އެމްޑީއެން އުވައިލީ ނަމެއްގައި, ފިޔަވަޅެއް އަޅާކަށް ބޭނުމެއްނުވޭ

Loading

Facebook
Twitter
WhatsApp

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިލަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާޢީލް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އޭނާއާ ދެކޮޅަށް ނިންމަވައިފިއެވެ.

އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ”ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް“ ގެ ނަމުގައި އެމްޑީއެންއިން ރިޕޯޓެއް ނެރުމާ ގުޅިގެން ރައްޔިތުން އިހުތިޖާޖު ކުރަން ފެށުމުން ކުރިމަތިވި ޕްރެޝަރުތަކާއެކު ސަރުކާރު އެ ޖަމްއިއްޔާ އުވައިލަން ނިންމެވީ 2019 ޑިސެމްބަރު 19 ގައެވެ.

އެ ނިންމެވުމަކީ ގާނޫނާ ޚިލާފު ބާތިލު ނިންމުމެއްކަން ކަނޑައަޅައި ދެއްވުން އެދި ޝަހިންދާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން މިއަދު ވަނީ ހުކުމް ކުރައްވައިފައެވެ.

ސިވިލް ކޯޓުން ކުރެއްވި ހުކުމުގައިވަނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ހިމަނާފައިވާކަން ފާހަގަކުރައްވައިފައެވެ.

އަދި އެ ޖަމްއިއްޔާގެ ރަޖިސްޓްރީ ބާތިލުކުރުމަށް ޔޫތު މިނިސްޓްރީގެ ދަށުގައިވާ ޖަމްއިއްޔާތަކާބެހޭ ރަޖިސްޓްރާރ ނިންމާފައިވަނީ ޖަމްއިއްޔާތަކާބެހޭ ގާނޫނުގައި ބުނާ އިޖުރާއަތު ފުރިހަމަކުރުމަށްފަހު ކަމަށް ވެސް ހުކުމުގައިވެއެވެ.

އެހެންކަމުން އެ ނިންމުމަކީ ގާނޫނާ ޚިލާފު ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ވަނީ ހުކުމް ކުރައްވައިފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެމްޑީއެން އުވައިލީ އެ ނޫން ގޮތެއް ނެތިގެންނެވެ. އޭގެ އެއް ހެއްކަކީ އެ ޖަމްއިއްޔާ އުވައިލަން ގޮވާލައި ރައްޔިތުން އިހުތިޖާޖުކުރި ދުވަސްކޮޅު ދެފަހަރެއްގެ މަތިން ރައީސް އޮފީހުން ޝަހިންދާއަށް ގުޅުއްވައި ޖަމްއިއްޔާ އުވައިނުލާނެކަމުގެ ޔަގީންކަން ދެއްވާފައިވުމެވެ.

ރައީސް ޞާލިޙްގެ އެންގެވުމަށް ޝަހިންދާއަށް އެއްފަހަރު ގުޅުއްވީ ރައީސް އޮފީހުގެ ސެކެޓްރީއެކެވެ. ދެން ގުޅުއްވީ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރެވެ.

“އަޅުގަނޑުގެ ތަޖުރިބާގައި ރައީސް ޞާލިޙަކީ ކަނޑައެޅިގެން ދޮގުހަދާ މީހެއް. 2019 ގައި އަޅުގަނޑުމެންނާ ދިމާކޮށްގެން [ރައްޔިތުން އަޑުއުފުލިއިރު] އުޅުނުއިރު ސީދާ ރައީސްގެ މެސެޖެއް ދިނުމަށް ރައީސް އޮފީހުގެ އިސް ދެބޭފުޅަކު އަޅުގަނޑަށް ފޯނުން ގުޅި. ސެކެޓްރީއަކާއި ޗީފް އޮފް ސްޓާފް. ‏ދެ ކޯލުގައި ވެސް ބުނީ އެމްޑީއެން އުވާނުލާނެކަމުގެ ޔަގީންކަން ދޭކަމަށް. ދެން ބުނީ އުވައިލާނަމަ އެ ދެެވެނީ ތިޔަ އެންމެން މަރާލަންކަން އެނގޭކަމަށް. އުވައިލީ ދެވަނަ ކޯލުގެ ފަސް ދުވަސް ފަހުން.“ ދާދި މިދާކަށް ދުވަހު ޝަހިންދާ ބުނެފައިވެއެވެ.

ފިޔަވަޅެއް ނޭޅުއްވި, ދެއްވީ އިސް މަގާމުތައް:

އެމްޑީއެންގެ މައްސަލަ ތަހުގީގުކުރަން ބަލާއިރު, ފުލުހުންގެ ވެރިޔަކަށް ހުންނެވި މުޙައްމަދު ޙަމީދަކީ އެމްޑީއެންގެ ކޯ ޗެއަރ އަކަށް ހުންނެވި ބޭފުޅާއެވެ.

ތަހުގީގުކޮށްފައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ބަލާއިރު, ޕީޖީއަކަށް ހުންނެވީ ރިޕޯޓު ނެރުނުއިރު އެ ޖަމްއިއްޔާގެ ރައީސަކަށް ހުންނެވި ޙުސައިން ޝަމީމެވެ. ނަމަވެސް ޝަމީމް ވިދާޅުވެފައިވަނީ އެމްޑީއެންއިން ރިޕޯޓު ނެރުނުއިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައިކަމަށާއި އެ ރިޕޯޓު ނެރުމުގައި އަމަލީ ގޮތުން އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.

އެކަން ބާއްވާފައި ސްޕްރީމް ކޯޓާއި ހަމައަށްދާއިރު, ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދަކީ އެ ޖަމްއިއްޔާގައި އޭރު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

ހަމައެހެންމެ ރިޕޯޓު ލިޔުނުއިރު އެ ޖަމްއިއްޔާގެ ޗެއަރޕާރސަނަކަށް ހުރި ޢާއިޝަތު ނޫޝިން ވަޙީދު މިހާރު ހުންނަވަނީ ރައީސް އޮފީހުގެ ކައުންޓަރ ޓެރަރިޒަމް ކޮންސަލްޓެންޓުގެ މަގާމުގައެވެ.

މީގެއިތުރުން ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ 2020 އަހަރުގެ ޑިސެމްބަރު 25 ގައި ޅ.ނައިފަރު, އުފާ މުޚުތާރު ފަހުމީ އާންމުކުރި ވީޑިއޯއެއްގައި އެމްޑީއެންއާ ގުޅިގެން ދައްކާފައިވާ ވާހަކަތަކެވެ. 

އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ގަބޫލުނުކުރާ ކަމަށް ބުނަމުންދާ އުފާ ބުނި ގޮތުގައި އެމްޑީއެންގެ އަސްލު ވެރިޔަކީ ޝަހިންދާއެއް ނޫނެވެ. އޭނަ ބުނި ގޮތުގައި އަސްލު ވެރިންނަކީ ރައީސް މުޙައްމަދު ނަޝީދާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

އެމްޑީއެންގެ މައްސަލަ ފުލުހުން ކުރިއަށް ގެންދާ ކަމަށާއި ނަމަވެސް ތަހުގީގު މަޑުޖެހިފައި އޮތީ އެމްޑީއެންގެ އިސް ފަރާތްތައް ރާއްޖޭގައި ނެތުމުން ކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ. އެ މީހުން ރާއްޖެ އައިހާ އަވަހަކަށް އެ ތަހުގީގު ކުރިއަށްދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޝަހިންދާ ދިިރިއުޅޭ ތަނާއި ހުރިހައި މަޢުލޫމާތެއް ދިވެހި ސަރުކާރަށް އެނގޭ ކަމަށާއި ނަމަވެސް ތަހުގީގަށް ހާޒިރުވާން އޭނާއަށް އަންގާފައިނުވާ ކަމަށް އޭނާގެ ބޭބެ އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެފައިވެއެވެ.

“އޭނާ އުޅޭ ތަނާއި އެޑްރެހާއި ފޯނު ނަންބަރާއި އީމެއިލްއާއި ދިވެހި ސަރުކާރަށް އެނގޭ“ އިބްރާ ވިދާޅުވެފައިވެއެވެ.

އިބްރާ ވިދާޅުވެފައިވާ ގޮތުން ޝަހިންދާ ދިރިއުޅޭ ގައުމުގައި ހުންނަ އެމްބަސީއަށް ވެސް އޭނާ ކަންކަމުގައި ދެއެވެ. ނަމަވެސް އެއްއިރަކު ވެސް އަންނާކަށް ނާންގައެވެ.

ފާހަގަކޮށްލެވޭ އަނެއް ނުކުތާއަކީ އިންތިގާލީ އިންސާފު ހޯދައިދިނުމަށް އެކުލަވައިލި ބިލަށް ޚިޔާލު ހޯދަން 2020 އަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްްވި ފޯރަމުގައި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް ޝަހިންދާއަށް ދީފައިވާ ކަމެވެ.

Loading

One Response

  1. ދެން ތިމީހުންގެ ވާހަކަ ނުދައްކާ ވޯޓަށް ތައްޔާރުވާށެވެ. ޓްރަސްޓްކޮށް ވެރިކަން ދިނީމާ ނަހަލާލުވީމާ ދެން ބަދަލުކުރަން ޖެހޭނީ. އިބްރާހިމްގެ ވާހަކަ ދެން ނުދައްކާށެވެ. ނަޝީދާއި އިބްރާހިމް އެކުޅޭގޭމް އޯވަރ ވީއެވެ. ބްރީފް އޮފް ޓްރަސްޓް މަސްޓް ބީ ޕަނިޝްޑް. އެއީ ވޯޓުން ކަޓުވާލާފަ އެއްލާލުމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް