ޒުވާނުން އަވަދިވުން!

Loading

Facebook
Twitter
WhatsApp


11 ނޮވެމްބަރ 1978 ގައި ދިވެހިރާއްޖޭގައި އުފެދުނު ސަރުކާރު 30 އަހަރަށް ދިގުދެމިގެން ދިޔުމުގެ ސަބަބުން ދިވެހީންގެ އެތަކެއް ކަމެއް އަނބުރާ އިއާދަ ނުވާނޭ މިންވަރަށް ގެއްލިގެން ދިޔައެވެ. ބައެއް އިސްރަށްވެހިން ވިދާޅުވަނީ އެއީ ދިވެހީންގެ ތެރޭގައި އުޅުނު ބައެއް މީހުންގެ ސަބަބުން ދިމާވި ކަމެއްކަމުގައެވެ. ނަމަވެސް މިއީ މުޅިން ޙަޤީޤަތެއް ނޫނެވެ. 

19 ވަނަ ޤަރުނު އަދި 20 ވަނަ ޤަރުނުގައި ދިވެހިރާއްޖޭގައި ފައިތިލަ ސާބިތުކޮށްގެން ތިބި ވޯރާ ވިޔަފާރިވެރީން އޭރުގެ ޒުވާނުންނަށް އަދި ގުޑުގުޑާ ހިއްޕަވާ ބޭފުޅުންނަށް މޮޅު ދުންފަތް ވިއްކާން ފެށިއެވެ. 

މިމޮޅު ދުންފަތަކީ އަފިހުން އަޅާފައި ހަދާފައިވާ އެއްޗެއްކަން އޭރު ދިވެހީންނަކަށް ނޭނގެއެވެ. ނަމަވެސް އަޅުގަނޑު ޤަބޫލު ކުރަނީ މަދުން ނަމަވެސް މިކަން އެނގޭނެ މީސްތަކުން ތިބޭނެ ކަމުގައެވެ. އެދުވަސްވަރު އަފިހުނަކީ ދިވެހިބޭސް ހެދުމަށް ސަރުކާރުން ހުއްދަކުރާ ފަރާތަތަކަށް ސަރުކާރުގެ ހުއްދައާއިއެކު ވިއްކާ އެއްޗެކެވެ. 

ފަތުރުވެރިކަން 1972 ގައި ތަޢާރުފުވުމުން އަތުގެ އިނގިލިތަކުން ގުނާލެވޭ ވަރަށް މަދު ޒުވާނުންކޮޅެއް މަސްތުވާ އެއްޗެތީގެ ޝިކާރައަކަށް ވިއެވެ. އެހެނަސް 1980ގެ އަހަރުތަކުގެ މެދުތެރޭގައި ހަލުވި މިނެއްގައި ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެވެ އޭގެ ޝިކާރައަކަށް ދިވެހި ޒުވާނުން ގެނބެން ފެށިއެވެ. 

ސަރުކާރުގެ ކަމާއިގުޅުންހުރި އިދާރާތަކުން މަސްތުވާތަކެތި ބޭނުންކުރާނޭ ގޮތާއި އެތަކެތި ހުންނާނޭގޮތް މަދަރުސާތަކަށް އެން.އެސް.އެސް. (މިހާރުގެ ގޮތުން އެމް.އެން.ޑީ.އެފް) ގެ ބޭކަލުން ފޮނުވައިގެން ކިޔައިދީ އަދި ދައްކައިދީ ހެދިއެވެ. 

ނުވިތާކަށް މަސްތުމުގެ ކުށުގައި ޒުވާނުން ރާއްޖެތެރޭގެ ރަށްރަށަށް އަރުވާލުމަށް ފެށިއެވެ. އެގޮތުން މަސްތުގެ މައްސަލަތަކުގައި އަރުވާލެވޭ ޒުވާނުން އެރަށްރަށަށް ފޮނުވާލުމުން އެރަށްރަށުގެ ޒުވާނުން ހަލާކުގެ ތެރެއަށް ވައްޓާލިއެވެ. 

ރޫލް އޮފް ލޯއަކީ ވަކި ބަޔަކަށް އޮންނަ އެއްޗެއްކަން 30 އަހަރުގެ ވެރިކަމުގައި ފާޅުގައި ދައްކުވައި ދިނެވެ. ބުނާކަހަލަ އެވެ. ވެރިކަމުގެ އާރާއިބާރު ލިބިފައިވުމުން އާންމު ރައްޔިތުންނަކީ އަޅުންނެވެ. އެވެރިން ބުނީމާ ބުނިގޮތެއް ހަދައިގެން ތިބެންޖެހޭ ބައެއް ކަމުގައެވެ. ގާމާދޫ ޖަލުގައި ޒުވާން އަންހެން ކުއްޖަކު ރޭޕް ނުވަތަ ޢިއްފަތް ނަގާލާ މަރާލުން، އެތަކެއް ވިޔަފާރިވެރިންނެއް ބަނގުރޫޓު ކޮށްލުން މިހެންގޮސް ލިޔެފާ ނުލިޔާނީ ކޮން ކަމެއްތޯ؟ ހާދަ ކަމެކެވެ.

ރައީސް މައުމޫންގެ އަންހެނުން އެންދެރިމާގޭ ނަސްރީނާ އިބްރާހިމްގެ ބޭބެ އިލްޔާސް އިބްރާހީމް އެފް.ޕީ.އައި.ޑީ އިން އެތަކެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެގެން ފިލައިގެންދިޔަ މަޢުލޫމާތު އާންމު ރައްޔިތުންނަށް ދިނީވެސް ހަމަ ރައީސް މައުމޫނެވެ. އެހެންނަމަވެސް ދުވަސްކޮޅެއްފަހުން އިލްޔާސް އިބްރާހީމް އަކީ ހުދު ފޮތިކޮޅަކަށްވުރެންވެސް ސާފު ޠޯހިރު މީހެއްކަމަށް ހަމަ އެރައީސް މައުމޫން ބުނެ އެޓޮލްސ މިނިސްޓްރީ ޙަވާލު ކުރިއެވެ. އެފަހުން އިލްޔާސް އިބްރާހީމް މިމަޤާމުން ވަކިކުރީ ރައީސް މައުމޫންގެ ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގައެވެ. އެ ޒަޢާމަތުގައި ވެރިކަމުގެ ހުވަފެން ދުށުމަކީވެސް ނުފުއްސަވާވަރުގެ ފާފައެކެވެ.

ޒުވާނުން އަވަދިވުން! މި 30 އަހަރުގެ ވެރިކަމުގައި ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި އަދަބު އަޚުލާޤު އަރުއްވައިގަތެވެ. އެހެން ގޮތަކަށް ބުނާނަމަ މިކަންކަމަށް ނުރަސްމީކޮށް ބިންގާ އަޅައި ދެވުނެވެ. ދިވެހީން އަދި ވަކީން ޚާއްޞަކޮށް މާލޭ ރައްޔިތުން ކޮތަރު ކޮށީގައި އުޅެން ޖެހުމުގެ ޘަޤާފަތް ދިރުވާން ފެށުނެވެ. 

ފުރަމާލޭގެ ހަތަރު އަވަށު ވާދަވެރިކަން އަދި ބައެއް ރަށްރަށުން ހަދިޔާކުރި ވެލިން މާލޭގެ ދެކުނުފަރާތް ހިއްކާފައި އޭރުގެ ދައުލަތުގެ ބޮޑުންނަށް ގޯތި ދެވުނެވެ. މާލޭގެ ރައްޔިތުން ބިކަކުރެވުނެވެ. މިނަންގަނެވުނު ކަންކަމަށް ބުރުޒުމަގު ދެފަރާތުގެ ގޯތިތައް، ބުރުޒުމަގު ދެފަރާތުގެ ގޯޅިތަކުގައިވާ ގެތައް އަދި އަމީނީމަގުގައިވާ ގެތައް ހެކިދޭނެއެވެ. 

ހަމަ ބިންމަތީގައި ގޯތިގޯތީގައި ދިރިއުޅެ ބޮޑެތިވާ ކުދީންނާއި ފުލެޓް ފުލެޓުގައި ދިރިއުޅެ ބޮޑެތިވާ ކުދީންގެ އަޚްލާޤު އުޑާ ބިމާހާ ތަފާތެވެ. ކުދީން ކުޅެނެ ގޯތި ނުވަތަ ހުސްތަންތަން ނެތުމުން ކުދީން ނިކުންނަނީ ބޭރަށެވެ. 

ރޫޅިފައިވާ ޢާއިލާތަކުގެ އުދާސްތަކުންވެސް ކުދީން ނިކުންނަނީ ބޭރަށެވެ. އެހިސާބުން ކުށުގެވެށި ބިސްއަޅާން ފަށައެވެ. ވެރިރަށުގައި ކުށުގެ މާޙައުލެއް ވިހާ ބޮޑުވާން ފެށިއެވެ. ކަންމަތި ކަންމަތީގައި ގޭންގްތައް އުފެދޭން ފެށިއެވެ. ފުރަތަމަ ފެނުނީ ސްނޭކް ގްރޫޕް ކިޔާ ބައެކެވެ. މިހާރު އެކިނަންނަމެވެ. 

2008ގައި ވެރިކަން ބަދަލުކުރެވުނީ މިތާ މިނަންގަނެވުނު ދިގު 30 އަހަރުގެ ވެރިކަމުގެ ކަންކަމަށް ފަރުވާ ހޯދުމަށެވެ. އާދެ! ދެންތޯއެވެ. މިބުނެވިދިޔަ އަނިޔާއާއި ބޭއިންސާފުގެ ސަބަބުން ބަޔަކު ނިކުތީއިންޞާފު ހޯދުމަށެވެ. އެކަމަކު އެކަންވީ ކަނޑުގައި ދެމުނު ރޮނގަކަށެވެ. މިއަދު އަނެއްކާ ޒުވާނުން އަވަދިވެއްޖޭ، އެހެންވިއްޔޭ މިހެންވިއްޔޭ ކިޔާނެ ކަމެއް ނެތްތާއެވެ. 

އެދުވަހު ތިމާމެނަށް ވެރިކަން ލިބި ފަރުވާ ނުހޯދުނު ކަންކަމަށް މިހާރު ވަކީން ފަރުވާ ހޯދޭނެތޯއެވެ؟ ދިވެހި ޒުވާނުންނަކީ އެހާ ފަސޭހައިން ޗިޕު ޖެހޭ ބަޔަކަށް ނުވާން ވީ ނުންތޯއެވެ؟ އޭރުން ޒުވާނުން އަވަދިއެއް ނުވާނެއެވެ. ހަދާން ކުރައްވާށެވެ. ވިސްނާއި ފިކުރު ކުރުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރަކު ދޭހުގައި، ގިސްލަމުން ހިތިކަރުނަ އޮއްސަންޖޭހޭ ޢުމުރަށް މުޅިން! މިއަދު މިދިމާވެފައިވާ ދިވެހީންގެ ނިކަމެތި ޙާލަކީ މިއެވެ. މިގޮތް ބަދަލުކޮށްގެން މެނުވީ ސަލާތުގެ އައްސޭރިއަށް ދެވޭކަށްނެތެވެ.

Loading

5 Responses

  1. ހާދަ ތަފާތޭ ސްޓޯރީ ވަރަށް ބަޔަސްޓް ކަމަށް ފެންނަނީ. ނަމަވެސް ޙަގީގަތަކީވެސް އެއީކަމަށް ބުނެވިދާނެއެވެ. އިތުރުކޮއްލަންޖެހޭ ބަޔަކީ، މިހާރު އެމް އާރު އެމުން އެފެންނަ އަމުރަށް ނުކިޔަމަންތެރިވުމާއި، ޤަވާޢިދުތަކަށް ބެލުމެއްނެތި 3000 މެންބަރުން ހަމަނުވުމުގެސަބާ ުން އުވާލެވިފައިވާ ޕާޓީއެއްގައި ނުހިންގޭނެ ޙަރަކާތްތަކެއް ހިންގުމަށް ގަދަފައި ވިއްދައިގެން މަސައްކަތްކުރާ ކުރުމުގެ ވާހަކައާއި ވެރިކަމުގެ އެދުމުގައި ޢާއިލާ ބައިބަޔަށް ބެހިގެން އުޅޭކަމުގެ ވާހަކައެވެ.

  2. މިއީ ކޮންމެހެން އިނގެން ޖެހޭ ޙަގީ އަނިޔާއެވެ. މާޒީގެ ސޮފުޙާތަކުން ދިވެހި ތާރީޚް އެނގިގެންނޫނީ ރަނގަޅެއްވެސް ނުކުރެވޭނެއެވެ. ނަޒާކީ ޒަކީ މެން ކަހަލަ ”ބަސްނާހާ “ ވިޔަފާރިވެރީން ކިތައްފަހަރު ބޭންކްރަޕްޓް ކޮށްލިތޯއެވެ! އެހެނީ އަބަދުވެސް ވެރިކަމަށް ދަހިވެތިވީމާ ވެރިިކަން ލިބުމުން ކުރީގެ އަނިޔާތަކާއި ގޯސްތައްބަލާ ރަނގަޅުކުރުމުގެ ބަދަލުގައި އަވަސްވެގަންނަނީ ވެރިކަމުގައި ވަކިހިއްޕުމަށެވެ. އެހެންނާފަހެ އަންނިއަށް ލިބުނީ ކޮންފަދަ ބޮޑު ފުރަސަތެއްތޯއެވެ. އެހެނަސް އޭނަވެސް މައުމޫނާއި އޭނާގެ ޖައްލާދުންގެ އަނިޔާތައް ހަނދާނައްތާލީއެވެ. މައުމޫނާއި އާދަމް ޒާހިރު ކަހަލަ ޖައްލާދުން މަތިން ހަދާ ނައްތާލީއެވެ. އެމްޑީޕީގެ ވެރިކަމެއްގައި އޭންގަލް ދަނގަޑަށް ނަގާ މައިބަދަ ބިންދިމީހުނާއި ގެއްލުވާލި މީހުނާއި މަރާލެވުނު މީހުންގެ ވާހަކަ ނުދައްކާ އޭނަވެސް އަރިސް ކުރީ އެކަން މައުމޫނަށް ހީމާޔަތް ހޯދަދޭން އުޅުނު އެޑްވައިޒަރުންނާއި ވަކީލުންނެވެ. އޭގެ ވަރަށް ބައިވަރެވެ. ލިސްޓުން ދެނަމެއް ނޯޓްކޮށްލާނަމެވެ. އިބްރާހިމް ޙުސޭން ޒަކީ އާއި މާރިޔާއެވެ. މީހުންގެ ޖާނާއި މާލުން ގުރުބާންވެގެން ގެނެވުނު 2008 ބަދަލަށް އަންނައި މައުމޫނުގެ ޖައްލާދުންގެ ލިސްޓްގައި ގހިމެނޭ ގިނަމީހުނެވެ. ދެންވާނެ ގޮތްވެ 2012 ފެބް 7 ގައި ވެރިކަން އަތަށް ގޮވީއެވެ. މިހާރު ރައީސް އިބުރާހިމެވެ. ހަމަ އެ ސަކަރާތެވެ. ރާއްޖޭގައި އުފެދުނު އެންމެ ދޫ ނުބައި ދެމީހުން ގޮވައިގެން ދީނީ ޕާޓީ ލައްވާ އާމީން ކިޔުއްވައިގެން ގައުމު ދަރުވާ ނިންމާލައި ގައުމުގެ ސެކިއުރިޓީވެސް އިންޑިއާ އަޅުވެތިކޮށް ފައިސާ ޖަހާ ވަގު ޑޮލަރ މާކެޓް އުފަށްދުވާ ގައުމާއި ރައްޔަތުން ހޭއަރުވާލީއެވެ. ހަމަ ވެރިކަމުގެ ލައްޒަތައްޓަކައެވެ. ވެރިކަމަށް އަންނަން ވެވުނު ވަޢުދެއް ހަދާނެއް ނެތެވެ. ގައުމު ދަރުވާ ހަފުސްކޮށްލީއެވެ.
    2008 ގައި އެޅި ބިންގާ ކައްޗަށް އެޅުނީމާ މިދަނީ ގޯހުން ގޯހަށެވެ. ޝައްކެއް ނެތެވެ! މައުމޫނަކީ ގައުމުދުށް ވަރަށް ބޮޑު އަނިޔާވެރިއެކެވެ.

  3. ދެރައީ މިހާރުގެ ގިނަ ޒުވާނުނަށް ދިވެހި ތާރީޚް ފެށިގެން އައީ ރާއްޖެ ޓީ.ވީ. އުފަންވީ ތާރީޚުން ފެށިގެނެވެ. ވީމާ ގިނައީ ނޭގޭ ކަންކަމެވެ. އެނގޭ މީހުން މިވާހަކަތައް ދައްކާކަށް ބޭނުމެއް ނުވެއެވެ. އެހެނީ އަނިޔާއަށް ކޮންމެވެސް ޙައްލެއް ލިބުނުއިރު ޢަދުލް އިންސާފު ވަނީ ކުރިއަށްވުރެވެސް ގޯސް ވެފައެވެ.

  4. މަސްތުވާތަކެތި އުފައްދާގޮތާއި އެކި ފެންވަރުގައި މާކެޓުގައި ލިބޭ އަގާއި މިކަހަލަ މައުލޫމާތުތަކެއް ދިނުމަށްޓަކައި ރާއްޖެއަށް އައި ބޭރުގެ ހިލޭ އެހީ ދޭ މަޝްހޫރު ޖަމާއަތަކުން ބޭއްވި ތަމްރީނު ބައްދަލުވުންތަކެއްގައި ސަރުކާރުގެ ޑިރެކްޓަރުން ފެންވަރުގެ ބޭފުޅުން ބައިވެރިކުރުމުގައި އަޅުގަނޑަށްވެސް އެފުރުސަތު ލިބުނެވެ. ބައްދަލުވުމުގެތެރޭން ޚާރިޖީ ވުޒާރާގެ އިސްބޭފުޅަކަށް އަޅުގަނޑު ސުވާލު ދެންނެވީމެވެ. މިފަދަ މައުލޫމާތު އަޅުގަނޑުމެންގެ ރައްޔިތުންނަށް ޚާއްސަކޮށް ޒުވާނުންނަށް އެނގެން ޖެހޭ ހެއްޔެވެ ؟ މަސްތުވާތަކެތީކެ މިހާތަފްސީލު މައުލޫމާތު ލިބުނީމާ ވާނީ ކިހެނެއް ހެއްޔެވެ ؟ އަޅުގަނޑަށް ކުރިން ކުރެވުނު އިހްސާސަށް ވުރެން އެބޭފުޅާ ދެއްވި ޖަވާބުން ލިބުނު ހައިރާން ކަން މާބޮޑުވިއެވެ. އެބޭފުޅާ ވިދާޅުވިއެވެ. އެފަދަ ޖަމާއަތްތަކުން ބޭނުންވާ ކަންތައް ނުކޮށްފިނަމަ ބޭރުގެ އެހީ ލިބުމަށް ހުރަސް އެޅޭނެއެވެ. ބޭރުގެ އެހީ މިހާރު ލިބެއެވެ. އެކަމަކު ގައުމު މިއޮތީ މަސްތުވާތަކެތީގެ ހާއްޔަކަށް ވެފައެވެ. ތަކްރާރު ކުރަން ބޭނުންވަނީ ލިއުންތެރިޔާ ފާހަގަ ކުރައްވާފައިވާ ޅެންބައިތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް