ކޮވިޑު މެނޭޖުކުރި ގޮތް އޮޅުންފިލުވަން ގައުމުތަކުގެ ވެރިން އަޅުގަނޑަށް ގުޅުއްވި: ރައީސް ޞާލިޙް

Loading

Facebook
Twitter
WhatsApp

ކޮވިޑުގެ އާލަމީ ވަބާ ތެރޭގައި ރާއްޖެއިން އެޅި ފިޔަވަޅުތައް އޮޅުން ފިލުއްވަން ގައުމުތަކުގެ ވެރިން ގުޅުއްވައި ވާހަކަ ދެއްކެވި ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ބިލެތްދޫގައި އަލަށް އިމާރަތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތައް ކުޑަ މަޑުޖެހުމަކަށް އައީ ކޮވިޑުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެކަހަލަ ދަނޑިވަޅެއްގައި ސަރުކާރުން އެ ނަގަންޖެހޭ ޒިންމާއެއް ނަގައި، އެ ބުރަ ނަގައި، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ކަންތައް ކުރުމަކީ، ކުރަންޖެހޭނެ ގޮތް ކަމަށާއި މިއަދު މިހިސާބަށް އާދެވުނީ އެކަމުގެ ސަބަބުން ކަމަށެވެ.

“އަޅުގަނޑުމެންގެ އަވަށްޓެރި ގައުމު، އަޅުގަނޑާ އިހަށްދުވަހު ދިމާވި ކުރީގެ މިނިސްޓަރެއް. އޭރުގެ މިނިސްޓަރެއް، ލަންކާގެ މިނިސްޓަރެއް. ވިދާޅުވި، ތިމަންނާމެންނަށް ކުރެވުނު އެންމެބޮޑު، ހެދުނު އެންމެ ބޮޑު ގޯހަކީ، އޭރު ލަންކާގައި ފަށްޓާފައި ހުރި އިންފްރާސްޓްރަކްޗަރގެ ބޮޑެތި މަޝްރޫޢުތައް ހުއްޓާލުމޭ. މުޅި ރަށް ހުއްޓުމަކަށް އައޭ. ވަޒީފާތައް ގެއްލުނޭ. ވިޔަފާރިތައް ހުއްޓުނޭ. އޭނާއަކީ ލަންކާގެ ރައީސަށް ބޮޑުބޭބެ ކިޔާ ކުއްޖެއް. ބުނީ ތިމަންނާގެ އަންކަލްއަށް ހެދުނު އެންމެބޮޑު މިސްޓޭކަކީ އެއީއޭ. ހަމަ އެއާއެކީގައި، ބޯޑަރ ބަންދުކޮށް ޓޫރިޒަމަށް ހުޅުވައިނުލައި، ދިގުދަންމައި ބެހެއްޓުމޭ. އެއާ ޚިލާފަށް ރާއްޖެ މިއަދު މިއޮތް ހިސާބަށް އާދެވިފައި މިއޮތީ، އަޅުގަނޑުމެންނަށް އޭރު ނެގުނު ޑިޒިޝަންތަކެއްގެ ސަބަބުންނޭ. އެކަން ތިމަންނާމެން ގަބޫލުކުރަމޭ.“

ހަމަ އެގޮތަށް ސީޝެލްގެ ރައީސް ވެސް އެ ދުވަސްވަރު ފޯނު ކުރެއްވި ކަމަށާއި އޭރު ކޮވިޑު ބަލީގައި ރާއްޖެއިން މީހުން އެވަރަކަށް މަރެއްނުވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“ވިދާޅުވި، ކިހިނެއްހޭ ތި ރާއްޖޭގެ ކަންތައް ކުރަނީ. މީހުން މަރުނުވަނީ ކީއްވެގެންހެއްޔޭ ރާއްޖޭގައި. އެއީ 98,000 އެއްހާ މީހުން ދިރިއުޅޭ ރަށެއް. އަޅުގަނޑުމެންގެ ތިންލައްކައެއްހާ މީހުން އެބައުޅޭ. މިތަނުގައި ދުވާލަކު ތިން ހަތަރު މީހުން މަރުވެޔޭ އެބަ. ކޮންކަހަލަ ފިޔަވަޅުތަކެއްހޭ އެޅީ.“

އެގޮތުން އޭރު އަޅާފައި ހުރި ފިޔަވަޅުތަކާ ބެހޭ މައުލޫމާތުތައް ސީޝެލްސްގެ ރައީސާ ހިއްސާކުރެއްވި ކަމަށާއި އޭގެފަހުން ވެސް ސީޝެލްސްގެ ރައީސާ ބައްދަލުވި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“ވިދާޅުވި، ތިމަންނާމެން ބަލަމުން ގެންދިޔައީ ރާއްޖެއިން ކަންކުރާ ގޮތޭ. ރާއްޖެއިން އަޅާ ކޮންމެ ފިޔަވަޅެއް ބަލައި، އެގޮތަކަށް ކަން ކުރަމުންނޭ ތިމަންނާމެން ގެންދިޔައީ. އެއީ، ތިމަންނާމެންނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ތިމަންނާމެންނަށް ފެނުނޭ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކޮވިޑުގެ ތެރޭގައި، ރާއްޖޭގައި ތިއްބެވި ސިއްހީ މާހިރުންނާއި، ސަރުކާރުގައި ތިއްބެވި މިނިސްޓަރުންނާއި، އަދި ޓޫރިޒަމް ދާއިރާގެ ބޭފުޅުން އެމަނިކުފާނަށް އެރުވި ލަފާގެ ނަތީޖާ ކަމަށެވެ. އަދި ސިޔާސަތުތައް ކަނޑައަޅަންވާނީ، އެ ކަމެއްގައި ހިމެނޭ ހުރިހާ ބައެއްގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް