އެންވަޔަރަމަންޓް މިނިސްޓްރީން ލަބީޤް ވަކިކުރައްވައިފި

Loading

Facebook
Twitter
WhatsApp

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލަބީޤް މުޙައްމަދު މާހިދު މިއަދު އެ މަގާމުން ވަކިކުރައްވައިފިއެވެ.

މއ.މަނަދޫ ވިއު، ލަބީޤް މަގާމުން ވަކިކުރެއްވިކަން އަންގަވައި ރައީސް އޮފީހުން އޭނާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާ މަގާމުން ވަކިކުރެއްވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ސަރުކާރުން މިހާރު ގެންދަނީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އިސް މަގާމުތަކުން ވަކިކުރައްވަމުންނެވެ. އެ ގޮތުން ރައީސް އޮފީހުގެ މިނިސްޓަރުކަމުން އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އިއްޔެ ވަކިކުރައްވާފައިވާއިރު, ސަރުކާރުގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވަން އުފައްދާފައިވާ ކުންފުނި, އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދު މިއަދު ވަނީ އެ މަގާމުން ވަކިކުރައްވައިފައެވެ.

މީގެއިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވަނީ އެ މަގާމުން ވަކިކުރައްވައިފައެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ, ސިޔާސީ ވަކި ފިކުރަކަށް ނުވަތަ ކުލަޔަކަށް ތާއީދުކުރުމުގެ ސަބަބުން ސިވިލް ސަރވިސް ނުވަތަ ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ އެހެން މަގާމެއްގައި އުޅޭ މީހެއް ނަމަވެސް ވަޒީފާ އަދާކުރުމަށް ހުރަހެއް އޮވެގެން ނުވާނެ ކަމަށާއި, އެ މީހަކު ތާއީދުކުރާ ނުވަތަ ގަބޫލުކުރާ ފިކުރަކާ ގުޅިގެންނެއް ވަޒީފާ ގެއްލިގެންނެއް ނުވާނެ ކަމުގައެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ޚިޔާލު ތަފާތުވާ ބަޔަކަށް ވަޒީފާއިން ވަކިވާކަށެއް ނުޖެހޭނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި ހުރިހާ ކުލަޔަކަށް, ހުރިހާ ޕާޓީއަކަށް ތާއީދުކުރާ ފަރާތްތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް