ދައުރު ނިމެން މަހަކަށްވުމުން ”ގޯތި ލިސްޓެއް“ އިއުލާނުކުރުމަކީ އިތުރު ދައުރެއް ހޯދަން ރައްޔިތުން ”ބްލެކްމެއިލް“ ކުރުން

Loading

Facebook
Twitter
WhatsApp

ވެރިކަމުގެ ދައުރު ނިމެން މަހަކަށްވުމުން ”ގޯތި ލިސްޓެއް“ އިއުލާނުކުރުމަކީ އިތުރު ދައުރެއް ހޯދަން ރައްޔިތުން ”ބްލެކްމެއިލް“ ކުރުން ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ޑރ.މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ 5000 ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އާންމުކުރީ މިދިޔަ ޖޫންމަހުގެ 26 ވީ ހޯމަދުވަހުއެވެ. ގޯތި ލިބޭ މީހުންގެ ލިސްޓުގައި އިންޑިއާ މީހުން ވެސް ހިމެނެއެވެ.

ޢާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމުގެ އިންސާނީ ހައްގު ހަމަހަމަ ގޮތުގައި އަދުލު އިންސާފު ވެރިކަމާއެކު ރައްޔިތުންނަށް ބަޔަކު ފޯރުކޮށްދޭނަމަ އެކަން ރައްޔިތުންނަށް ފުރަތަމަ ކަށަވަރުކޮށް ދިނުމަށްޓަކާ މާލޭ ރައްޔިތުންނަށް  ”ހިލޭ ގޯތި“ ދޭންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އާއިލާއެއްގެ ދިރިއުޅުމުން 5 އަހަރު ނަގާލާފައި ދައުރު ނިމެން މަހަކަށްވީމަ ”ގޯތި ލިސްޓެއް“ އިއުލާނުކޮށް ހުޅުމާލޭން އަދި ގުޅިފަޅުން ނުނީ ފަޅެއް ހިއްކައިގެން ގޯތިދޭނެ ކަމަށް އިއުލާނު ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެމްޑީޕީ ކޯލިޝަން ސަރުކާރު ނުވަތަ ރައީސް ޞާލިޙްގެ އޯގާތެރިކަމެއް ނޫން ކަމަށް ޢާޠިފް ވިދާޅުވިއެވެ.

“އެއީ އޭނާ ފަސާދަ އުފައްދައި ވައްކަން ކުރުމަށް ދެވަނަ ދައުރަކަށް ވެރިކަން ހޯދުމަށް މާލޭ ރައްޔިތުން ބްލެކްމެއިލް ކުރުން“

ޢާޠިފް ވިދާޅުވީ ހުޅުމާލޭގައި ބިން އޮއްވައި މާލޭގެ އެތައް ހާސް އާއިލާއެއް ގޯތި ގެދޮރުން މަހުރޫމުކޮށް 5 އަހަރު ގަނަތަޅުވައި ނިކަމެތި ކޮށްފައިވީތީ ރައީީސް ޞާލިޙްގެ މައްޗަށް ގަސްދުގައި ރައްޔިތުންގެ އެތައް ބަޔަކު އިންސާނީ ހައްގަކުން މަހުރޫމުކޮށް އަނިޔާވެރިވިކަމުގެ ދައުވާ އުފުލަން ޖެހޭނެ ކަމަށެވެ.

ޢާޠިފް ވިދާޅުވީ ދައުރުގެ ކުރީކޮޅު ހުޅުމާލޭގައި ހުރި ބިންތަކުން ގޯތި ދިންނަމަ މިއަދު އެ ތަންތަނުގައި ގެދޮރު އިމާރާތްކޮށް އެތައް ހާސް އާއިލާއެއް ހަމަނޭވައިލާ ހަމަބިމުގައި ދިރި އުޅޭނެ ކަމަށެވެ.

ޢާޠިފް އިތުރަށް ވިދާޅުވީ މިހާތަނަށް ހުޅުމާލޭގައި ހަދާފައި ހުރި ގިނަ ފްލެޓްތަކަކީ އދ. ގެ ބޯހިޔާވަހިކަމާބެހޭ މިންތަކަށް ފަރުމާކޮށް ހަދާފަވާ ތަންތަނެއް ނޫން ކަމަށާއި އެތަންތަނަކީ އިންސާނުން އުޅެން ހެޔޮނުވާވަރުގެ ތަންތަން ކަމަށެވެ. ”ޕްލަމްބިން ސިސްޓަމް“ ހަދާފައިވާ ގޮތުން އެތައް ފްލެޓްތަކަކީ ބަޔަކު ނޭވައިލާން ނުކެރޭ ވަރަށް އެމޯނިއާ އަދި ސަލްފަޑައި އޮކްސައިޑް ފަދަ ވިހަގޭޭސްތައް ލީކުވާ ތަންތަން ކަމަށާއި އެތައް ބައެއްގެ ނޭވައިލާ ނިޒާމް ހަލާކުވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ނޭވާ ހިއްލުމާއި އެލާޖިކް ރައިނައިޓިސްއާއި ކެއްސުމާއި ނިއުމޯނިއާ އަދި ސައިނަސް ބަލިތައް އިތުރުވަނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“މިކަމުގެ ޒިންމާ ނަގާނީ މައުމޫނު، އަންނިތަ، ޔާމީނު އަދި އިބޫތަ ނޫނީ އާބަން ކެކޮޅުތަ؟“

“ފްލެޓެއްގައި ދިރިއުޅޭ ދޮށީއުމުރު މީހާ ނުކުޅެދޭމީހާ ތިރިއަށް ފެބޭނެ ގޮތެއްނެތް. ބަލިމީހާ ތިރިއަށް ބޭލޭނެ ގޮތެއް ނެތް. ބަލިމީހާ މޭދަށަށް ތަދުއެރީމަ ފުރަތަމަ ނުކުންނަން ޖެހެނީ ހޮސްޕިޓަލަށް ގެންދިއުމަށް ބަލިމީހާ ތިރިއަށް ބާލަން 4 ބަންގާޅީން ހޯދަން. އެވަގުތު އެމީހުން އަގުކިޔަނީ މީހަކަށް 500. ބަލިމީހާ ތިރިއަށް ބާލަން 2000. އަނެއްކާ މައްޗަށް އަރުވަން 2000. ޖުމްލަ 4000 .މި އަދަދު އާސަންދައިން ކަށަވަރު ކޮށްދޭތޯ؟“

މިއީ މިދިޔަ ހަފްތާގައި އޭނާގެ 79 އަހަރު މަންމަ ބަލިވެގެން ހުޅުމާލެ ފްލެޓް 3 ވަނަ ބުރިން ބާލަން ޖެހުނު ގޮތް ކަމަށް ޢާޠިފް ވިދާޅުވިއެވެ.

ބަލިމީހާ ތިރިއަށް ބާލަން ހޭދަވާ ވަގުތަކީ އޭނާ ފުރާނަ ސަލާމަތް ކުރުމަށް ލިބޭ ކުޑަ ވަގުތުކޮޅަށް ވާއިރު  ހޮސްޕިޓަލަށް ގެންދެވޭލެއް ލަސްެވެ މީހާގެ މޭދަށަށް އެރި ތަދު ”ހާޓް އެޓެކް“ އަކަށް ބަދަލުވެ އޮންނަނީ ފުރާނަ ގޮސްފައިކަމަށް ޢާޠިފް ވިދާޅުވިއެވެ. ހޮސްޕިޓަލާ ހަމައަށް ފޯރާމީހާއަށް ފަރުވާ ދޭނެ އައިސީޔޫއެއް މިއަދާ ހަމައަށްވެސް ލައްކައެހާ އާބާދީ ދިރިއުޅޭ ހުޅުމާލެ ހޮސްޕިޓަލްގައި ނެތް ކަމަށާއ ގިނަފަހަރު އީސީޖީ ނަގާނެ ކަރުދާސް ނުހުންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ނަމަވެސް ވެސް ރަށްރަށުގަ ތަނެއް ދޮރެއްނުބަލަ ފުޓްސަލް ދަނޑުއަޅަން އެތައްމިލިޔަނެއް އިބޫ ތަޅާ ބާލަނީ.“

“21 ވަނަ ގަރުނުގަ ބިމުން މައްޗަށް ބޯހިޔާވަހިކަން ބަދަލުވިއިރު ފްލެޓްތަކުގަ ލިފްޓު ނެތި އެތަންތަން ދީ އެތައް މިލިޔަނަކުން އާއިލާތައް ދަރުވާލުމަކީ އަނިޔާއަށް ނުވަނީތޯ!

މިއަދު ހުޅުމާލެ ފްލެޓްތަކުގަ ކޮތަރަށްވުރެ ވެސް ރައްޔިތުން ތިބީ ނިކަމެތިވެފަ!“

މި އަނިޔާ ރައްޔިތުންނަށް ދިން ސިޔާސީ ވެރިންނަށް އަތްޖަހައި ދެވަނަ ފުރުސަތެއް ދިނުމަކީ އެ އަނިޔާގަ ބައިވެރިވުން ކަމަށް ޢާޠިފް ވިދާޅުވިއެވެ. އެއީ އަމިއްލަ ނަފްސަށާއި އާއިލާއަށް ވެސް އަނިޔާވެރިވުން ކަމަށް ވެސް ޢާޠިފް ވިދާޅުވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް