން ބަޔެއް ބަހައިގެން ވޯޓްގަނެގެން އަނެއް 5 އަހަރު ދައުލަތުން އަލުން ވައްކަން ކުރުމަށް ފުރުސަތު ދެވިގެން ނުވާނެއެވެ.

ޤައުމަކީ ރައްޔިތުގެ މަންމައެވެ. މި ޤައުމަކީ ދިވެހި ރައްޔިތުންގެ މަންމަ އެވެ. އެހެނީ ރައްޔިތުން ދިރިއުޅެނީ މިތާނގައެވެ. އިނގިރޭސި ބަހުންވެސް ޤައުމަށް މުޚާތަބު ކުރެވެނީ “ ހަރ “ މިހެންނެވެ. ނުވަތަ ބުނެ އުޅެނީ “ މައި މަދަރ ލޭންޑް“ އެވެ. އެއްވެސް މީހަކަށް ވުރެ ޤައުމު ބޮޑެވެ. ޤައުމާމެދު ޚިޔާނާތްތެރި ނުވަމާ ހެއްޔެވެ!

ޤައުމީ މިއެކުވެރިކަން މަތީ ތިބެގެން ކުރީމެ ސަލާމް

ޤައުމީ ބަހުން ގިނަ ހެޔޮ ދުޢާ ކުރަމުން ކުރީމެ ސަލާމް

….

ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަނބައި ތިބެގެން

އައުދާނަކަށް ލިބިގެން އެވާ ދިދައަށް ކުރީމެ ސަލާމް

….

ނަސްރާ ނަސީބާ ކާމިޔާބިގެ ރަމްޒަކަށް އެދިގެން

ފެއްސާ ރަތާއި ހުދާ އެކީ ފެނުމުން ކުރީމެ ސަލާމް

އަޅުގަނޑުމެންގެ މި ޤައުމު ސަލާމަތާއި އަމާންކަން މަތީގައި އަބަދުމެ އަބަދަށް ލަހައްޓަވާށިއެވެ! އާމީން!

Loading

One Response

  1. ޒަމާން ބަދަލުވެ އެމަންމަގެ ފައްޓަރުބައި ވަގަށްނެގުންވެސް އެއީ ޑިމޮކްރެސީ ފުރިހަމަ ވަމުނަދާ ކަމުގެ އަލާމާތަކަށް ވެއްޖެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް