ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ޙުސައިން ރިޟާގެ ކެމްޕޭން މިއަދު ފަށައިފިއެވެ.
ޕީޕީއެމްއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ރިޟާގެ ޑޯޓުޑޯ ކެމްޕެއިން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕާއެކު މިއަދު ދާއިރާގެ ތިން ރަށުގައި ކުރިއަށްދާނެ ކަމަށެވެ.
ޕީޕީއެމްގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި ތ.ގުރައިދޫ ދާއިރާގެ މުޙައްމަދު ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއާ އިތުރު ބޭފުޅުންނާއެކު ޙުސައިން ރިޟާ މިހާރު ވަނީ ދޮރުން ދޮރަށް ހިންގަވަން ފަށްޓަވައިފައެވެ. އެ ގޮތުން ގޭގެއަށް ޒިޔާރަތް ކުރައްވައި ޙުސައިން ރިޟާ ގެންދަވަނީ ރައްޔިތުންގެ ހާލަތު ބައްލަވަމުންނެވެ.
ޙުސައިން ރިޟާއަކީ އެ ދާއިރާގެ މެންބަރު ކަމުގައި ކުރިން ހުންނެވި އަލްއުސްތާޒު އިބްރާހިމް ރިޟާގެ ކޮއްކޮއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 23 ވަނަ ދުވަހު އިބްރާހިމް ރިޟާ އަވަހާރަވުމާ ގުޅިގެންނެވެ. މި އިންތިޚާބު އޮންނާނީ އޭޕްރީލް 15 ވާ ހޮނިހިރު ދުވަހުއެވެ.
މި އިންތިޚާބުގައި އެމްޑީޕީންނާއި އެމްއެންޕީން ވެސް ވާދަކުރާނެއެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އިބްރާހިމް ޝާޒް, ފައިވްރޯސް/ކ.ގުރައިދޫ އެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ ޢަލީ އަރީފް ފިޔާތޮށިގެ/ކ.ގުރައިދޫއެވެ.
![]()
