ދިވެސް އަކުރުން ލިޔެވޭނެ ފޮންޓެއް ތައާރަފުކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖެ އިސްލާމްވުމުގެ ކުރިން ފެށިގެން އޮނަވިހި ގަރުނުގެ ކުރީކޮޅާ ހަމައަށް ދިވެހިން ލިޔެކިޔުމަށް ބޭނުންކުރަމުން އައި އަކުރުކަމަށްވާ ދިވެސް އަކުރުން ލިޔެވޭނެ ފޮންޓެއް އުފައްދަވައިފިއެވެ.

މި ފޮންޓަކީ ހެރިޓޭޖް މިނިސްޓްރީގެ ރިސަރޗް އެނަލިސްޓް މުޙައްމަދު ނާޖިހްގެ އެހީތެރިކަމާއެކު ޢީސާ ޝަރީފް އުފެއްދެވި ފޮންޓެކެވެ.

މި ފޮންޓް މައިގަނޑަކަށް ބިނާވެފައިވަނީ އިބްރާހީމް ރަސްގެފާނު (1720-1750) ގެ ދެ ފަތްކޮޅެއްގެ މައްޗަށް ކަމަށް ނާޖިހް ވިދާޅުވިއެވެ.

“ޢީސަ ތާނަ އަކުރަށް ފޮންޓްތަކެއް ހައްދަމުން އުޅުއްވިއިރު ތާނައިގެ އިހުގެ ވައްތަރުތަކަށް ފޮންޓް ހެއްދެވުމުގައި އަޅުގަނޑުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވުމުން, ދިވެސް އަކުރަށް ވެސް ފޮންޓެއް ހެއްދެވޭނެތޯ އަޅުގަނޑު އެހީން. މިހެން އެހުމުން ޢީސަ  އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރައްވައި ދިވެސް އަކުރުގެ ނަމޫނާ ލިޔުންކޮޅެއް ފޮނުވަން އެދިވަޑައިގެންނެވުމުން އަޅުގަނޑު އޭގެ ބައެއް ލިޔެކިޔުން ފޮނުވުމާއެކު ވަގުތުން ފޮންޓުގެ މަސައްކަތް ފެއްޓެވި.“ ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ނާޖިހް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.

މި ފޮންޓް ހެދުމަށްޓަކައި ހަފްތާއަކަށްވުރެ ގިނަ ދުވަހު ހުއްޓައިނުލައްވައި ޢީސައާ ދެބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ނާޖިހް ވިދާޅުވިއެވެ.

ނާޖިހް ވިދާޅުވީ ހަގީގަތުގައި ވެސް މި މަސައްކަތަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ދިވެސް އަކުރު ރައްކާތެރިކުރުމަށްޓަކައި ކުރެވުނު ތާރީޚީ މަސައްކަތެއް ކަަމަށެވެ. އަދި އެކަމަށްޓަކައި ނާޖިހް ވަނީ ޢީސައަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ދިވެސް އަކުރުގެ ފޮންޓާއެކު ޢީސަ ވަނީ ގާތްގަނޑަކަށް ސާޅީހަކަށް ފޮންޓް އުފައްދަވައި އެންމެންނަށް ވެސް ހިލޭ ޑައުންލޯޑް ކޮށްލެވޭނެ މަގު ތަނަވަސްކޮށްދެއްވައިފައެވެ.

މި ހުރިހާ ފޮންޓެއް easashareef.com މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ނާޖިހު ވިދާޅުވާ ގޮތުގައި ދިވެސް އަކުރަކީ ރާއްޖެ އިސްލާމްވުމުގެ ކުރިން ފެށިގެން އޮނަވިހި ގަރުނުގެ ކުރީކޮޅާ ހަމައަށް ދިވެހިން ލިޔެކިޔުމަށް ބޭނުންކުރަމުން އައި އަކުރެވެ. ދިވެސް އަކުރުން އޮތް އެންމެ ފަހުގެ ރަސްމީ ލިޔުމަކަށް ފެންނާން އޮތީ މީލާދީން 1810 ވަނަ އަހަރު މުޢީނުއްދީން (1 ވަނަ) ގެ ރަސްކަމުގައި ލިޔެފައިވާ ވަގުފު ފަތްކޮޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް