ސަރުކާރުން ބުނަނީ ބުރިޖުގެ ޝެޑިއުލް ހާމަނުކުރެވޭނެ ކަމަށް

Loading

Facebook
Twitter
WhatsApp

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ޝެޑިއުލް ހާމަކުރެވެން ނެތް ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ. 

 “މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ“ ދަށުން, އަމިއްލަ ފަރާތަކުން ތިލަމާލެ ބުރިޖުގެ ޝެޑިއުލް ހޯދުމަށް އެދި ޕްލޭނިންގ މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ބުނީ ޝެޑިއުލް ހާމަކުރެވެން ނެތް ކަމަށެވެ.

“ތިލަމާލެ ބުރިޖު މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާއެކު ވެފައިވާ އެއްބަސްވުމަށް ރިއާޔަތްކޮށް އެ އެއްބަސްވުމުގައި ހިމެނޭ ބައިތަކުގެ ކޮންފިޑެންޝަލިޓީ ހިފަހައްޓަންޖެހޭތީވެ އަދި މި މަޝްރޫއުގެ ޝެޑިއުލްއަކީ ވެސް އެއްބަސްވުމުގެ ބައެއް ކަމަށްވާތީ މި މަޝްރޫއުގެ ޝެޑިއުލް ދެވެން ނެތްކަމަށް ދަންނަވަމެވެ.“  މިދިޔަ މަހުގެ ހަވަނަ ދުވަހު އަޙްމަދު އަފްރާހު އިސްމާޢީލް ކިޔާ މީހަކު ފޮނުވި ސިޓީއަށް މިނިސްޓްރީން ދިން ޖަވާބުގައިވެއެވެ.

 މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މަރްޔަމް ޝަހުދާ ސޮއިކުރައްވައި ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ 

އެ މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތަށް ބުރިޖުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ދެ މައިލްސްޓޯންއަކަށް ކަމަށެވެ. 

ފުރަތަމަ މައިލްސްޓޯންއަކީ މާލެއިން ފެށިގެން ގުޅިފަޅަށް ބުރިޖުގެ މަސައްކަތް އަންނަ ޑިސެމްބަރުގެ ނިޔަލަށް ނިންމުން ކަމަށާއި އަދި ދެވަނަ މައިލްސްޓޯންއަކީ އަންނަ އަހަރުގެ މެއި މަހަށް ގުޅިފަޅުން ފެށިގެން ތިލަފުށްޓާ ހަމައަށް ބުރިޖުގެ މަސައްކަތް ނިންމުން ކަމަށެވެ.

ބުރިޖުގެ މަސައްކަތްތައް އިންޑިއާގެ އެފްކޮންސްއާ ހަވާލުކުރީ 2021 ގައެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. މީގެ އިތުރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދީފައިވެއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރާ ކުންފުންޏަކީ މަޝްރޫއު ހިންގުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ނޫންކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އަދި ހަމައެއާއެކު ބުރިޖުގެ މަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދާތީ ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. 

ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން އަންނަނީ އެކި ފަހަރު އެކި ތާރީޚު ދެމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް